(24 ޑިސެމްބަރ 2019 އާ ގުޅޭ)
"އަހަރެން އައުމުން ހޭޒަލްއަށް އުނދަގޫވީތަ؟" ރިޒްވާން އަހާލީ މަޑުމަޑުން ލަސްލަހުންނެވެ. ހޭޒަލް ދެފަރާތަށް ބޯހޫރާލި އެވެ. އޭނާ ރިޒްވާނު ގާތު ސުވާލެއް ކުރަން ބޭނުންވެ އެވެ. އެހެންވިޔަސް އެއީ އެ މަޤާމުގައި ހުންނަ މީހަކާ ކުރަން ލަދުވެތި ސުވާލު ތަކެކެވެ. ނުކެރިފައި އިނދެ ވެސް ހޭޒަލް ވާހަކަދެއްކި އެވެ. ރިޒްވާނު ސިހުނީ ހަޔާތުގައި ދުވަހަކުވެސް ނުސިހޭވަރަށެވެ. ހޭޒަލްގެ ސުވާލު އަމާޒުވީ ދުވަހަކުވެސް ރިޒްވާނުގެ ވިސްނުން ހިންގާފައިނުވާ ދިމާއަކަށެވެ.
"ޒެލް!..." ލިބުނު ހައިރާންކަމާއެކު ރިޒްވާނަށް މަޑުމަޑުން ކިޔާލެވުނެވެ.
"ބުނެބަލަ!... މަންމައަށްވުރެ ރީތި އެހެން އަންހެނުން ފެނުނީމަ އެމީހުންނާ ވާހަކަދައްކާހިތެއްނުވޭތަ؟، އަބަދު އެކަކާއެކު މިހާދުވަހު އުޅުމުން ފޫއްސެއްނުވޭތަ؟، ތަފާތު އާކަމެއް ކޮށްލުމުގެ ޚިޔާލެއް ނާދޭތަ؟... ފިރިހެނުންނަށް އެންމެ އަންހެނަކުން ނުފުދޭނެތީއެއްނު ގިނަ އަނބިންތަކެއް ގެންގުޅުމުގެ ހުއްދަ އޮންނަނީ... އަނތްބެއްގެ ގޮތުގަ މީހުންނަށް ދައްކަން ބޭނުންވަނީ ހަމައެކަނި މަންމަ ދޯ، އެހެން އަންހެނުންނަކީ ހަމައެކަނި ހިތްއުފާކޮށްލާ ބަޔަކަށްވާން ދޯ ބޭނުންވަނީ" ހޭޒަލް ކުރި ސުވާލު ތަކުރާރުކޮށްލަމުން އިތުރު ސުވާލުތައް އަމުނާލި އެވެ.
ފިނިނޭވާއެއް ދޫކޮށްލި ރިޒްވާން ފުންކޮށް ވިސްނާލި އެވެ. އޭނާއާއި ސާއިރާއާ ގުޅުވާ ހޭޒަލް އުފައްދާ ސުވާލުތަކުގައި ފޮރުވިފައި އޮތީ ކީކޭކަން ދެނެގަންނަން ރިޒްވާން މަސައްކަތްކުރި އެވެ. ހޭޒަލްއަކީ އެފަދަ ވިޔާނުދާ ޒާތީ ސުވާލުތަކެއް ހަމަހުރެފައި ކުރާނޭ ކުއްޖެއްނޫންކަން ރިޒްވާނަށް ރަނގަޅަށް އެނގެ އެވެ. އަނެއްކޮޅުން ރިޒްވާނުގެ ފުށުން ހޭޒަލް ސުވާލު އުފެދޭވަރުގެ ވިޔާނުދާ އުޅުމެއް ނުފެންނާނޭކަން އޭނާއަށް އެނގެއެވެ. އޭނާއަކީ އެއްވެސް އިރެއްގައި އަޚުލާޤުދަށް މީހެއް ނޫނެވެ. އެފަދަ ސުވާލެއް އޭނާއާ ގުޅުވައި މީހަކު ކޮށްފިނަމަ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ރުޅި އާދެވޭނެ އެވެ. އެކަމަކު އެ ޖަޒުބާތު ފާޅުނުވީ އެ ސުވާލު ކުރިމަތިވީ އޭނާ ޤަބޫލުކުރަމުން އައި އަންހެން ދަރިފުޅުގެ ދުލުންވީމަ އެވެ. މިވަގުތަކީ އެ ދަރިފުޅުގެ ދިރިއުޅުން ދަތިވެފައިވާ ވަގުތެކެވެ. ޢާއިލާގެ ގާތްކަން އެ ދަރިފުޅަށް ބޭނުންވެފައިވާ ވަގުތެކެވެ.
