ދިވެހި ޕްރެމިއާ ލީގް

ފޯކައިދޫން ދަ ގްރާންޑޭ ހިފަހައްޓާލައިފި

ދަ ގްރާންޑޭއިން ލަނޑެއް ޖެހިޔަ ނުދީ، ށ. ފޯކައިދޫ ފުޓްބޯޅަ ކުލަބުން 0-0 ން މެޗު އެއްވަރު ކޮށްފި އެވެ.

ފުރަތަމަ ބުރުގައި މިދެ ޓީމު ކުޅުނު މެޗުވީ، ދިވެހި ޕްރިމިއާ ލީގްގެ އޯޕަނިން މެޗަށެވެ. އަދި އެ މެޗަކީ ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގައި ދަ ގްރާންޑޭގެ ފުރަތަމަ މެޗުވެސް މެ އެވެ. ދަ ގްރާންޑޭ އިން އެ މެޗު ކާމިޔާބު ކުރީ 2-1 ންނެވެ.

މިއަދުގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ދަ ގްރާންޑޭއިން ތަނަވަސް ކުރި އެވެ. އެ ޓީމުން އެންމެ ތަނަވަސް ފުރުސަތުތަކެއް ލިބުނީ އިރާގްގެ ފޯވަޑް އުބައިދާ ހަތޫމް އަހްމަދަށެވެ. ފުރަތަމަ ހާފުގައި އޭނާ ޕެނަލްޓީ އޭރިއާގެ އަރަމަތިން ވަދެ ގޯލަށް ފޮނުވާލަން ޖެހި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްކޮށް ދަނޑި ކައިރިން ބޭރަށެވެ.

ދަ ގްރާންޑޭއަށް ލިބުނު ހިލޭ ޖެހުމެއް، ޔަޝްފާދު ހަބީބު (މުލަކޭ) ފޯކައިދޫގެ އޭރިއާ ތެރެއަށް ނެގުމުން އަޔާޒް އަހްމަދު (އަޔާ) ބޮލުން ފޮނުވާލި ބޯޅަ ސަލާމަތް ކުރީ ފޯކައިދޫގެ ކީޕަރު ސާގިބް ހަނީފު އެވެ.

ފުރަތަމަ ހާފުގައި ދަ ގްރާންޑޭގެ ކީޕަރު މުހައްމަދު ފައިސަލް ޓެސްޓް ކޯށްލެވޭ ވަރުގެ މާ ނުރައްކާ ފުރުސަތެއް ފޯކައިދޫއަކަށް ތަނަވަސް ނުކުރެވުނެވެ. އެހެންނަމަވެސް ދެ ވަނަ ހާފުގައި ކުޅެން ފަށައި، ލެފްޓް ވިންގުން ތަނަވަސް ކުރި ބޯޅަތަކުން ފޯކައިދޫ ވަނީ ގްރާންޑޭގެ ފަހަތަށް ބާރު ބޮޑު ކޮށްފަ އެވެ.

ދެ ވަނަ ހާފުގައި، ގްރާންޑޭއިން ނުރައްކާތެރި ބޯޅަތަކެއް ތަނަވަސް ކުރި އެވެ. އެ ޓީމުގެ މުލަކޭއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އަޔާއަށްވެސް ތިން ފުރުސަތެއް ލިބުނެވެ. މުލަކޭއަށް ލިބުނު ފުރުސަތުގައި އޭނާ މާކު ކުރާނެ ފޯކައިދޫގެ ކުޅުންތެރިޔެއްވެސް އޭރިއާގެ ތެރޭގައި ނެތް ނަމަވެސް ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

މުޅި މެޗުގައިވެސް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ގްރާންޑޭގެ އުބައިދާ އަށެވެ. މެޗުގެ ފަހު ވަގުތުގައި ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްކޮށް ދަނޑިއާ އިންޗިއެއްހާ ބޭރުންނެވެ.

"ވަރަށް ބައިވަރު، ބައިވަރު ސްކޯރިން އޮޕަޗިއުނިޓީތަކެއް ގެއްލިގެން މިދިޔައީ،" މެޗަށް ފަހު ވާހަކަ ދައްކަމުން ދަ ގްރާންޑޭގެ ކޯޗް އިސްމާއީލް މަހްފޫޒް (އިންމަ) ބުންޏެވެ. "އަޅުގަނޑުމެންގެ ޓީމުން ވަރަށް ކޮންސަންޓްރޭޓް ކުރަންވީ ކަމެއް އެޓޭކިން ތާޑްގައި ފިނިޝިން ރަނގަޅު ކުރުން، މުޅިން ހުސްކޮށް ލިބުނު ފުރުސަތުތައްވެސް ދިޔަ، އަޅުގަނޑު ބުނާނީ މިއަދުގެ މެޗުގައި އެކަން އެކަންޏޭ އަޅުގަނޑުމެންނަށް މިސްވެގެން ދިޔައީ، އެހެން ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ދިޔައީ."

މެޗަށް ފަހު ވާހަކަ ދައްކަމުން ފޯކައިދޫގެ ކޯޗް، އަލީ ނިޝްތާރު މުހައްމަދު ބުނީ، ޓީމު އޮތް ހާލަތުން ކުޅުންތެރިން މެޗަށް އަންނަ ކަމަށްޓަކައިވެސް ކުޅުންތެރިންނަށް ޝުކުރުވެރިވާ ކަމަށެވެ. އެހާލަތުގެ ތެރެއިން މެޗަށް އައިސް ޕޮއިންޓެއް ހޯދުމަކީވެސް އުނދަގޫ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ޗެލެންޖަކީ މެޗަށް ކުޅުންތެރިން ހަމަ ކުރަން، މިއަދުވެސް ދެ ކުޅުންތެރިން މެޗަށް އައިއްސަ އަނެއްކާވެސް އެދިޔައީ ފުރަން،" ނިޝްތާރު ވާހަކަ ދެއްކި އެވެ. "މިހާލަތުގައި ކުޅުންތެރިންނަށް ސާބަސް ދޭން ޖެހޭ އެ ކުރި މަސައްކަތަށް."