ހަބަރު

ގޭގޭގައި ކެމިކަލް ގުދަން ނުކުރެވޭ ގޮތަށް ގަވާއިދު ހަދައިފި

މީހުން ދިރިއުޅޭ އިމާރާތްތަކުގައި ކެމިކަލް ރައްކާ ކުރާ ގުދަންތައް ނުބެހެއްޓޭ ގޮތަށް ނުރައްކާތެރި ކެމިކަލާ ބެހޭ ގަވާއިދު މިއަދު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފި އެވެ.

ނުރައްކާތެރި ކެމިކަލްތަކާ ބެހޭ ގަވާއިދެއް ގެޒެޓް ކޮށްފައި މިވަނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ އިރާކޮޅު ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި އަލިފާން ރޯވެ ހިނގި ހާދިސާއެއްގައި އިތުރު ތިން ކެމިކަލް ގުދަނަކާއި ހަ ގެއެއްގައި ރޯވެ މީހަކު މަރުވެފައި ވަނިކޮށެވެ. އެ ހާދިސާ ހިނގާފައި ވަނިކޮށް ދެ ދުވަސް ތެރޭގައި ކެމިކަލް ގަވާއިދު ގެޒެޓް ކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.

މިއަދު ގެޒެޓް ކުރި ގަވާއިދުގައިވާ ގޮތުން، ކެމިކަލް ބަހައްޓާ ގުދަނެއްގައި ކެމިކަލް ފިޔަވައި އެހެން ބާވަތްތައް ގުދަން ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި ކެމިކަލް ގުދަން ކުރާއިރު ނުގުޅޭ ދެ ކެމިކަލެއް އެކައްޗެއްގައި ބަންދުކޮށްގެން ނުވާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ގަވާއިދުގައިވާ ގޮތުން ކެމިކަލް ރައްކާ ކުރާ ގުދަންތައް މީހުން ދިރުއެޅޭ އިމާރާތެއްގައި ހުރި ތަނަކަށް ވެގެން ނުވާނެ އެވެ. އަދި އެ ގުދަނުގައި ސެކިއުރިޓީ ބެލެހެއްޓޭނެ ނިޒާމެއް ވެސް ހަމަޖެހިފައި އޮންނަން ވާނެ ކަމަށް ގަވާއިދުގައިވެ އެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ އެ ކަންކަން ގަވާއިދަށް އަމަލު ކުރަން ފަށާތާ ތިން މަސް ދުވަސް ތެރޭގައި ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

ކެމިކަލް ގުދަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަލިފާން ނިވާ ގޮތުގެ ތަމްރީނާއި ފަސްޓް އެއިޑް ދޭނެ ގޮތުގެ ތަމްރީން ދެވިފައި ތިބެން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އަދި ގަވާއިދުގައި ބުނާ ގޮތުން، އިމަޖެންސީ ކޮންމެ ހާލަތެއްގައި ވަގުތުން ބެލެވޭނެ ގޮތަށް ކެމިކަލްތަކުގެ ރިކޯޑް ބަލަހައްޓަން ޖެހޭނެ އެވެ.

ގަވާއިދުގައިވާ ގޮތުން، ތެތް ފިނި ކަމުން ހަލާކު ވެދާނެ ނުވަތަ ފެން ޖެހިގެން ނުރައްކާތެރި ބަދަލުތަކެއް އަތުވެދާނެ ކެމިކަލް ގުދަން ކޮށްފައި ހުންނަން ވާނީ ތެތް ފިނިންނާއި ވާރޭން ސަލާމަތް ވާނެ ފަދަ ގޮތަކަށެވެ. އަދި ގުދަނުގައި ބަހައްޓާ ކެމިކަލްތައް ބަހައްޓަން ވާނީ ވަކިވަކިން ކަމަށާއި ކެމިކަލްތައް ހުންނަން ވާނީ ދަނގަޑު އަލާމރިއެއްގައި ގުދަންކޮށްފައި ކަމަށް ބުނެފައިވެ އެވެ.

ގުދަންކޮށްފައިވާ ކެމިކަލެއް ހަލާކުވެއްޖެނަމަ ނުވަތަ ލީކްވެއްޖެނަމަ ރައްކާތެރި ސަރަހައްދަކަށް އެ އެއްޗެއް ގެންގޮސް ކަމާ ބެހޭ މާހިރުންގެ ލަފާ ހޯދަން ވާނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ ކެމިކަލެއް ރައްކާތެރި ހިސާބަކަށް ގެންދިއުމަކީ އިތުރު ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްނަމަ، ވަގުތުން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

ކެމިކަލް ހުރި ކޮންޓެއިނަރުތައް ހުސް ކުރަން ވާނީ ދަތުރު މަތީގައި އެއަށް ގެއްލުމެއް ލިބިފައި ހުރެދާނެ ކަމަށް ވިސްނައިގެން ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. އެފަދަ ގެއްލުމެއް ލިބިފައިވާ ކަމުގެ ނިޝާނެއް ފެނިއްޖެނަމަ ގުދަން ކުރުމުގެ ކުރިން ކޮންޓެއިނަރުތަކުން މުދާ ހުރަސް ކުރަން ވާނެ ކަމަށާއި އެ ގޮތަށް މުދާ ހުސް ކުރަން ފެށުމުގެ ކުރިން އެމްއެންޑީއެފަށް އަންގަންވާނެ ކަމަށް ބުނެފައިވެ އެވެ.