"އަންހެނުންނަކީ ހަމައެކަނި ހިތްއުފާކޮށްލަން އޮތް މެދުވެރިއެއްނޫން، އެމީހުންނަކީ ކާމިޔާބު ރަނގަޅު ދިރިއުޅުމެއްގެ އަސްލު، ސާއިރާއަކީ ﷲ އަހަންނަށް ޓަކައި ދެއްވި ނިޢުމަތެއް، އޭނާއާއެކު ދެ ދަރީންގެ ނަސީބު އަހަންނަށް ލެއްވި، އެމީހުންނަކީ އަހަރެންގެ މުޅި ދުނިޔެ، އަހަރެންގެ ހުރިހާ އުފަލަކާ ހަމަޖެހުމެއް، އެ ހިތްހަމަޖެހުން އަމިއްލަ އަތުން ނަގާލާނީ މޮޔައެއް، އެވަރުކަމެއް ކުރާކަށް ދުވަހަކުވެސް ވިސްނުމުގައެއްނެތް، ރީތި މީހުން ފެނޭ، އެކަމަކު ހިތުގެ ސާބިތުކަން ގެއްލެންވީ ކަމެއްނޫން އެއީ، ހަޤީޤީ ބައިވެރިޔާގެ މަތިން ހަނދާންނެތެންޖެހޭވަރު ކަމެއްނޫން އެއީ... އެ ދަޅަތަކުގައި ޖެހި އަމިއްލަ ނަފްސަށް އަނިޔާއެއްދޭންވީ ކީއްކުރަން، އަހަންނަށް ނުފުދޭކަމެއްނުވޭ، އެއްވެސް މީހަކީ ހުރިހާ ގޮތަކުން އެންމެ ފުރިހަމަ މީހާއެއްނޫން، އެކަމަކު އެ ފުރިހަމަކަން އަންނަނީ އައިބުތަކާއެކު އެމީހާ ބަލައިގަތުމުން، ﷲ ދެއްވާ މިންވަރަށް ރުހޭނަމަ ފެންނަހާ ރީތި އެއްޗެއްގެ ފަހަތުން ދުވުމުގެ ބޭނުމެއްނެތް... އަހަންނަށް ސާއިރާއާއި ދެ ދަރީން ފުދޭ، އޯގާތެރި ވަފާތެރި އަނތްބެއް ސާއިރާއަކީ، އޭނާގެ ހިތުގައިޖެހޭވަރު ކަމެއް އިރާދަކުރެއްވިއްޔާ ނުކުރާނަން، އާތިޝްއާއި ހޭޒަލްއަކީ އަހަރެންގެ ވެސް ދަރީން، އެކުދީންނަށް ޓަކައި މި ބައްޕަ އެއްވެސް ކަމެއްގަ ފަހަތަކަށް ނުޖެހޭނެ، ހޭޒަލް!... ދަރިފުޅާ!... ފިރިހެނުންނަށް ގިނަ އަނބީން ހުއްދަވަނީ އެންމެ އަންހެނަކު ނުފުދޭތީއެއްނޫން..." އަނބީން ގެންގުޅުމުގައި ފިރިހެނުންގެ މައްޗަށް އިސްލާމްދީނުގައި ކަނޑައެޅިފައި އޮންނަ ގޮތް ރިޒްވާނު ވަރަށް ތަފްސީލުކޮށް އޮޅުންފިލުވައި ދިނެވެ. އަދި މިނޫނީ ދުވަހަކުވެސް ރިޒްވާނު ދަރިފުޅާއޭ ކިޔާ ހޭޒަލްއަށް ގޮވައެއްނުލަ އެވެ. އިސްއޮބާލައިގެން އިން ހޭޒަލް މޫނުގައި ދެއަތް އެޅި އެވެ. ރޮވި ގިސްލެވުމުގެ އަޑު ކުޑަހިނދުކޮޅެއްގެ ތެރޭ އިވެންފެށި އެވެ.
