ކުރިން އޮތް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ބޭނުމަށް އޮޑިޓަރުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން މި ނިމުނު ދައުރުގައި ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރެއްވުމުން، މި ފެށޭ އާ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ޓެކްސް ނަގަން ފަށާނެ އެވެ. އިންކަމް ޓެކްސް ނަގަން ފެށުމާއެކު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު އުވިގެން ދާނެ އެވެ.
މީރާއިން އިއްޔެ ނެރެފައިވާ ސާކިއުލާއެއްގައި ވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު އުވިގެން ދާތީވެ އެ ގާނޫނުގެ ބޭނުމަށް އޮޑިޓަރުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އިއްޔެއިން ފެށިގެން އިތުރަށް ކުރިއަށް ނުގެންދަން އެ އިދާރާއިން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް މީރާގައި އޮޑިޓަރުންގެ ދަފުތަރުގައި މި ވަގުތު ތިބި ފަރާތްތަކަށް އަންނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހުށަހަޅާ ބިޒިނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ބަޔާންތަކާއެކު ހުށަހަޅާ އޮޑިޓަރުގެ ރިޕޯޓުގައި ސޮއިކުރެވޭނެ ކަމަށް މީރާގެ ސާކިއުލާގައި ބުނެފައިވެ އެވެ. އަދި އެ ގޮތަށް ސޮއި ކުރެވޭނީ އެ އޮޑިޓަރު ރަޖިސްޓްރީ ކުރެވިފައިވާ ކެޓަގަރީއާ ތައާރަޒު ނުވާ ގޮތަށް ކަމަށް ބުނެފައިވެ އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ ބަޔާނާއެކު އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ހުށަހަޅަން ޖެހޭ ފަރާތްތަކުން ބަޔާން ހުށަހަޅަން ޖެހޭނީ، އެ ގާނޫނުގައިވާ ބުނެފައިވާ ގޮތަށް ކަމާ ބެހޭ އިދާރާއަކުން ހުއްދަ ދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާ އެކުގައި ކަމަށް މީރާއިން ބުނެފައިވެ އެވެ.
އިންކަމް ޓެކްސް ނަގާނީ އާމްދަނީގެ ގޮތުގައި އެންމެ މަދުވެގެން މަހެއްގެ 60،000 ރުފިޔާ ލިބޭ މީހުންގެ އަތުންނެވެ. އެ ގޮތުން 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 5.5 ޕަސެންޓް ނަގާނެ އެވެ. 100،000 ރުފިޔާއާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން އަށް ޕަސެންޓް ނަގާނެ އެވެ.
މީގެ އިތުރުން 150،000 ރުފިޔާއާއި 200،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 12 ޕަސެންޓް ނަގާއިރު، 200،000 ރުފިޔާއަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން 15 ޕަސެންޓް ނަގަން ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 450 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި އެ ޓެކްސް ދައްކަން ޖެހޭނީ ގާތްގަނޑަކަށް 3200 މީހުން ކަމަށް ފިނޭންސް މިނިިސްޓްރީން ބުނެ އެވެ.