ބޮލީވުޑް

"ނާގިން" ފުރަތަމަ ހުށަހެޅީ ކެޓުރީނާއާ ޕްރިޔަންކާއަށް

އެކްތާ ކަޕޫރުގެ "ނާގިން" ފްރެންޗައިސް އަކީ ޓީވީ ޝޯތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބެއް ލިބުނު އެއް ޝޯ އެވެ. ޝޯގެ ހަތަރު ވަނަ ސީޒަން މިހާރު ފެށެން ކައިރިވެފައިވާއިރު އެކްތާ ބުނީ އޭނާ އެންމެ ފުރަތަމަ ބޭނުންވީ "ނާގިން"ގެ ނަމުގައި ފިލްމެއް އުފައްދާށެވެ. އަދި އެ ފިލްމުގައި ކެޓުރީނާ ކައިފް ނުވަތަ ޕްރިޔަންކާ ޗޯޕްޅާ ބައިވެރިކުރާށެވެ.

އެކްތާ ޕްރޮޑީއުސްކުރި ފިލްމެއް ކަމަށްވާ "ޑާޓީ ޕިކްޗާޒް" ރިލީޒްވެ ބޮޑު ކާމިޔާބެއް ހޯދުމުން އެކްތާ ދެން ބޭނުންވީ "ނާގިން" ކިޔާ ހަރުފައާ ބެހޭ ވާޙަކައަކަށް ފިލްމެއް އުފައްދާށެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ފިލްމުގެ ވާހަކަ ހިފައިގެން ދިޔައީ ކެޓުރީނާ ކައިރިއަށެވެ.

"އަހަރެން ފިލްމުގެ ވާޙަކަ ކެޓުރީނާ ކައިރީގައި ބުނީމަ އޭނާ ހީކުރީ އަހަރެން ހުރީ މަސްތުގެ ހާލަތުގައި ކަމަށް. އަދި 'ނާގިން' ކަހަލަ ފިލްމެއް މިޒަމާނުގައި ހިނގާނެހެން ހީވޭތޯ ކެޓުރީނާ ސުވާލު ކުރި. ދެން އަހަރެން ދިޔައީ ޕްރިޔަންކާ ކައިރިއަށް. އެއީ ހޮލީވުޑް ފިލްމާއި ސީރީޒް ކުޅެން ޕްރިޔަންކާ ފުރަން އުޅުނު ދުވަސްވަރު. ޕްރިޔަންކާ ވަރަށް ޝައުގުވެރިވާ ކަމަށް ދެއްކި ނަމަވެސް ފިލްމު ހިނގާފާނެ ކަމަށް އޭނާއަށް ވެސް ޝައްކުވި. އެހެންވެ 'ނާގިން'ގެ ސިލްސިލާ އެއް އުފައްދަން އަހަރެން ނިންމީ،" އެކްތާ ބުންޏެވެ.

އެކްތާ ބުނި ގޮތުގައި ކެޓުރީނާ ނުވަތަ ޕްރިޔަންކާ ކުޅެން އެއްބަސްވީނަމަ "ނާގިން"ގެ ފިލްމެއް އުފެއްދުމުގެ މަސައްކަތް އޭނާއަށް ކުރެވުނީހެވެ. އަދި އެ ފިލްމަށް 200 ކްރޯޑަށް ވުރެ ގިނައިން ލިބޭނެކަން ޓީވީ ސިލްސިލާ އަށް ލިބެމުންދާ ބޮޑު ކާމިޔާބުން ޔަގީންވާ ކަމަށް ވެސް އެކްތާ ބުންޏެވެ.

"ނާގިން"ގެ ހަތަރު ވަނަ ސީޒަން ފަށާއިރު ހުރިހާ ސީޒަނެއްގައި ވެސް ވަރަށް މަޝްހޫރު ޓީވީ ތަރިން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ސުރްބީ ޖޯތީ، މޯނީ ރޯއީ، އަނިތާ ހަސަނަންދާނީ، ކަރިޝްމާ ތަންނާ، އަދާ ޚާން ހިމެނެ އެވެ.
"ނާގިން" އަކީ އިންސާނެއްގެ ސިފަ ޖެހުމުގެ ކުޅަދާނަކަން ލިބިގެންވާ ހަރުފައެއް އޭއްޗަށް ގެއްލުންދޭ މީސް މީހުންގެ ކިބައިން ބަދަލު ހިފައި ލޯބިވެރިޔާ ކާމިޔާބު ކުރުމަށް ކުރާ މަސައްކަތްތަކެއް ފެނިގެންދާ ފިލްމެކެވެ.