"ލިއަމް އެހެންމީހަކާ އިންނަން ބޭނުންވީތަ؟" ރިޒްވާނު އަހާލިއެވެ. މޫނުގައި އަތްއަޅައިގެން އިނދެ ރޮމުންދިޔަ ހޭޒަލް ދެފަރާތަށް ބޯހޫރާލި އެވެ. ރިޒްވާނާ ކުރެވުނު ސުވާލުތަކާ މެދު އޭނާ ލަދުގަނެއް އެހާމެ ދެރަވެއްޖެ އެވެ. އެހެންވިޔަސް ހިތުގައި ލިއަމްގެ މައްޗަށް އޮތް ނަފުރަތަކާއި ޝަކުވާތަކުގެ ސަބަބުން ހޭޒަލްއަށް ކުރެވުނު ކަމެކެވެ. ފިރިހެނުންނާމެދު ހޭޒަލްގެ ހިތުގައި ފޫހިކަން އުފެދިފައިވެ އެވެ. ފިރިހެނެއްވެއްޖެއްޔާ މަކަރުވެރިވާނޭ ހޭޒަލްއަށް ހީވަނީ އެވެ. ދޮގު ހަދައި އޮޅުވާލަން އެމީހުން ވަރަށް ކުޅަދާނަވާނޭ ހީވަނީ އެވެ.
ހޭޒަލްގެ ނަމުން ރިޒްވާނު ގޮވާލި އެވެ. ހޭޒަލްއާމެދު ލިއަމް އިހާނެތިކޮށް ކަންތައްކޮށްފިއޭ ރިޒްވާނު ބުންޏެވެ. ވީކިހިނެއްތޯ ވެސް އެހި އެވެ. ހޭޒަލްއަށް ކަމެއް ކުރެވުނީތޯ ނޫނީ ހުރިހާ ކުށެއްކުރި މީހަކީ ލިއަމްތޯ ރިޒްވާނު އެއްސެވެ. އަދި ހޭޒަލްގެ ބުރަކަށީގެ މެދެއްހާ ހިސާބުގައި ރިޒްވާނު އަތްޖައްސާލީ ފިރުމާލާށެވެ. ނަމަވެސް އެ ކުޑަ ބީހުމާއެކު އޭނާއާ ގާތަށް ހޭޒަލް އަރިވެލި އެވެ. ވަގުތުން ހޭޒަލްގެ ފުރަގަހުން ކޮނޑުގައި ހިފާލައި ރިޒްވާނާ ގާތްކޮށްލި އެވެ.
"ކީއްވެތަ ބައްޕަ ކަހަލަ މީހަކަށް ލިއަމްނުވީ؟" ރޮވި ގިސްލެވިފައިވާ އަޑުން ހޭޒަލް ސުވާލުކުރި އެވެ. ހޭޒަލްގެ ވައަތްފަރާތު ކޮނޑުން ފެށިގެން އުޅަންބޮށްޓާ ދޭތެރޭ ރިޒްވާނު ފިރުމާލި އެވެ. އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން ހޭޒަލް އިންއިރު އެ މޫނު އަދިވެސް ވަނީ ދެއަތްތިލަ އިން ނިވާކޮށްފަ އެވެ. ރިޒްވާނާ ކުރިމަތިލާން ހޭޒަލްއަށް ނުކެރިފައި އިން ކަހަލަ އެވެ.
"އެންމެންވެސް އިތުބާރުކުރަނީ ލިއަމްއަށް... އެންމެންވެސް ދައްކަނީ އޭނާ އަޅުގަނޑުދެކެ ލޯބިވާވަރު..." ގިސްލެވިފައިވުމުން ހޭޒަލްއަށް ވާހަކަދެއްކެނީ ހުއްޓަހުއްޓާފަ އެވެ. ހޭޒަލް ބުނަން އެ މަސައްކަތްކުރަނީ އޭނާއަށް ހާމަކުރަން ކިހާ އުނދަގޫ ވާހަކަތަކެއްކަން ރިޒްވާނަށް އިޙްސާސް ކުރެވުނެވެ. އިހުނަށްވުރެ އޭނާއާ ހޭޒަލް ގާތްކޮށްލެވުނީ އެހެންވެ އެވެ. އޯގާތެރިކަމާއެކު ހޭޒަލްގެ ބޮލުގައި ރިޒްވާނު ބޮސްދިނެވެ. ވާހަކަނުދައްކާށޭއާއި ނުރޯން ބުނަން ރިޒްވާން ބޭނުންވި އެވެ. އެހެންވިޔަސް އެހެންނުބުނީ ސަބަބެއް އޮވެގެންނެވެ. ޢާއިލާގެ ގާތަށް ހޭޒަލް އައިފަހުން ލިއަމްއާ ގުޅުވާ ހޭޒަލް ވާހަކަދެއްކީ އަދިކިރިޔާ އެވެ. ވީއިރު އޭނާ ބުނަންއުޅޭ އެއްޗެއް އަޑުއަހަން ރިޒްވާނު އިނީ ކެތްތެރިކަން ކުޑަވެފަ އެވެ.
