ވާހަކަ

ދަސްނުވި ހިތް

މީހުންގެ މިޒާޖަށް ކުއްލި ކުއްލިއަށް ބަދަލު އައުމަކީ ވެދާނެ ކަމެއް ހެއްޔެވެ؟ މާބޮޑަށް ހެޔޮ ބޮޑުވުމަކީ ކަމެއްގެ ނިޝާނެއް ހެއްޔެވެ؟ އެއީ އަލާމާތެއް ހެއްޔެވެ؟

ނޫނެކެވެ. ހާލަތާއި ޒަމާން ގެންނަ މުސީބާތްތަކުން މީހުންނަށް ބަދަލު އާދެއެވެ. ނުވިސްނޭ އެތައް ބަޔަކަށް ފަހުން ވިސްނެއެވެ. ގޯސްކޮށް އުޅުނު ކިތައް މީހުން މިހާރު އިސްލާހު ވެއްޖެ ހެއްޔެވެ؟ މިސްކިތް ނުފެންނަ ކިތައް މީހުން ފަސްވަގުތަށް މިސްކިތަށް އަރަން ފަށައިފި ހެއްޔެވެ؟ ކޮނޑާއި ބުރަކަށި ހާމައަށް ދައްކައިގެން، ސޯޓު ލައިގެން ހުސްފައިގައި އުޅުނު ކިތައް މީހުން ނިވާ ވެއްޖެ ހެއްޔެވެ؟ އެއް މަގުން ނުހިނގުނު ކިތައް މީހުން އެއް ސުފުރާއިން ބަނޑުފުރަން ފަށައިފި ހެއްޔެވެ؟ މިއީ އަހަންނަށް ފެންނަ ހަގީގަތެވެ. ލޮލު ކުރިމަތިން ކުލަވާ މަންޒަރުތަކެވެ.

އެކަމަކު އެއީ ގޯސް ވިސްނުމެކެވެ. އަހަންނަށް ފެނުނު މަންޒަރާއި ކުރެވުނު ތަޖުރިބާ ތަފާތުވީއެވެ. މާބޮޑަށް ހެޔޮ ބޮޑުވުން އަހަންނަށް މާނަ ކުރެވުނު ގޮތް ގޯސްވީއެވެ. މިޒާޖަށް އައި ކުއްލި ބަދަލު ތަރުޖަމާ ކުރެވުނު ގޮތް ނުބައި ވީއެވެ. ބޭރުފުށުގެ ކުލައާއި އެތެރެއާ ދިމާވެދާނެ ކަމަށް ހީކުރުން ގޯސްވީއެވެ.

ރިޔާޒަކީ އަހަރެންގެ އަލަތު ލޯތްބެއް ނޫނެވެ. އެހެނަސް އެއީ އަހަރެންގެ އަލަތު ފިރިމީހާއެވެ. ރިޔާޒުގެ ހުވަފެނީ ރާނީއަކީ އަހަރެން ކަމަށް އޭނާ އަބަދު ވެސް ބުނެއެވެ. އަހަރެން އެހަނދާންވެއެވެ. އޭނާ ބުނާ ޖުމުލަތައް ހަނދާންވެއެވެ. އޭގައި ހުންނަ ބުރަދަނެއް އޭރަކު ނުވިސްނެއެވެ. އަހަރެން މުނީޒާ ރައްޓެހިވީ އޭނާ އާދޭސްކޮށްކޮށް ހުއްޓައެވެ. މުނީޒާ ރައްޓެހިވި ފަހުން ރިޔާޒަށް އައި ބަދަލު ފެނުނެވެ. އޭނާ އުޅުނު ގޮތެވެ. އެއްދުވަހު އޭނާ ބުނި ޖުމުލައެއް އަދި ވެސް ހަނދާނުން ނުފިލާ އެބަހުއްޓެވެ.

"ހިތެއް އޮޅުކުރަން ހިތެއް ފުނޑުފުނޑު ކޮށްލައިފި ނަމަ ފަހުން ރޯން ޖެހިދާނެ."

