އަންހެނުން

ޕީކަބޫއިން ކުޑަކުދިން އެހާ ފަސޭހައިން ހެއްވާލެވެނީ ކީއްވެ؟

Jan 5, 2015

ޕީކަބޫ އަކީ އަޖާއިބެއް ކަހަލަ ކުޅިވަރެކެވެ. ވަރަށް އާދައިގެ އެކަމަކު އެހާމެ މަގްބޫލު ވެސް ކުޅިވަރެކެވެ. މަންމަ ނުވަތަ ބައްޕަ ނުވަތަ އާއިލާގެ އެހެން މެމްބަރަކާ އެކު ނަމަވެސް މި ކުޅިވަރު ނުކުޅެ ދަރިއަކު މިހާރު ބޮޑެއް ވެސް ނުވާނެ އެވެ. އެހާވެސް މަގްބޫލުކަން ހޯދާފައިވާ، މުސްކުޅިވުމެއް ނެތް ކުޅިވަރެކެވެ.

ވަކި ބަހަކުން ވާހަކަ ދައްކާ ބަޔަކަށް ނުވަތަ ވަކި ސަގާފަތަކަށް ހާއްސަވެފައި އޮތް ކުޅިވަރެއް ވެސް ނޫނެވެ. ކުޑަދަރިފުޅު ކުރި މައްޗަށް އަރައި، ދެ އަތްތިލައިން މޫނު ފޮރުވުމަށް ފަހު ކުއްލިއަކަށް އަތު ތެރެއިން ދަރިފުޅާ ދިމާލަށް ބޯ ދިއްކޮށްލާނީ އެވެ. އޭރުން ނިކަން ރީއްޗަށް ދަރިފުޅު ހޭން ފަށާނެ އެވެ.

ޕީކަބޫ ކުރިއަށް ދާ ވަރަށް އެ ހުނުމުގެ އަޑު ދާނީ ގަދަވަމުންނެވެ. އެހެންވީމަ މި ލޯބި ހިނިގަނޑުގެ ފަހަތުގައި ފޮރުވިފައި އޮތީ ކޮން ކަމެއްތޯ ބަލާލަމާ ހިނގާށެވެ.

ދިރާސާތަކުން އެނގޭ ގޮތުން ޕީކަބޫ އަށް ކުޑަކުދިން އެހާ ގަޔާ ވަނީ އޭގައި ސަޕްރައިޒެއް އެކުލެވޭތީ އެވެ. ސަޕްރައިޒެކޭ ބުންޏަސް މި ކުޅިވަރުގެ ސަޕްރައިޒް ހަމަޖެހޭ ބޮޑު މީހަކަށް މާ ބޮޑު ސަޕްރައިޒަކަށް ނުވެދާނެ އެވެ. ނަމަވެސް ތުއްތުކުއްޖާ އަށް މޫނު ފޮރުވައިގެން އޮވެފައި ކުއްލިއަކަށް ނުކުތުމުން އެކަން އެ ކުއްޖާ އަށް މި ވަނީ ވަރަށް މަޖާ އަދި އެހާމެ ބޮޑު ސަޕްރައިޒަކަށެވެ.

ކުޑަކުއްޖާ އަށް ވާނީ ވެސް މިހެންނެވެ. އެމީހުން ދުނިޔެ މި އަންނަނީ އެއްވެސް ކަމެއް ނޭނގޭ ބައެއްގެ ގޮތުގަ އެވެ. އެހެންވީމަ ޕީކަބޫ ކުޅިވަރު ވެސް މި ވަނީ އެންމެ މޮޅު އަދި އެންމެ މަޖާ ކުޅިވަރަށެވެ.

ތަޖުރިބާކާރުން ބުނަނީ ދަރިފުޅުގެ ފުރަތަމަ ދެ އަހަރަކީ ކަންކަން ބަލައި ހޯދައި ދަސްކުރާ ދެ އަހަރު ކަމަށެވެ. ޕީކަބޫގެ ރަން ޒަމާން ދަރިފުޅުގެ ހަޔާތުގެ މި ދެ އަހަރުގައި އަންނަ ސަބަބު ވެސް އެހެންވީމަ ވަރަށް ސާފެ އެވެ.