"ލިއަމް އެހެންކަންތައް ކުރާނޭކަން އެކަކުވެސް ޤަބޫލެއްނުކުރާނެ..." ހޭޒަލް ބުންޏެވެ.
"އެކަކު ޤަބޫލުނުކުރިޔަސް މަންމައާއި މި ބައްޕަ ޤަބޫލުކުރާނަން... ލިއަމްއަށްވުރެ ބޮޑަށް އޭނާދެކެ ދަރިފުޅު ލޯބިވާކަން ބައްޕައަށް އެނގޭ" ހޭޒަލްގެ ބޮލުގައި ރިޒްވާނު ފިރުމާލި އެވެ. ހޭޒަލް ބޯޖަހާލަމުން ހޫން ލައްވާލި އެވެ.
"އަޅުގަނޑު ވަރަށް ލޯބިވޭ... ވަރަށް ބޮޑަށް ލޯބިވޭ..." ހޭޒަލްއަށް ކުރިއަށްވުރެ ބޮޑަށް ރޮވިއްޖެ އެވެ. އޭނާ ލިއަމް ކައިރިން އަމިއްލައަށް ވަރިވި ނަމަވެސް އެގޮތް އޭނާ ބޭނުންނުވާކަން ރިޒްވާނަށް ޔަގީންކުރެވުނެވެ. ހަމައެއާއެކު އަންހެނަކާ ލިއަމްއާ ގުޅުމެއްވެޔޭ ރިޒްވާނުގެ ޟަމީރު އެއްބަސްވި އެވެ. އޭނާ އެއްވެސް ސުވާލެއްކޮށްފިނަމަ ހޭޒަލް ވާހަކަނުދައްކާ ހުއްޓާލަފާނޭ ކަމުގެ ބިރު ރިޒްވާނުގެ ހިތުގައި އުފެދުނެވެ. އެހެންވެ ހިތާއި ސިކުނޑީގައި އުފެދޭ ސުވާލުތައް އޮއްބާލައި އޭނާ ކެތްތެރިވި އެވެ. މި ނާޒުކު ވަގުތުކޮޅު އިތުރު ތަކުލީފެއް ހޭޒަލް ލިބޭކަށް އޭނާ ނޭދެ އެވެ.
އެކި ދިމާލުން އެކި ދުވަސްމަތިން ހޭޒަލްއަށް ފެނިފައި ހުރި ކަންކަން އޭނާ ހާމަކުރި އެވެ. ރިޒްވާނު އިނީ ފަރުވާތެރިވެ ކަނުލާ އަޑުއަހާށެވެ. ހޭޒަލްގެ ވާހަކަތަކެކޭ އަރަތެކޭ އެއްގޮތެވެ. އެހެންނަމަވެސް ރިޒްވާނަކީ ވިސްނުންތެރި އެކެވެ. އޭނާ ހުރިހާ ވާހަކައެއް ގުޅުވައި ކަމުގެ އަސްލު ހޯދި އެވެ. ހޭޒަލް ކިޔާދޭ ވާހަކަތައް މަންޒަރުތަކެއް ފަދައިން ރިޒްވާނުގެ ލޯކުރިމަތިން ސިފަވުމުން ދިޔައެވެ. ދެތިން ފަހަރަށް އޭނާއަށް ދަތްކުނޑިވިކާލެވުނެވެ. އެންމެން ވެސް ލިއަމްގެ ވާހަކަ ޤަބޫލުކުރެޔޭ ހޭޒަލް ބުނި ބުނުން ރިޒްވާނަށް ފަހުމްވީ ދެނެވެ. ޚުދު އޭނާ ވެސް ހޭޒަލްއާއި ލިއަމް ވަކިވީ ލިއަމްގެ ޢަމަލުތައް ހުރި ގޮތުންކަމަކަށް ހިޔެއްނުކުރެ އެވެ. އެހިސާބަށް ލިއަމްގެ ޢަމަލުތައް ހިނގައިދާނޭ ވެސް ވިސްނިފައެއްނެތެވެ. ހޭޒަލްގެ ކޮނޑުގައި ފިރުމާލުމާއެކު ބޮލުގައި ރިޒްވާނު ބޮސްދިނެވެ. ހޭޒަލްގެ ފުށުން ފެންނަ އަލާމާތްތަކަކީ ލިއަމްގެ މުޑުދާރު ޢަމަލުގެ ނަތީޖާކަން ރިޒްވާނަށް ޔަގީންވެއްޖެ އެވެ. އެއާއެކު ކޯޓުގައި ލިއަމް އުޅުނު ގޮތުގެ ހަނދާންތައް ރިޒްވާނަށް އާވެގެންދިޔައެވެ. ލިއަމްއާ ވަކިވުމަކީ އެންމެ ރަނގަޅު ނިންމުންކަމުގައި ސާއިރާ ނުދެކޭކަން ރިޒްވާނަށް އެނގެ އެވެ. އެކަމަކު މިއަދު ޚުދު ރިޒްވާނު އެހެންވާކަށް