މެސީ

2022 އަކީ މެސީއަށް ލިބޭނެ ފަހު ފުރުސަތު: ވެރޯން

ވޯލްޑް ކަޕް ހޯދަން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ލިބޭނެ އެންމެ ފަހު ފުރުސަތަކަށް ވާނީ ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްކަމަށް އާޖެންޓީނާގެ ކުރީގެ މިޑްފީލްޑާ ހުއާން ސަބެސްޓިއަން ވެރޯން ބުނެފި އެވެ.

ޗައިނާގައި ބާއްވާ، ދުނިޔޭގެ ޔުނިވަސިޓީތަކުގެ ކުރިވަރު ގޭމްސްގެ އެމްބަސެޑަރެއްގެ ގޮތުގައި ޗައިނާ އަށް ގޮސް، ޒިންހުއާ އަށް ދިން އިންޓަވިއުގައި ވެރޯން ބުނީ 2022 ގައި އާޖެންޓީނާ އަށް އެކަން ހާސިލު ނުވެއްޖެނަމަ ދެން މެސީ އަށް ވޯލްޑް ކަޕް ހޯދުމަކީ ނާދިރު ކަމަކަށް ވާނެ ކަމަށެވެ.

މެންޗެސްޓާ ޔުނައިޓަޑް، ޗެލްސީ އަދި އިންޓަ މިލާން އަށް ކުޅެފައިވާ ވެރޯން އަކީ އާޖެންޓީނާގެ ކުލަބު އެސްޓޫޑިއަންޓެސް ޑި ލަޕްލެޓާގެ މިހާރުގެ ރައީސް އެވެ. އޭނާ ވަނީ ކުރިން ބާސެލޯނާ އަށް ކުޅުނު އާޖެންޓީނާގެ ހާވިއާ މެޝަރާނޯ އެ ކުލަބަށް ގެނެސްފަ އެވެ.

ދެކުނު އެމެރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ދެ ފަހަރެއްގެ މަތިން ހޯދި ވެރޯން ބުނީ، ކޯޗަކަށް ވުމުގެ ޝައުގުވެރިކަމެއް އޭނާގެ ނެތް ކަމަށާއި އޭނާ އަބަދުވެސް ބޭނުންވަނީ ޕްރޮޖެކްޓް އުސޫލުން ފުޓްބޯޅައިގެ ކަންކަމުގައި ޝާމިލުވެ އުޅެން ކަމަށެވެ.