ސިނަ މާލެ ބްރިޖް

ބްރިޖުގައި ކެމެރާ ހަރުކޮށް ބޭނުންކުރަން ފަށައިފި

ސިނަމާލެ ބްރިޖުގައި ކެމެރާ ހަރުކޮށް، ބޭނުން ކުރަން ފަށައިފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ސިނަމާލެ ބްރިޖުގައި ކެމެރާ ހަރުކޮށް، ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

ސަރުކާރުން ވަނީ ސިނަމާލެ ބްރިޖުގައި ސުޕީޑް ކެމެރާ ހަރު ކުރާނެ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް ސީޕީ މިއަދު ވިދާޅުވީ މިހާރު ހަރުކޮށްފައިވަނީ ސީސީޓީވީ ކެމެރާ ކަމަށާ ވަރަށް އަވަހަށް ސްޕީޑް ކެމެރާ ހަރުކުރާނެ ކަމަށެވެ.

ސީޕީގެ ޓްވީޓްގައި ބްރިޖްގައި ކެމެރާ ހަރުކުރުމަށް މަސައްކަތް ކުރަމުންދިޔައިރު ނަގާފައިވާ ފޮޓޯތައް ވެސް އާންމު ކުރައްވާފައި ވެއެވެ.

ބްރިޖް އަދި ބޮޑުތަކުރުފާނު މަގުގައި ސީސީޓީވީ ހަރުކޮށް މޮނީޓަރު ކުރަން ފަށާފައިވާއިރު މިފަހުން ދެ މީހަކު ވަނީ ބްރިޖް މަތިން ފުންމާލަން މަސައްކަތް ކޮށްފަ އެވެ.

ސިނަމާލެ ބްރިޖުގައި ސުޕީޑް ކެމެރާ ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަންނަ އަހަރު އެ ކެމެރާތަކުގެ ބޭނުން ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ކެމެރާ ހަރުކުރުމުގެ ކުރިން އުޅަނދުތަކުގެ ނަންބަރު ބޯޑުތައް ވަކި ގަވައިދަކަށް ބަދަލު ކުރަން މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. ސިނަަމާލެ ބްރިޖާއި ހައިވޭ އެކުގައި 77 ސަވޭލަންސް ކެމެރާ ހަރުކުރާނެ އެވެ.

"މިއީ ސްޕީޑް ކެމެރާތަކަށްވީމާ ވައިދާ ހިލާފަށް ބާރަށް ދުއްވާފައިދާ އުޅަނދު އެއްކޮޅުން އަރާފައި އަނެއްކޮޅުން ފައިބާއިރު އޮންނާނީ ސްލިޕެއް ގޮސްފަ. އެއީ ރެކޭނެ ގޮތެއް ނޯންނާނެ. ގިނަ އެކްސިޑެންޓުތައް ހިނގާފައި އިންވެސްޓިގޭޓް ކުރާ އިރު މި ފެންނަނީ ހަމަ އޯވާ ސްޕީޑިންގެ ސަބަބުންކަން ހިނގީ." އޮފިޝަލަކު ވިދާޅުވި އެވެ.