ނޭދެ އެވެ. ދެން ދުވަހަކުވެސް ލިއަމްގެ ހިޔަނި ހޭޒަލްގެ ދިރިއުޅުމަށް އެޅޭކަށް އޭނާއަށް ޤަބޫލެއްނުވެވޭނެ އެވެ. ގަދަރުޅިއަކާއި ބަދަލުހިފުމުގެ ރޫހެއް ރިޒްވާނުގެ ނަފްސުގައި އުފެދުނެވެ. ނަމަވެސް އެ ޖަޒުބާތުތަކުގެ މައްޗަށް އޭނާގެ ޟަމީރު ކުރި ހޯދި އެވެ. ރިޒްވާނަކީ މީހުންގެ މައްޗަށް އަނިޔާވެރި މީހަކަށް ނުވާތީ އެވެ. ބަދަލު ހިފުމަށްވުރެ އެފަދަ ނުބައި މީހުންގެ ކިބައިން ދަރިފުޅު ރައްކާތެރިކުރުން މާ މުހިންމުކަމުގައި އޭނާގެ ޟަމީރު ވިސްނައިދިނެވެ.
ހޭޒަލް ރޮމުން އޭނާގެ ހަޔާތުން ބޮޑުބައެއް ބޭކާރުވެއްޖެކަމުގައި ބުނަމުން ދިޔަ އެވެ. އޭނާއަށް ހާސިލުވީ ކަމެއްނެތްކަމުގައި ބުނެ އެވެ. ބަލިވެ އިންކަން އެކަކު ގާތުގައި ވެސް ނުބުނެވުނީ އެއީ ލިއަމްގެ ދަރިއަކަށްވެފައި އެވަގުތު ހަދާނޭ ގޮތެއް ނޭނގިގެންކަން ހޭޒަލް ބުންޏެވެ. އެކުއްޖާ ބޭނުމެއްނޫނޭ ވެސް ހޭޒަލް ހިތަށް އެރިކަން ހާމަކުރި އެވެ. އެކަމަކު އޭނާ ވަރަށް ދުޢާކުރި އެވެ. އެފަދަ ނުބައި ޚިޔާލުތަކާ ދުރުކޮށް އޭނާއަށް ރަނގަޅު ގޮތް ދެއްކެވުމަށް އެދި އެވެ. އެހެންނަމަވެސް ހޭޒަލްއަށް ޤަބޫލުކުރެވުނީ އޭނާ ބައިގެންދިޔައީ އޭނާ އެކުއްޖާ ބޭނުންނުވީމަ ކަމުގަ އެވެ. ހޭޒަލްއަށް ފާފަ ލިބޭނޭ އޭނާ ބުނެލިއިރު އެ މޫނާއި ލޮލުގައިވީ މައުސޫމްކަން ރިޒްވާން ދުށްޓެވެ. އެ ވާހަކަތައް އަޑުއެހުން ފަސޭހަކަމަކަށް ރިޒްވާނަށް ނުވި އެވެ. އޭނާގެ ދެ ލޯ ފެންކަޅިވުމުން އަވަސްއަވަހަށް އެސްފިޔަ ޖަހާލި އެވެ. ފިނިނޭވާއެއް ބޭރުކޮށްލި އެވެ. ކަރުނަތައް ހިންދާލަން ރިޒްވާން މަސައްކަތް ކުރި އެވެ.
ސާއިރާއަށް އެއްވެސް ވާހަކައެއް ކިޔާނުދިނުމަށް ހޭޒަލް އެދުނެވެ. ރިޒްވާނުހާ ހިތްވަރުގަދައެއް ސާއިރާ ނުވާނޭ ހޭޒަލް ބުންޏެވެ. ލިއަމްދެކެ ސާއިރާ ވަރަށް ލޯބިވެޔޭ ހޭޒަލް ބުންޏެވެ. ލިއަމްގެ ހަޤީޤަތް އެއްވެސް މީހަކަށް ޤަބޫލެއްނުކުރެވޭނެއޭ ހޭޒަލް ތަކުރާރުކޮށްލި އެވެ. އޭނާއާ ހެދި މަންމަގެ ހަމަޖެހުން ގެއްލިއްޖެއޭ ވެސް ހޭޒަލް ބުންޏެވެ. އެންމެން ބޭނުންވިޔަސް ލިއަމްއާއެކު އުޅެންވެއްޖެނަމަ މަރުވެދާނޭ ހޭޒަލް ބުންޏެވެ. އެހިނދު ހޭޒަލްއާ ދިމާއަށް އެނބުރިލުމާއެކު ރިޒްވާނުގެ މޭގައި އޭނާ ފޮރުވާލި އެވެ. ލިއަމްގެ ގާތަށް އެނބުރި ދާން ނުޖެހޭނެކަން ރިޒްވާނު ޔަގީންކޮށްދިނެވެ. އެކަކުވެސް ހޭޒަލްއަށް އެފަދަ މަޖުބޫރެއްނުކުރާނޭކަން ރިޒްވާނު ބުންޏެވެ.