ކުއްލިއަކަށް މުނީޒު އަހަންނަށް ގެއްލުނީއެވެ. އަހަންނާ ވަކިވީއެވެ. އުމުރަށެވެ. މުޅި އުމުރަށެވެ. އޭނާ ދިޔައީއެވެ. ދުވަހަކު ވެސް ނާންނަ ގޮތަށެވެ. އަހަރެންގެ ހަޔާތުގެ ތަސްވީރުގައި އޭނާ ނެތުނީއެވެ. އޭރު އަހަރުމެންގެ ކައިވެނީގެ މަންޒަރުތައް އޮތީ ކުރަހާފައެވެ. ދުވަސް އޮތީ ނިންމާފައެވެ. އާއިލާއިން އޮތީ އާނ ބަސް ބުނެފައެވެ. ލިބެން އުޅުނީ ހެޔޮ މައިދައިތަ އެކެވެ. ހެޔޮ ފަހަރިއެކެވެ. ނަމަވެސް، ހުރިހާ ކަމަކަށް ހުރަސް އެޅީ ތަގުދީރެވެ. އެކުވެރިންނާއެކު ފަރުމަހަށް ގޮސް އުޅެނިކޮށް ގޮތްތަކެއްވީއެވެ. ފަރުވާ ދެވޭނެ ތަނަކަށް ނުގެނެވި އުޅެނިކޮށް ފުރާނަ ދިޔައީއެވެ.

އެއީ ހިތްދަތި ދުވަހެކެވެ. އަސަރު ކުރި ރެއެކެވެ. އެހައި ހިސާބުން މުޅި މަންޒަރު ބަދަލުވީއެވެ. ލޯބިން ބިނާކުރި ހުވަފެނީ މަންޒިލު ސުނާމީ އަރައި ދޮވެލީއެވެ. ހަމައަކަށް އެޅުނީ ދުވަސްގަނޑެއް ފަހުންނެވެ. ރިޔާޒު ހުރީ ފުރުސަތަށް ބަލަބަލައެވެ. އަހަރެން ހިފީ ރިޔާޒު ދެވަނަ ފަހަރަށް ދިއްކޮށްލި އަތުގައެވެ. ރިޔާޒަކީ ފަތުރުވެރިންގެ ހާދިމެކެވެ. ފުރަތަމަ ފެނިލުމުން ހިތްލަންބުވާލާނެ ހިނިތުންވުމެއް އޭނާ ގެންގުޅެއެވެ. އަހަންނަށް އަޅައިގަތީ އެ ހިނިތުންވުމުގައެވެ. ހިތްދޫކޮށް ލެވުނީ ވެސް އެ ހިނިތުންވުމަށެވެ. މުނީޒުގެ ހަނދާން ތަކުން ނުކުންނާށެވެ. އަހަރެންގެ ހިތުގައި ރިޔާޒުގެ ނަން ލިޔަން ޖެހުނީ ހިތާއި ދެކޮޅަށެވެ. އަހަންނަށް ޖެހުނީ ލޯބިވާށެވެ. ހިތަށް ވިސްނައިދީގެންނެވެ. ގަދަކަމުންނެވެ.

"ހަޔާތަކީ އަޑި ގުޑަން ގިނަ ވާދީއެއް. އަބަދު އެއްގޮތަކަށް ނޯންނާނެ. އެ ހަނދާނުގައި ކިތައްމެ ދުވަހަކު ނުކައި ނުބޮއި އުޅުނަސް ވާނެ ފައިދާއެއް ނޯންނާނެ. ހުރިހާ ދެރައެއް ލިބޭނީ ދަރިފުޅަށް. ހަލާކު ވާނީ ދަރިފުޅުގެ ދިރިއުޅުން. ދުނިޔެއަކީ އެހައި ކުޑަތަނެއް ނޫން." އަހަރެންގެ ވިސްނުން ބަދަލުކޮށްލީ މަންމަގެ ބަސްތަކުންނެވެ.

