ކުޅިވަރު

ވޯލްވްސް އަތުން ބަލިވެ އުންމީދުތައް ފެނަށް

ވޯލްވާހަމްޓަން ވޮންޑާސް (ވޯލްވްސް) އއިން ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކާއެކު 3-2 ން މެންޗެސްޓާ ސިޓީ ބަލިވުމުން، ލީގް ހޯދުމުގެ އުންމީދު ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ދޫކޮށްލައިފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، މިދިޔަ ދެ ސީޒަންގެ ލީގް ޗެމްޕިއަންކަން ހޯދި ކޯޗް ބުނީ މި ސީޒަންގައި ދެން އެއް ވަނަ މަގާމު އަތު ނުވާނެ ކަމަށެވެ. ދެން އޭނާގެ ޓީމުން މަސައްކަތް ކުރާނީ ދެ ވަނައިގައި ސީޒަން ނިންމާލަން ކަމަށް އޭނާ ބުންޏެވެ.

ގާޑިއޯލާ ބުނީ، ލީގް ހޯދުމުގެ ފުރުސަތު ނެތް ނަމަވެސް، ނޮކައުޓް މުބާރާތެއް ކާމިޔާބު ކުރަން ލީގަށް ދޭ ސަމާލުކަން ކުޑަ ނުކުރާނެ ކަމަށެވެ.

"[ލީގް ހޯދުމުގެ ފުރުސަތު ނެތް ނަމަވެސް] ލީގަށް ދޭ އިސްކަން އެހެން މުބާރާތަކަށް ނުދޭނަން،" މިދިޔަ ސީޒަންގެ އިނގިރޭސި ޑޮމެސްޓިކް ތިން މުބާރާތްވެސް ކާމިޔާބު ކުރި ކޯޗް ބުންޏެވެ. "ލީގް ހޯދެން ނެތޭ ކިޔާފައި އެހެން މުބާރާތަކަށް އަހަރެމެން އިސްކަން ދީފިއްޔާ އަންނަ ސީޒަންގައި ޔޫރަޕްގެ އެއްވެސް މުބާރާތަކުން އަހަރެމެންނަށް ޖާގަ އެއް ނުލިބޭނެ."

މެޗުގެ ބޮޑު ބައެއް ސިޓީން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ކީޕަރު އީޑަސަން މޯއައިސްއަށް މެޗުގެ 12 ވަނަ މިނެޓްގައި ރަތް ކާޑު ދެއްކުމުންނެވެ. ދެ ވަނަ ކީޕަރު ކްލައުޑިއޯ ބްރާވޯ ކުޅެން އެރުވީ ޓީމުގެ އެންމެ މުހިންމު ފޯވަޑް ސާޖިއޯ ކުން އަގުއޭރޯގެ ބަދަލުގަ އެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ސިޓީން ލީޑް ނަގައި ދެ ލަނޑަށް ލީޑް ފުޅާވެސް ކުރި އެވެ.

އެ ޓީމުގެ ފުރަތަމަ ލަނޑު 25 ވަނަ މިނެޓްގައި ކާމިޔާބު ކުރި ރަހީމް ސްޓާލިން އެވެ. ސިޓީގެ ދެ ވަމަ ލަނޑުވެސް ކާމިޔާބު ކުރީ އޭނާ އެވެ. އެއީ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގަ އެވެ. އޭގެ ފަސް މިނެޓް ފަހުން އެޑަމާ ޓޮރެއާރޯ ވޯލްވްސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރި އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކޮށް، ވޯލްވްސްއިން ލީޑް ނެގީވެސް މެޗުގެ އެންމެ ފަހު ހަތް މިނެޓްތެރޭގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރައުލް ހިމެނޭޒް އެވެ. ޓީމު މޮޅުކޮށްދިން މެޗުގެ 89 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މަޓް ޑޯޓީ އެވެ.

މި ސީޒަންގައި ލީގްގައި ސިޓީ ބަލިވި މެޗުގެ އަދަދު ފަހަކަށް އެރީ އެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމު ބަލިވެފައި ވަނީ ހަތަރު މެޗުންނެވެ.