ލިއަމްދެކެ ނަފުރަތުކުރެވުނަސް ހޭޒަލްގެ ހިތުގައި އޮތް ލޯބި މުޅީން ފުހެވިގެންނެއް ނުދިޔަ އެވެ. އޭނާ ބޭނުންވަނީ ހުރިހާ ކަމެއްގެ މަތީން ހަނދާންނެތޭށެވެ. ލިއަމްއާއި އޭނާއާއެކު ހޭދަކުރި ދުވަސްތައް މަތިންނެވެ. ކައިވެނީގެ ބާބު އެ ހަޔާތަށް ދުވަހަކުވެސް ނާންނަކަމުގައި ހަދާށެވެ. އަދި އޭނާއަކީ އިޙްސާސް ކުރެވުމުގެ ބާރު ކެނޑިފައިވާ މީހަކަށް ވާށެވެ. މި ދުނިޔެއިން އޭނާއަށް މިހެންވާންވީ ކީއްވެތޯ ހޭޒަލްއަށް ސުވާލުކުރެވެ އެވެ. އޭނާގެ ފިރިމީހާ ބަދަލުވާންވީ ކިއްވެތޯ އެއްސެވެ. ދުވަހަކުވެސް މައްސަލައެއްނުޖެހި ދެމެދުގައި އެހާ ވަރުގަދަ ލޯތްބެއް އޮތްއިރު ކުއްލިއަކަށް މިހެންވާންވީ ކީއްވެގެންތޯ ހޭޒަލް އެއްސެވެ. އޭނާއަކީ ބޭކާރު މީހެކޭ ވެސް ބުނެވުނެވެ. އަދި ހުރިހާކަމެއް މެދުވެރިމިވަނީ އޭނާއަކީ ރަނގަޅު މީހަކަށްނުވީމަތޯ އެހި އެވެ. ހިތްހަލާކުވެފައިވާ ހޭޒަލް ދެން ދުވަހަކުވެސް މީހަކާ ނީންނާނަމޭ ބުނީ އެވަގުތެވެ. އެއްވެސް ފިރިހެނަކާ އަނގައިން ވެސް ނުބުނާނަމޭ ބުންޏެވެ. ލިއަމްވަނީ އޭނާގެ ހަށިގަނޑު ނަޖިސްކޮށްފައޭ ބުންޏެވެ. އެކަމުގެ ބަލިމަޑުކަން އެ ހަށިގަނޑުން ދުވަހަކުވެސް ނުފިލާނޭ ހޭޒަލް ބުންޏެވެ. ހުރިހާކަމެއް ހަނދާންނެތޭނޭ ގޮތެއް ހަދައިދިނުމަށް ރިޒްވާނުގެ ގާތުގައި ހޭޒަލް އާދޭސްކުރަން ފެށި އެވެ. ދެން އޭނާއަށް ކެތެއްނުވާނޭ ބުނެލި އެވެ. ލިއަމް ހަނދާންނައްތާލުމަށް ޓަކައި ރިޒްވާނު އެދެފި ކޮންމެ ގޮތެއް ހޭޒަލް ޤަބޫލުކުރާނަންކަމުގައި ބުންޏެވެ.