އެއީ ކިހާ ބޮޑު ތެދެއް ހެއްޔެވެ؟ ދުނިޔެއީ ކިހައި ފުޅާ ތަނެއް ހެއްޔެވެ؟ ކިހައި ބޮޑު ތަނެއް ހެއްޔެވެ؟ އަހަންނަށް އެހައި ކުޑަކޮށް މި ވިސްނެނީ ކީއްވެ ހެއްޔެވެ؟ އުފަލާއި އަރާމާއި މަޖާ އޮތީ މި ދުނިޔޭގައެވެ. ވޭނާއި ކެކުޅުމާއި ހިތްދަތިކަން ވެސް އޮތީ މި ތަނުގައެވެ. މަތީ ހުރެ ބަލައި އިރު އިންސާނުން ފެންނާނީ ވެލި ފުކެއް ހެންނެވެ. އެކަމަކު މީހުންގެ ހިތް ކައުނަށް ވުރެ ބޮޑެވެ. ބޮޑެތި ގުރަހާނާ ތަކަށް ވުރެ ފުނެވެ. އަހަންނަށް ދަސްނުވީ އެކަމެވެ. މީހުންގެ ހިތުގެ ފުންކަމެވެ. ފުން މިނެވެ. މަކަރުވެރި ރޭވުންތަކެވެ. ހީލަތްތެރި މަކަރެވެ.

"އަހަރެން ބޭނުމެއް ނޫން ލަސްކުރާކަށް. ބޭނުން ވަނީ އަވަހަށް ކައިވެނި ކުރަން،" ކުރީގެ ތަޖުރިބާގެ އަލީގައި އަހަރެން ގޮތެއް ނިންމީމެވެ. "ކޮންމެ ހާލަކަށް ވެސް އަހަރެން ފެތޭނަން. އަހަރެން ހޭނޭނަން."

އެކަމާ ރިޔާޒު ދެބަހެއް ނުވެއެވެ. އޭނާ ބޭނުން ވާނީ އެގޮތް ކަން އަހަންނަށް މާ ކުރިން ވެސް އެނގެއެވެ.

"ސުޒީ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވެސް ނިންމާނީ. ހުރިހާ ބާރެއް ސުޒީއަށް ދޫކޮށްލައިފަ." ރިޔާޒު އެބުނީ ކިހައި ބޮޑު ތެދެއް ހެއްޔެވެ؟

ކައިވެނީގެ ކަންތައް ނިންމުމުގައި އޭނާ ބަހެއް ނުކިޔައެވެ. ގޮތެއް ނުނިންމައެވެ. ހުރިހާ ކަމެއް ނިންމީ އަހަރެން ބޭނުންވި ގޮތަށެވެ. ހުރިހާ ކަމެއްގެ ކުރީ އަހަރެން އެދޭ ގޮތަށެވެ. ރިޔާޒު އެ ހުރިހާ ކަމަކަށް ރުހި ގަބޫލުވިއެވެ. ޚިޔާލު ތަފާތެއް ނުވިއެވެ. ކައިވެނީގެ ކަންކަން ނިންމީ އާދައިގެ ގޮތަކަށެވެ. ވަރަށް އާދައިގެ ގޮތަކަށެވެ. މަންމަމެން އެކަމާ ކުދިކިޔެވެ. ނަމަވެސް މަންމައަށް އަހަރެން އެނގޭނެއެވެ. ބުނާކަށް ނުޖެހޭނެއެވެ.

"އަހަރެން ބޭނުންވަނީ ވީހާ އަވަހަށް ކުއްޖަކު ހޯދަން." ރިޔާޒުގެ ބޭނުންވާ ގޮތް ބުނީ ކައިވެންޏަށް ހަފުތާއެއް ވީފަހުންނެވެ.
"އަހަރެން އަދި ވަގުތުކޮޅެއް ބޭނުންވޭ. އަދި ތަންކޮޅެއް އަވަސް." އަހަރެންގެ ޚިޔާލު ތަފާތުވިއެވެ.

