ކުޅިވަރު

އިބްރަހިމޮވިޗް އެނބުރި މިލާނަށް

އޭސީ މިލާނާއެކު ކުރިން އިޓާލިއަން ލީގް ހޯދި ސްވިޑެންގެ ގައުމީ ޓީމުގެ ފޯވަޑް ޒްލާޓާން އިބްރޮހިމްވިޗް އެނބުރި އޭސީ މިލާނަށް ބަދަލު ވެއްޖެ އެވެ.

އެންމެ ފަހުން އެމެރިކާގެ މޭޖާ ލީގްގެ ލޮސްއެންޖަލިސް ގެލްކްސީއަށް ކުޅުނު އިބްރޮހިމްވިޗް، މިލާނަށް އެނބު ދިޔައީ ހަތް އަހަރު ފަހުންނެވެ. މިލާންގެ ވެބްސައިޓަށް ދީފައިވާ އިންޓަވިއުގައި އޭނާ ބުނީ އޭނާ ބަދަލުވަނީ އިންތިހާއަށް އޭނާ ލޯބިވާ ކުލަބަކަށް ކަމަށެވެ. އެ ކުލަބުގެ ރަނގަޅު ހިސާބަކަށް ގެންދިއުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

އިބްރޮހިމްވިޗް މިލާނަށް ބަދަލު ވާނީ، އަންނަ ބުރާސްފަތި ދުވަހު އެވެ. ޔޫރަޕްގެ ފިނި މޫސުމުގެ ޓްރާންސްފާ ފެށޭނީ، އަންނަ ބުދަ ދުވަހު އެވެ. އޭނާ މިލާނަށް ބަދަލު ވަނީ މި ސީޒަންގެ ނިޔަލަށެވެ. އެހެން ނަމަވެސް ކުލަބުން ބޭނުންވެއްޖެ ނަމަ އިތުރު އެއް ސީޒަނަށް އޭނާ އެ ޓީމުގައި ބެހެއްޓުމުގެ އިހްތިރާރު ކުލަބަށް ލިބެ އެވެ.

ޔޫރަޕްގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެއްގެ ގޮތުގައި ކުރިން އޮތް މިލާން އަށް ވަނީ މިދިޔަ ފަސް އަހަރު ތެރޭ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެ ޓީމު އޮތީ ލީގްގެ 11 ވަނައިގަ އެވެ. މިދިޔަ ހަފުތާގައި އެ ޓީމު ވަނީ އެޓަލާންޓާ އަތުން 5-0 ން ބަލި ވެފަ އެވެ. އެ މެޗަކީ ވޭތުވެދިޔަ 21 އަހަރު ތެރޭ މިލާނަށް ކުރިމަތިވި އެންމެ ބޮޑު ބައްޔެވެ.

އިބްރަހިމްވިޗް ވަނީ މިލާން އާއި ވާދަވެރި ކުލަބު އިންޓަ މިލާން އާއި ޔުވެންޓަސްއަށް ވެސް ކުޅެފަ އެވެ. އެ ދެ ކުލަބާއެކު ލީގް ހޯދި ނަމަވެސް މެޗު ފިކްސިންގެ މައްސަލަތަކާ ހެދި ދެ ކުލަބު ހޯދި ލީގް ވެސް އެ ދެ ޓީމު އަތުން ނެގި އެވެ.

މިލާނުން އެންމެ ފަހުން ލީގް ހޯދިއިރު، އޭނާއަކީ އޭރުގެ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. މިލާނަށް ކުޅުނު ދެ އަހަރުގައި އޭނާ ވަނީ ލީގްގައި 42 ލަނޑު ޖަހާފަ އެވެ.