ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމަށް ހަމަޖެހުން ލިބެން އޮތީ އެކުވެރިކަން އިސްކޮށްގެން: ރައީސް

ރާއްޖޭގައި މި ވަގުތު ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށް، ހަމަޖެހުން ގެންނަން ކުރެވެން އޮތް ކަމަކީ އެންމެން އެކުވެރިކަން އިސްކުރުން ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ 15 އަހަރު ކުރިން ދިމާވި ސުނާމީގެ ކާރިސާގެ ހަނދާންތައް އާ ކުރުމުގެ ގޮތުން ފާހަގަ ކުރާ ދިވެހިންގެ އެއްބައިވަންތަ ދުވަހުގެ މުނާސަބަތުގައި ތ. ވިލުފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސުނާމީގެ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެންމެ މުހިއްމު ދައުރެއް އަދާކޮށް ދިނީ ދިވެހިންގެ މެދުގައިވާ އެއްބައިވަންތަކަން ކަމަށެވެ.

"މި ހިތާމަވެރި ކާރިސާގައި ދިވެހި ރައްޔިތުން ދައްކުވައި ދިނީ ދިވެހިންގެ ހިތްތަކުގައި އެކަކު އަނެކަކަށް އޮތް އޯގާތެރިކަމާއި އަޅައިލުން. މަސްލަހަތަށް ލޯބި ކުރުމާއި އަނެކުންނަށް އިސްކަން ދިނުމުގެ ރީތި މިސާލު. ސުނާމީގައި ގެއްލުން ލިބުނު އެހެން ބައެއް ގައުމުތަކުގައި ހިނގައިދިޔަ ފަދަ ނޭއްގާނީ އަމަލުތަކެއް ރާއްޖޭގައި ނުހިނގީ އަޅުގަނޑުމެންގެ ހިތުގައި ބިންވަޅު ނެގިފައިވާ މަތިވެރި އިސްލާމީ އަގީދާއިން ލިބުނު ކެތްތެރި ކަމުގެ މަތިވެރި ސިފައިގެ ސަބަބުން," ރައީސް ވިދާޅުވި އެވެ.

ޑިސެމްބަރު 26، 2004 ގެ ދިމާވި ސުނާމީ ކާރިސާގައި ދިވެހިންގެ ތެރެއިން 82 މީހަކު މަރުވެ ވީނުވީއެއް ނޭނގި 26 މީހަކު ވަނީ ގެއްލިފަ އެވެ. އަދި ދިރިނޫޅެވޭ ވަރަށް ބައެއް ރަށްރަށް ސުންނާފަތިވެ އެ ރަށްރަށުގެ މީހުން ވަނީ ކައިރި އެހެން ރަށްރަށް އާބާދު ކުރަން ޖެހިފަ އެވެ.

ރައީސް ފާހަގަ ކުރެއްވި ގޮތުގައި މިއަދު ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މުޖުތަމައުގައި މީގެ ކުރިން ނެތް މިންވަރަށް ކުށްކުރުން އާންމުވުމެވެ. އެގޮތުން ދީނުގެ ނަމުގައި ހަރުކަށި އަމަލުތައް ހިންގުމާއި ދީނަށް އިހާނާތްތެރިކޮށް ހިތުމުގެ އިތުރުން މާރާމާރީއާއި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކަށް ރައީސް އަލިއަޅުވާލެއްވި އެވެ.

އެފަދަ މައްސަލަތައް އިތުރުވަމުން ދަނީ ފަރުދީ ޒިންމާއަށް އިހުމާލުވެ މުޖުތަމައުގެ މަސްލަހަތަށްވުރެ ތިމާގެ ކަންކަން އިސްކުރުމުން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެގެން ނަމަވެސް ތިމާގެ އަމިއްލަ އެދުންތައް ފުއްދަން އުޅުމުން މުޅި މުޖުތަމައުގެ ހަމަޖެހުން ގެއްލިގެންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން އަޒުމަކަށް ކަނޑައަޅަންވީ މިފަދަ ކަންކަމަށް ފާޅުގައި ދެކޮޅު ހަދައި މިފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރުން. މިފަދަ ކަންކަން ސިއްރުނުކޮށް ހިއްސާ ކުރުން. މުޅި މުޖުތަމައު އެކުގައި ތެދުވެގެން ނޫނީ ކިތަންމެ ވަރަކަށް މި ވާހަކަ ދެއްކިޔަސް މި ކަންކަން ހައްލެއް ނުކުރެވޭނެ," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު އެއްބައިވަންތަ ދުވަސް ފާހަގަ ކުރަމުންދާއިރު މިއަދު ދިވެހި ރައްޔިތުން އެއްބައިވަންތަކަން އިސްކުރަން ޖެހިފައި ވަނީ މުޖުތަމައުގައި އާންމުވަމުންދާ މިފަދަ ކުށްތަކާއި ދެކޮޅަށް ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުން ދެމިއޮންނަނީ އެންމެން އެ ކަންކަމަށް އިސްކަންދީ އެކުވެރިކަން އިތުރު ކުރި މިންވަރަކުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ އެންމެންގެ ގައުމެއް. އަޅުގަނޑުމެން ދިރިއުޅެން އޮތް ފަސްގަނޑަކީ މިއީ. މި ތަނުގެ ހަމަޖެހުމާއި ސުލްހައާއި އަމާންކަން ދެމި އޮންނާނީ އަޅުގަނޑުމެން އެކަންކަމަށް އިސްކަން ދިން މިންވަރަކުން. އަޅުގަނޑުމެން އެއްބައިވަންތަވާން ޖެހިފައި މި ވަނީ އެފަދަ ކަންތައްތަކާ (ކުށްތަކާ) ދެކޮޅަށް،" ރައީސް ވިދާޅުވި އެވެ.

ކުށް ކުރުން އާންމުވުމުގެ އިތުރަށް ދުރު މުސްތަގުބަލަށް ބަލާއިރު ރާއްޖެއަށް ދިމާވާނެ އެންމެ ބޮޑު ނުރައްކަލަށް އޮތް ކަމަކީ ލޮނުގަނޑު އުފުލުގެ ސަބަބުން ލިބެން އޮތް ނުރައްކާ ކަމަށް ރައީސް ވިދާޅުވި އެވެ. ރާއްޖެއާ 2،500 ކިލޯމީޓަރު ދުރުގައި އުފެދުނު ސުނާމީއެއްގެ އަސަރު ރާއްޖެއަށް ކުރިއިރު، ލޮނުގަނޑު އުފުލުމުގެ ސަބަބުން ލިބޭނެ ނުރައްކާ އެއަށްވުރެ ބޮޑުވާނެ ކަމަށް ވަޒަންކޮށްލެވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.