ޓެކްނޯލޮޖީ

މިޝަންތައް ފެއިލްވެދާނެތީ މާސްއަށް ދާން އާ އިންޖީނެއް

Dec 28, 2019

ދެހާސް އެކަވީސް ވަނަ އަހަރަކީ ޖައްވީ ރޭހުގައި އަލަށް ވާދަ ކުރާ ގައުމުތަކާއި މިހާރު ވެސް ރޭހުގެ ކުރީގައި އުޅޭ ގައުމުތަކަށް މުހިންމު އަހަރަކަށް ވެގެން ދާނެ އެވެ. އެ އަހަރު މާސް އަށާއި ހަނދަށް ދިޔުމުގެ ދަތުރު ހަ އުޅަނދަކުން ފަށާނެ އެވެ.

އެއީ ޗައިނާގެ ޖައްވީ އުޅަނދަކާއި، އިނގިރޭސިވިލާތުގެ އުޅަނދެއްގެ އިތުރުން އެމެރިކާގެ ޖައްވީ އިދާރާގެ އުޅަނދަކާއި އެ ގައުމުގެ ސްޕޭސް އެެކްސްއިން ޖައްވަށް ފޮނުވާ އުޅަނދެކެވެ.

މީގެ އިތުރުން ޖަޕާނާއި ޔޫރަޕިއަން ސްޕޭސް އެޖެންސީން ވެސް 2021 ވަނަ އަހަރު ޖައްވަށް އުޅަނދެއް ފޮނުވާނެ އެވެ. ނާސާއިން 2021 ވަނަ އަހަރު އިންސާނުން މާސްއަށް ފޮނުވާނެ ކަމަށް ވެސް ބުނަމުން ދެއެވެ.

މި ހުރިހާ ޖައްވީ އިދާރާތަކުގެ ތެރެއިން އެންމެ ޅަފަތުގައި އޮތީ ޖަޕާނުގެ ޖައްވީ އިދާރާ އެވެ. ޖަޕާނުން 2024 ވަނަ އަހަރު އެމެރިކާގެ އެހީގައި ހަނދަށް ދިޔުމުގެ ފުރުސަތު އޮތީ ލިބިފަ އެވެ. ނަމަވެސް ޖަޕާނުން ބޭނުން ވަނީ އެ ގައުމުގެ އަމިއްލަ ބާރުގައި 2021 ވަނަ އަހަރު މާސްއަށް ދާށެވެ. އެހެން ކަމުން އެމެރިކާއާއެކު ހަނދަށް ދިޔުމުގެ މިޝަނަށް ޖަޕާނުން ނޫނެކޭ ބުނެފާނެ އެވެ.

ބޮޑެތި ހުރިހާ ގައުމުތަކުންހެން މިހާރު އެ ގައުމުތަކުން ޖައްވީ މިޝަނުގައި ބޭނުން ކުރާނެ އުޅަނދުތައް ވަނީ ބަނދެފަ އެވެ. ނުވަތަ ބަނދެ ނިމެން ވަނީ ކައިރިވެފަ އެވެ. އުޅަނދުތައް ތައްޔާރުކޮށް ނިމިގެން މިހާރު ކުރިއަށް ގެންދާ ޓެސްޓު މަރުހަލާގައި ބޮޑެތި ޓެކްނިކަލް ފޯލްޓުތަކެއް ވެސް ވަނީ ފެނިފަ އެވެ. އާންމު ގޮތެއްގައި ހުރިހާ ގައުމަކުން ވެސް ޖައްވީ އުޅަނދުތަށް ތައްޔާރު ކުރަނީ އެއް ގޮތަކަށެވެ. ހަމައެކަނި ތަފާތަކީ ދުވެލީގެ ސްޕީޑެވެ.

ޓެކްނިކަލް މައްސަލަތަށް ދިމާވެފައި ވަނީ މާސްއަށް ދިއުމަށް ހާއްސަ ކޮށްގެން ތައްޔާރު ކޮށްފައިވާ އުޅަނދުތަކުގަ އެވެ.