އަހަރެން ހީކުރީ ރިޔާޒު ދެކޮޅު ނަހަދާނެ ކަމަށެވެ. އަހަރެން ބޭނުންވާ ގޮތަށް އެކަން ވެސް ދޫކޮށްލާނެ ކަމަށެވެ. އަހަރެންގެ ނިންމުމަކީ އޭނާގެ ނިންމުމަށް ވާނެ ކަމަށެވެ. ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. ފުރަތަމަ ފަހަރަށް ޚިޔާލު ތަފާތުވިއެވެ. އޭރު އެއީ ކުރިފަޅައިގެން ހެދިދާނެ ގަހެއް ކަމެއް އަހަންނަކަށް ނުވިސްނުނެވެ. ފެން ނުދިނަސް އެ ގަސްހެދި ފޯދިގެން އޭގައި އަޅާ މޭވާ ކެވިގެން މަރުވެދާނެ ކަމަށް ހިތަށް ވެސް ނާރައެވެ.

"އެބައޮތް ގޮތެއް." އަހަރެން ބުނެލީމެވެ. "އުޅެން އަހަރުމެންގެ ގެއަށް ބަދަލުވާންވީނު. އޭރުން އަހަންނަށް އެއްބަސް ވެދިދާނެ."
ރިޔާޒުގެ ވިސްނުމާ އަހަރެންގެ ވިސްނުން އެއްގަލަކަށް ނާރަނީސް ދެވަނަ މައްސަލައާ ކުރިމަތިލާން ޖެހުނެވެ. ރިޔާޒުގެ ވިސްނުން އަހަންނަށް ދޭހަ ކުރާކަށް ފަސޭހައެއް ނުވިއެވެ. އަހަރެން ހީކުރީ އޭނާ ބޭނުންވަނީ ދަރިއެއް ކަމަށެވެ. ފަސޭހައިން އެކަން ވާން އޮތްގޮތް އަހަރެން ބުނީމެވެ. ސަބަބުތައް ގިނަވީ މައެވެ.

އަހަންނަށް އުޅެން ޖެހެނީ ކުއްޖަކު ގެންގުޅެވޭ ވަރު ކޮޓަރިއަކު ނޫނެވެ. އެއީ ކޮށްޓެކެވެ. ފާރުގައި ސިމެންތިއެއް ނުޖަހައެވެ. ތަޅުމުގައި އޮތީ ފޮޅި، އޮޅި އިރިފައިވާ ތަރުފާއްޔެކެވެ. ނިދަން ހުރީ ލަކުޑިން ޖަހައިފައިވާ ހަނި އެނދެކެވެ. އޮށޯވެއްޖެ ނަމަ މަޅުތަކުން އަޑު ކިޔައެވެ. އެނދުގައި އޮތީ ދެފުށް ފިތި ކަޅުވެފައިވާ ތުނި ގޮދަޑިއެކެވެ. އެނދުގައި އޮށޯވެ ބަލައިލުމުން ފެންނަނީ ވަކަރު މަތީ ދުވާ މީދާތަކެވެ. ކަންކަނުގައި ގިނަވެ ބޯވެފައިވާ މަކުނުވާތަކެވެ. ކޮޓަރީގައި އިތުރަށް ހުރީ އަރިވެފައިވާ ފޮތި އަލަމާރިއެކެވެ. ކޮޓަރީގައި އުޅެން ޖެހެނީ އެތެރެއަށް ނޭވާ ހިފަހައްޓައިލައިގެންނެވެ. ދުވާ ވަހުންނެވެ. ފެންވަރަން ޖެހެނީ ގިފިލިންނެވެ. ފާޚާނާ ކުރަން ޖެހެނީ ހަނޑަސްބުރި ޖަހައިގެންނެވެ.

