ކުލަބަށް މިހާރު ކުރިމަތިވެފައިވާ އުނދަގޫ ހާލަތާއެކުވެސް މެޗުތަކުން މޮޅުވެވުމުން ޓީސީގެ ޓީމު ރަނގަޅު ރޫހަކަށް ގެނެވިއްޖެ ކަމަށް ޓީސީގެ ކޯޗް ޝާޒްލީ މުހައްމަދު (ޝާޒް) ބުނެފި އެވެ.
ޝާޒް ބުނީ، އޭނާ ހަވާލުވި އިރު އޮތްވަރަށް ވުރެ ޓީމުގެ ހާލަތު މިހާރު ރަނގަޅުވެގެން ހިނގައްޖެ ކަމަށެވެ. އެކަން މެޗުތަކުގައިވެސް ފެނިގެން ދާ ކަމަށާއި ޓީމު ފޯމަކަށް އެޅިފައިވާ ކަމަށްވެސް 19 އަހަރުން ދަށުގެ ގައުމީ ޓީމަށް އެ އުމުރުފުރާގެ ސާފް ޗެމްޕިއަންޝިޕްގެ ލޯ މެޑަލް ހޯދައިދިން ކޯޗް ބުންޏެވެ.
"ރަނގަޅު ޓީމެއް ބިނާ ކުރަން ޓީސީ އާ ހަވާލުވީ، ދެން އިރާދަ ކުރެއްވީތީ ނަސީބުވެސް ރަނގަޅު، މާބޮޑު ފަރިތަކުރުން ތަކެއް ނެތި މެޗުތަކުން ރަނގަޅު ރިޒަލްޓެއް މީންދީ އައިސްފަ،" ޝާޒް ވާހަކަ ދެއްކި އެވެ. "ދެން އެޔާއެކު ޓީސީގެ ރޫހްވެސް ރަނގަޅު ވެއްޖެ، މިހާރުގެ ހާލަތަށް ބަލާއިރު ހަވާލުވި އިރަށް ވުރެ މާބޮޑުތަންވެސް ރަނގަޅަށް މިއިނީ، ދެން ޓީސީގެ މެނޭޖުމެންޓާއި ކުޅުންތެރިންނަކީ ފުޓްބޯޅައަށް ފަރިތަ ބައެއް، ދެން މިހާރު ހާލަތު ވަރަށް ރަނގަޅަށް މިއިނީ ކުރިއާ އަޅާބަލާއިރު އެހެންނަމަވެސް ރަނގަޅުކުރަން ހުރި ވަރަށް ގިނަ ކަންކަން އަދިވެސް ޓީސީގައި އެބަހުރި."
އޭނާ ބުނީ، އޭއެފްސީ ކަޕަށް ޓީމު ވަރުގަދަ ކުރަން މެނޭޖުމެންޓުން މަސައްކަތް ކުރަމުންދާއިރު ކުރިން އޮތް ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް ޓީމު ގޮސްފައިވުމުން އެ މަސައްކަތަށްވެސް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ
"މިހާރު އޮތް ހާލަތުން ވަރަށް ރަނގަޅަށް މިދަނީ، ކުރިއަށް އޮތްތާންގައި ޓީސީ ފެންނަނީވެސް ވަރަށް ރަނގަޅަށް، ދެން އުންމިދު ކުރެވެނީ އޭއެފްސީ ކަޕްގައިވެސް ޓީސީ ވަރަށް ރަނގަޅު ވާނެ ކަމަށް."
ޓީސީ އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް އެ ޓީމު މޮޅުކޮށް ދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ސައްޓު އާއި އިސްމާއީލް އީސާ (މެސީ) ގެ ކޮމްބިނޭޝަން އެވެ. އެކަން ފާހަގަ ކޮށް ވާހަކަ ދައްކަމުން ޝާޒް ބުނީ، ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ސައްޓުގެ ކިބައިގައި މަދުން ހުރި ނަމަވެސް ރާއްޖޭގެ އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި ސައްޓު ހިމެނޭނެ ކަމަށެވެ.
"މެސީ [އިސްމާއީލް އީސާ] އަކީ ވަރަށް މޮޅު ވަރަށް އެކްސްޕީރިއަންސް ކުޅުންތެރިޔެއް، އެކަން ހުރިހާ އެންމެންނަށްވެސް އެނގޭނެ،" އިސްމާއީލް އާއި ސައްޓުގެ ކޮމްބިނޭޝަން ފާހަގަ ކުރަމުން ޝާޒް ބުންޏެވެ. "ދެން ސައްޓު އަދި އެގޮތަށް ނުފެނި އޭންދީ، އެހެންނަމަވެސް ފެންވަރަށް ބާލާފައި ރާއްޖޭގެ މި ލީޑިން ސްޓައިކަރުންގެ ތެރޭ ގުނާ ލެވޭނެ ސައްޓު، އެކަން އޭނާ ދަނީ ޕްރޫފްވެސް ކޮށްދެމުން."
އޭނާ ބުނީ، މިރޭ އިދިކޮޅަށް ނުކުންނަ މާޒިޔާ އަށްވެސް އިސްމާއީލް އީސާ އާއި ސައްޓުގެ ކޮމްބިނޭޝަންގެ ނުރައްކާ އެނގޭނެ ކަމަށެވެ. އަދި ޓީސީވެސް ނުކުންނާނީ މާޒިޔާގެ ވަރުގަދަކަން އެނގިގެން ކަމަށް ޝާޒް ބުންޏެވެ.