މައްސަލަ ފާހަގަވެފައި ވަނީ ޖަޕާނުގެ ޖައްވީ އުޅަނދާއި އެމެރިކާގެ ޖައްވީ އުޅަނދުގެ އިތުރުން ޗައިނާގެ ޖައްވީ އުޅަނދުންނެވެ. ޗައިނާގެ ސައިންސްވެރިން ބުނާ ގޮތުގައި ޖައްވުގައި މިހާރު ވަގުތު ބަލަން ބޭނުން ކުރަމުންދާ ގަޑި ބަދަލު ކޮށްފައިވާތީ، އުޅަނދުތަކުގެ ޕްރޮގްރާމިން ކޯޑަށް ބަދަލުތަކެއް އަންނާނެ އެވެ. ސަބަބަކީ އުޅަނދުގައި ބޭނުން ކުރަމުންދާ އާޓިފިޝަލް އިންޓެލިޖެންސުގެ ބޮޑު ބައެއް މަސައްކަތް ކުރާނީ މި ގަޑިއަށް ބަލައިގެނެވެ. މިއީ ޓެކްނިކަލް ފޯލްޓެއް ކަމަށް ވިޔަސް މިކަމުން ދިރާސާތަކަށް އަސަރު ކުރާނެ އެވެ. އެމެރިކާއިން ޖައްވުގައި ބޭނުން ކުރަމުންދާ ގަޑި މަރާމާތު ކުރުމަށްފަހު އަލުން ފޮނުވާފައި ވަނީ މިއަހަރުގެ ތެރޭގަ އެވެ. އުޅަނދުތަކުގެ ޕްރޮގްރާމިންގެ ކަންކަން ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.

އެކަމަކު މިހާރު ގައުމުތަކުން ދެކޭ ގޮތުގައި ދުނިޔެއިން މާސްއަށް ދިޔުމަށް ނަގާ ވަގުތު ކުޑަ ކުރެވިއްޖެނަމަ މި ޓެކްނިކަލް ފޯލްޓްތަކުން އަރައިގަނެވޭނެ އެވެ. އަދި މިއީ އެންމެ ފަސޭހާ ގޮތް ކަމަށް ވެސް ބުނެ އެވެ. އާންމު ގޮތެއްގައި މާސްއަށް ދިޔުމަށް ހަތަރު މަސް ނަގަ އެވެ. އެވެސް އަހަރުގެ ވަކި ހިސާބެއްގައި ފޮނުވާނަމަ އެވެ. އެ ހިސާބަކީ ދުނިޔެ އެބުރޭއިރު މާސްއާ އެންމެ ކައިރިވާ ވަގުތެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ އިންޖީނިއަރުން މިހާރު ގެންދަނީ އެގައުމުގެ އިންޖީނު އުފައްދާ ކުންފުނިތަކާ ގުޅިގެން އަންނަ އަހަރުގެ މެދުތެރެއަށް އާ އިންޖީނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނާސާއިން ދެކޭ ގޮތުގައި ނިއުކްލިއާ އިންޖީނެއް ތައްޔާރު ކުރާނެ ވަގުތެއް މިހާރަކު ނެތެވެ. އޭގެ ބަދަލުގައި ނާސާއިން ބޮޑަށް އަމާޒު ހިފާފައި ވަނީ ސޯލާ އިންޖީނެއް ތައްޔާރު ކުރުމަށެވެ. އަދި ޖައްވީ އުޅަނދުތަކުގައި މިހާރު ބޭނުން ކުރަމުންދާ އިންޖީނުތަކަށްވުރެ ހަލުވި އިންޖީނެއް ބަނުމަށެވެ. އިންޖީނު ތައްޔާރުކޮށް ނިމިއްޖެނަމަ ދެ މަސް ތެރޭގައި މާސްއަށް ދެވޭނެ ކަމަށް ނާސާއިން ބުނެ އެވެ.

އެކަމަކު އަދި އިންޖީނު ތައްޔާރު ކުރެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނުފުނެ އެެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ ޖައްވީ މިޝަންތަށް މަޑު ޖައްސާލަން ޖެހިދާނެ ކަމުގެ ބިރު އެބަ އޮތެވެ. ނަމަވެސް ރަޝިއާއިން ވަނީ ދާދިފަހުން ވަނީ ދެ ދުވަހުގެ ތެރޭގައި ބައިންލްއަގްވާމީ ސްޕޭސް ސްޓޭޝަނަށް ދެވޭނެ އުޅަނދެއް ތައްޔާރުކޮށްފަ އާންމުނަށް ދައްކާފަ އެވެ. ނަމަވެސް ނާސާއިން އުޅަނދާ ބެހޭ މައުލޫމާތު ދޭން އެދުމުން ރަޝިއާއިން ވަނީ ދެކޮޅު ހަދާފަ އެެވެ.