އެކަމަކު އަހަރެންގެ އުޅުނީ އެކަހަލަ ތަނެއްގައި ހެއްޔެވެ؟ ހާމަ ގިފިއްޔަކުން ފެންވެރި ހަނދާނެއް ނުވެއެވެ. އަހަރެން ކޮޓަރިއަކީ ފިނިހޫނުމިން ހެޔޮ ކުރެވޭ ކޮޓަރިއެކެވެ. ނިދީ މަޑު ގޮދަޑީގައެވެ. ކޮޓަރީގައި ފާޚާނާ ހުރެއެވެ. ދޮންނަ މެޝިން ހުރެއެވެ. ބޭނުން އިރަކު އިސްތިރި ކުރެވެއެވެ.

ދެން އޮތީ ބަދިގެއެވެ. އޮށިން ބިތްގަތާފައި ހުރި ކުޑަކުޑަ ތަނެކެވެ. ކައްކަން ޖެހުނީ މަށި އުނދުނުގައެވެ. ދަރުންނެވެ. އުނދުނަށް ހުޅު ލައިފިނަމަ ދެ ލޯ ހީވާނީ ބޭރަށް ނުކުމެދާނެ ހެންނެވެ. މުޅި ތަނުގައި އޮންނާނީ ދުމެވެ. ބަދިގެއިން ނިކުތުމަށްފަހު އޮންނާނީ ކެއްސުމެވެ. ކެއްސާ ކެއްސާ ގޮސް މީހާ ހަލާކުވާ ވަރުވާނެއެވެ. އެއިން އެއްވެސް ކަމަކާ އަހަރެން ޝަކުވާއެއް ނުކުރަމެވެ. އެއީ މައްސަލައަކަށް ނަހަދަމެވެ. ފަސްއިނގިލި ތަފާތުކަން ވިސްނެއެވެ.

"ކެތްވެޔޭ ހިތަށް އަރާ." އަހަރެން ވާހަކަތައް އަހައިފައި މަންމަ ބުނެލިއެވެ.

"މަންމައެއްނު ބުނީ ދުނިޔެއަކީ އަޑިގުޑަން ގިނަ ތަނެކޭ." އަހަރެން މަންމަގެ އުނގުގައި ބޯ އަޅައިލީމެވެ.

މަންމަ އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ. ލޯބިން ފުރިގެންވީ ގޮތަކަށެވެ. އަހަންނަށް ލޯ މަރައިލެވުނެވެ.

"މި އެ ޒަމާނެއް ނޫނެއްނު. އަނެއްކާ ރިޔާޒަށް ނުލިބެނީ އެއް ވެސް ނޫނެއްނު،" މަންމަ ފުން ނޭވާއެއް ދޫކޮށްލިއެވެ. "ދަރިފުޅާ! ފިރިން މުރާލިކޮށް، އެމީހުން ޒިންމާދާރު ކުރުވާނީ ވެސް އަނބިން. މިހާރު ތިއީ އެކަކު. އެއް ހަށިގަނޑެއް. އެއް ފުރާނައެއް. ރިޔާޒުގެ ގޭގައި އިތުރު ބަޔަކު ނެތް. ތިބީ މުސްކުޅި ދެ މަފިރިން. އެމީހުންނަކަށް ތިޔަ ކަންކަން ރަނގަޅެއް ނުކުރެވޭނެ. ތިޔަ ހުރިހާ ކަމެއްގަ އިސްނަގައިގެން ގެ ބިނާ ކުރާން ޖެހޭނީ ދަރިފުޅަށް. ދިރިއުޅުމުގައި ކުލަ ޖައްސާނީ އަނބިން. އަނބިންގެ ހިތްވަރުން."

އަހަރެން ހީކުރީ މަންމަ ދައްކާނީ އެހެން ވާހަކައެއް ކަމަށެވެ. މަންމަގެ ވާހަކަ ފެށި ގޮތުން އަހަންނަށް މާނަ ކުރެވުނީ ވެސް އެހެންނެވެ. ނަމަވެސް، ނިމިގެން ދިޔައީ އެހެން ގޮތަކަށެވެ. މަންމަގެ ވާހަކަތަކުން އަހަރެންގެ ހިތުގައި އަޒުމު އާލާވިއެވެ. ހިތްވަރު އިތުރުވިއެވެ.

