ކެމިކަލް ގުދަންތަކުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަން އިތުރަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.
މާލޭގެ އަބަދަށްފެހި މަގުގައި މި އަހަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާއަށް ފަހުގައި ސަރުކާރުން ވަނީ ކެމިކަލް ގެންގުޅާއި ވިއްކުމާއި އުފުލުމާއި ގުދަން ކުރުމަށް ހާއްސަ ގަވާއިދެއް އެކުލަވާލައި ކެމިކަލް ގުދަންތައް ވަކި ހާއްސަ މިންގަނޑެއްގައި ބަހައްޓަން ލާޒިމުކޮށް އެ މިންގަނޑަށް ގުދަންތައް ފައްތަން އަންގާފަ އެވެ.
ޑިފެންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކެމިކަލް ރައްކާ ކުރާ ގުދަންތައް ހުންނަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނާ ގޮތަށް ސަލާމަތީ ކަންކަން ހަމަޖައްސައި ފުރިހަމަ ކުރުމަށް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ތިން މަހުގެ މުއްދަތެއް އަނެއްކާ ވެސް ދޭން ނިންމާފައިވާ ކަމަށެވެ.
ޑިފެންސް މިނިސްޓްރީގެ އެ އިއުލާނުގައިވާ ގޮތުން ކެމިކަލް ގުދަންތަކުގެ އެތެރޭގައި ހުންނަ ޕާޓިޝަންތަކާއި ބޭރު ފާރުތަކާއި ދޮރުތަކަކީ މަދުވެގެން 90 މިނެޓްގެ ފަޔާ ރެސިސެންޓް މެޓީރިއަލަކުން ހުންނަން ޖެހޭނެ އެވެ. އަދި ގުދަންތަކުގައި އެމްއެންޑީއެފުން ކަނޑައަޅާ ގޮތެއްގެ މަތިން އެކްޓިވް އަދި ފެސިވް ފަޔާ ޕްޓެކްޝަން ނިޒާމެއް ވެސް ގާއިމު ކުރަން ޖެހެ އެވެ. މުއްދަތު އިތުރުކޮށްދިނީ އެ ދެ ކަންތައް ގުދަންތަކުގައި ފުރިހަމަ ކުރުމަށް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވެގެން މިދިޔަ ސެޕްޓެމްބަރު މަހު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އެކަކު މަރުވެ އެތައް ގެއެއް ވަނީ އަނދައި ހުލިވެފަ އެވެ. އަދި އެތައް އާއިލާއެއް ހާލުގައި ޖެހުނެެވެ. އެ ހާދިސާއަށްފަހު، ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރަން ސަރުކާރުން ނިންމައި އެ ރަށުގައި ގުދަން ކުރާނެ ތަންތަން ވަނީ އިމާރާތްކޮށްފަ އެވެ.