ހަގީގަތުގައި ޕީކަބޫ ކުޅިވަރަކީ ކުޑަކުއްޖާ އަށް ވަރަށް ރަނގަޅު ކަންތަކެއް ދަސްކޮށްދޭ ކުޅިވަރެކެވެ.

އެއްޗެއް ލޮލަށް ފެންނަން ނެތަސް އެ އެއްޗެއް ވާކަން ބުނެދޭ ކުޅިވަރެކެވެ. އަތް އަޅާލައިގެން މޫނާއި ދެ ލޯ ފޮރުވީމަ ވެސް ކުޑަކުއްޖާ އެ ދެ ލޮލާއި މޫނު އަލުން ދެކިލުމަށް އަނގަ ހުޅުވައިގެން ހެވި ދިއްލިފައި އިންނަނީ އެ ދެ ލޮލާއި މޫނު ވާ ކަމާއި އިރުކޮޅަކުން އެނބުރި އެބަ އަންނަކަން އޭނާ އަށް އެނގޭތީ އެވެ.

އެހެންވީމަ ޕީކަބޫ އިން ކުޑަކުދިން އެހާ ފަސޭހައިން ހެއްވާލެވެނީ ކީއްވެ ހެއްޔެވެ؟ ކުޑަ ކުއްޖާގެ ނަޒަރުގައި އެކަން ޖޯކަކަށް ވާތީ އެވެ.

ޕީކަބޫ ޖޯކަކަށްވާ މައިގަނޑު ސަބަބަކީ އޭގައި ވެސް އެހެން ހުރިހާ ޖޯކްތަކެއްގެ މައިގަނޑު އަސާސް ހިމެނޭތީ އެވެ. އެއީ ސަޕްރައިޒެވެ. ސަޕްރައިޒެއް ނެތި ޖޯކެއް ޖޯކަކަށް ނުވާނެ އެވެ. އަދި ކުޑަކުއްޖާގެ ކުރިމަތީގައި ޕީކަބޫ ޕީކަބޫއަކަށް ވެސް ނުވެ އެވެ. އެހެންވީމަ އެންމެ މުހިންމީ ސަޕްރައިޒް ފެކްޓާ އެވެ.

މި ކުޅިވަރަކީ ކުޑަކުއްޖާގެ އުމުރާ އެކު ބަދަލުތަކެއް ވެސް އަންނަ ކުޅިވަރެކެވެ. މިސާލަކަށް އެންމެ ތުއްތުއިރު ޕީކަބޫ ކުޅޭ މަންޒަރު ބަލަން ކުއްޖާ އިންނާނީ ނުވަތަ އޮންނާނީ އެވެ. ދެން މަންމައާ އެކު ކުޅިވަރުގައި ބައިވެރި މޫނުގައި އަތް އަޅައިގެން ސަޕްރައިޒް ވެސް ދޭން ފަށާނީ އެވެ. އެއަށް ފަހު ދެން އަންނަނީ މޫނުގައި އަތް އެޅުމުން ކޮންމެވެސް ތަނަކަށް ވަދެ ދަރިފުޅު ފިލައި އޮވެފައި ކުއްލިއަކަށް ނުކުމެ ސަޕްރައިޒް ދޭ ސްޓޭޖެވެ.

ބުނެވޭ ގޮތުގައި ޕީކަބޫ އަކީ ނެދަލެންޑްސް އާއި ފްރާންސް އިން 18 ވަނަ ގަރުނު ތެރޭގައި ފެށިގެން އައި ކަމެކެވެ. ރަސްމީކޮށް ކުޑަކުދިންގެ ކުޅިވަރަކަށް ބަދަލުވީ 1852 ވަނަ އަހަރު ކަމަށްވެ އެވެ.

އެމެރިކާ އަށް މި ކުޅިވަރު ތައާރަފްކޮށްދިނީ 1890ގެ އަހަރުތަކުގައި ވަޒަންވެރިވި އަޔަލެންޑް މީހުންނެވެ. އެހިސާބުން ފެށިގެން މި ކުޅިވަރު މުޅި ދުނިޔެ އަށް މަޝްހޫރުވީ އެވެ.