ހޭޒަލް އެދޭ އެދުން ފުރިހަމަކޮށްދެވޭވަރުގެ ކުޅަދާނަކަމެއް ލިބިފައިވާނަމަ އެކަން ކޮށްދޭނެކަމުގެ ޔަގީންކަން ރިޒްވާނު ދިނެވެ. އެހެންނަމަވެސް އިންސާނުންނަށް އެފަދަ ކުޅަދާނަކަމެއް ލިބިފައެއް ނުވެއެވެ. ރިޒްވާނު ވަޢުދުވީ ހޭޒަލްގެ ހިތާމަތައް ލުއިކޮށްދެވެން އޮތް ކޮންމެ ކަމެއް އޭނާ ކުރާނަން ކަމެވެ. އޭނާ ހޭޒަލް ދުލެއްނުކުރާނެކަމެވެ. އެއްވެސް މަންމައަކާއި ބައްޕައެއް ދަރީން ދުލެއްނުކޮށްލާނޭކަން ރިޒްވާން ހަނދާންކޮށްދިނެވެ. ކޮންމެ މުސީބާތަކީ ވެސް ﷲގެ މިންވަރުފުޅުކަން ރިޒްވާން ހަނދާންކޮށްދިނެވެ. ކެތްތެރިވެވެން އޮތް ގޮތަކުން ކެތްތެރިވުމަކީ އެމީހާގެ މައްޗަށް އެންމެ ރަނގަޅު ގޮތެވެ. ހޭޒަލްގެ އަތްތްލައިގަ ރިޒްވާނު ހިފާލައި ބާރުކޮށްލި އެވެ. އޭނާ ހޭޒަލްއަށް ހިތްހަމަޖެހުން ގެނެސްދޭނަންކަމަށް ވަޢުދުވި އެވެ.
ހޭޒަލްގެ ކޮޓަރި ދޮރުމަތިން ތަށިތަކަކާ އެއްޗެހި ވެއްޓުނު އަޑުފަށްގަނޑު އިވުނެވެ. ރިޒްވާނާއި ހޭޒަލްގެ ސަމާލުކަން ދޮރަށް ދެވުނެވެ. ވަގުތުން ރިޒްވާނު ތެދުވެ ދޮރާ ދިމާއަށް ހިނގައިގަތެވެ. ހޭޒަލްއަށް ލޮލާއި ދެ ކޯތާފަތް ފުހެލެވުނެވެ. ރިޒްވާނު ދޮރު ހުޅުވާލި އިރު އަޑުފައިން ތިރިވެ އިނީ ސާއިރާ އެވެ. ތަޅުންމަތީ އޮތް ތަބަށް ނަގައި ވެރުނު ތަށިތައް އޭގައި ބަހައްޓަމުން ދިޔައެވެ. އެ އަތުގައި ތުރުތުރު އެޅުމެއް ހުރިތަން ރިޒްވާނު ދުށްޓެވެ. އޭނާ ތިރިވެލައި ތަބަކުގައި ހިފި އެވެ.
"އަހަރެން ސާފުކޮށްލަފާނަން" ރިޒްވާނު ބުނީ މަޑުންނެވެ. އޭނާއާ ނަޒަރު ސީދާކޮށްލަން ސާއިރާ ބޭނުންނުވާކަން ރިޒްވާނު ދެނަހުއްޓެވެ. އަނބުރާލާފައިވާ ސާއިރާގެ ކޯތާފަތުން ތިރިއަށް ފޭބި ކަރުނައިގެ ރޮނގު ރިޒްވާނަށް ފެނުނެވެ. އޭނާ ސާއިރާއަށް ގޮވާލަންވީއިރަށް އެބައަންނަމޭ ބުނެ ތެދުވެގެން ހިނގައިގަނެއްޖެ އެވެ. ކަންތައްވީގޮތް ރިޒްވާނަށް ސާފުވެއްޖެ އެވެ.
* * * * *
ކޮފީ ޖޯޑުގެ އަތްގަނޑާ ކުޅެލަކުޅެލާ ދާރިއަން އިނެވެ. މޭޒުގެ އަނެއްފަރާތުގައި އޭނާއާ ކުރިމަތިވާނޭހެން އިނީ އިޝްވާ އެވެ. ދާރިއަންގެ ހަރަކާތްތަކަށް ބަލާށެވެ.
"ކުލިނިކުން ނެރިގެން އަހަރެން މިތަނަށް ގެނައީ މޫނުހަދައިގެން ސައިލެންޓް ޓްރީޓްމެންޓް ދޭންތަ؟... ކޮންކަމަކާ ފޫހިވެގެންތަ ތިއުޅެނީ؟ ސާރާއާ ވެސް ބްރޭކްއަޕް ވެއްޖެޔޭ ތިބުނީ..." ދާރިއަން އަނގައިން ނުބުނެގެން އެންމެފަހުން ސާރާ ވާހަކަދެއްކި އެވެ.
"ޝީ އިޒް ނޮޓް ހެޕީ" ތުންފަތަށް ވައްތަރެއް ޖައްސަމުން ދާރިއަން ބުންޏެވެ.
"އޭނާ ބްރޭކްއަޕްވާން ބޭނުންނުވާއިރު ދާރިއަން ތިހެން ހެދީމަ އޮބްވިއަސްލީ ހެޕީއެއް ނުވާނެ ދޯ" އިޝްވާ ބުންޏެވެ.
"އަހަރެން އެއްވެސް ވަރަކަށް ލައިކެއްނުވޭ... މަންމަ އުޅޭގޮތުން ވެސް ބޯގޮވާ، ހީވަނީ ސާރާއޭ އަހަރެން ގުޅެންޖެހޭނެ އަންހެންކުއްޖަކީ... އޭނާ ނޫނަސް ބައިވަރު އަންހެންކުދީން އެބައުޅޭ" ދާރިއަންގެ އަޑުގައިވީ ފޫހިކަމެވެ.
"ތިބުނާ ބައިވަރު އަންހެންކުދީންނަކީ ކޮންބައެއް؟ ކިތައް ކުދީންނާ ރައްޓެހިވެ ރުޅިވީ؟... އެތަނުން ކިތައްކުދީން މަންމަމެންނަށް އެނގެނީ..." އިޝްވާގެ ވާހަކަ ދާރިއަން ހުއްޓުވި އެވެ.
"އޯކޭ... އޯކޭ... ގެޓުވެއްޖެޔޭ..." ދާރިއަން ނިކަން އަވަހަށް ބުނެލި އެވެ.
"ދާރިއަން!... ފައިންޑް ޔޯ ގާލް... ގޯ ޓު ހާ... މޭކް ވޭ ޓު އެޕްރޯޗް އަބައުޓް ޔޯ ފީލިންގްސް، މީހަކަށް ކޮށްދެވޭނެކަމެއްނެތް، އަމިއްލައަށް އިސްނުނަގާ ނުވާނެ" އިޝްވާގެ އަޑުގައި ހުރީ ސީރިއަސްކަމެވެ.
"އައި ޑޯންޓް ނޯ ހައު... އަހަންނަށް އެހީވެދީބަލަ" ދާރިއަން މާޔޫސްވި އެވެ.
"އަހަރެން ކުރީން ވެސް ބުނިން ތިބުނާ ކުއްޖަކީ ކާކުތޯ... އެއްވެސް އެއްޗެއް ކިޔައިދޭކަށް ދާރިއަން ބޭނުމެއްނޫން، ކަމޯން ބުރޯ... އަހަންނަކީ އެތައް ސިއްރުތަކެއް ހިފަހައްޓަންޖެހިފައިވާ ޑަކްޓަރެއް، އަހަންނަށް އެނގޭ ސިއްރު ހިފަހައްޓާނޭ ގޮތް، ޓްރަސްޓް މީ... ކިޔާދީބަލަ ހުރިހާ ކަމެއް؟ ކިޔާ ނަން ބުނެބަލަ؟" އިޝްވާ އެދުނެވެ.
"ޒެލް... ޒެލް ކިޔަނީ... އިޝްނޫން މީހަކަށް މިވަރަށް ވެސް ނޭނގޭނެ" ދާރިއަން ބުންޏެވެ.
"ތީ މީހަކަށް ކިޔާ ނަމެއް... ނުވާނެ އެހެނެއް... އަންހެނެއްކަމެއް ފިރިހެނެއްކަމެއް ވެސް ވަކިނުވޭ" އިޝްވާ ދެފަރާތަށް ބޯހޫރުވާލީ ދާރިއަން ބުނަންބޭނުންނުވަނީކަން އެނގޭތީ އެވެ. ހަމައެވަގުތު މޭޒުމަތީ ބާއްވާލާފަ އޮތް އިޝްވާގެ ފޯނު ވައިބްރޭޓްވާން ފެށި އެވެ.
"ދިސް އިޒް އިމްޕޯޓެންޓް" ފޯނުގެ އިސްކުރީނަށް ބަލާލާފައި އިޝްވާ ބުންޏެވެ. އަދި ފޯނުކޯލަށް ޖަވާބު ދިނެވެ. އޭނާއަށް ގުޅީ ޑަކްޓަރ އަނީލް އެވެ. އެ ދެމީހުންގެ ދެމެދުގައި ކުރެވިފައިވާ މަޝްވަރާއާ ގުޅިގެންނެވެ. ފޯނުކޯލު ނިންމާލުމާއެކު ދާރިއަންއާ އިޝްވާ ކުރިމަތިލި އެވެ.
"ދާން ޖެހިއްޖެ... ކުލިނިކަށް ލައިދީފަ ދޯ ދާނީ" އިޝްވާ އެއްސެވެ.
(ނުނިމޭ)