"މަންމާ ރިޔާޒު ބޭނުންވަނީ ކުއްޖަކު ހޯދަން،" އަހަރެން ތެދުވެ މަންމަގެ މޫނަށް ބަލައިލީމެވެ. "ކިހިނެއް އަހަރެން؟"
މަންމަ ވެސް އަހަރެންގެ މޫނަށް ބަލައިލިއެވެ. ފުން ނަޒަރަކުންނެވެ. އެ ދެ ލޮލުގެ ތެތްކަން އިތުރުވަމުން ދިޔައެވެ. މަންމަގެ ތުންފަތް ހަރަކާތްކޮށްލިއެވެ. ދެއަތް ނަގައި އަހަރެންގެ ދެ ކޮލުގައި ހިފައިލިއެވެ.

"ދެކޮޅު ނަހަދާ އާނ ބަސް ބުނޭ. ފިރިމީހާއާ ދެކޮޅު ވާން ފަށައިފި ނަމަ ދިރިއުޅުމުގެ ބަރަކާތެއް ނުހުންނާނެ." މަންމަ އަހަރެން ދަތްދޮޅީގައި ހިފައިލިއެވެ. "މާ ބޮޑަށް ހާސް ނުވޭ. މަންމަ ހުންނާނީ ދަރިފުޅާ އެކު."

ކައިވެންޏަށް ފަސްވަނައަށް ވީ ހަފުތާގައި ރިޔާޒު ފުރައިގެން ދިޔައީއެވެ. ފުރުމުގެ ކުރިން ޖެހުނު ލައް ފިލުވައިލީމެވެ. އިސްނެގީ އަހަރެންނެވެ. ހިތާ ދެކޮޅަށް ނަމަވެސް ރިޔާޒު ބޭނުންވާ ގޮތަށް އެއްބަސްވެގެންނެވެ. އޭގެ ފަހުން ހުރިހާ ކަމެއް ދިޔައީ ރަނުން ރަނަށެވެ. އަހަރުމެން މަޝްވަރާ ކުރަމެވެ. ވާހަކަދައްކަމެވެ. ހިޔާލު ތަފާތެއް ނުވެއެވެ. އަހަރެންގެ ވާހަކައަށް ރިޔާޒު އެއްބަސް ވެއެވެ. ރިޔާޒު ބޭނުންވާ ގޮތަށް އަހަރެން އާނ ބަސް ބުނަމެވެ. އެކަމަކު ވެސް އަހަންނަށް ފާހަގަވި ކަމެއް އޮވެއެވެ. ހިޔާލު ތަފާތު ކަމެއް ނަމަ ހޫމް އަކުން ނިންމާލާކަމެވެ.

އަހަރެން އަޒުމު ކަނޑައެޅީމެވެ. ދިރިއުޅުން ކާމިޔާބު ކުރާށެވެ. ވީރާނާވެފައިވާ ގެ އަލުން އިމާރާތް ކުރާށެވެ. ކުއްޖަކު ލިބެންވާ އިރަށް އުޅެވޭނެ ރަނގަޅު ތަނެއް ބިނާކުރާށެވެ. ހިތުގައި އުއްމީދީ ގެ ކުރަހައިލީމެވެ. ހުވަފެނީ ގަނޑުވަރެވެ. އެކަން ރިޔާޒަށް ކިޔައިދިނީމެވެ. އޭނާ ހޫމް އަޅުވާލިއެވެ. އަހަރެން މާނަކުރީމެވެ. ކުރިއަށް ދާންވީ ކަމަށެވެ. އެކަމާ ރިޔާޒު ނުބެހެއެވެ. ދެކޮޅެއް ނަހަދައެވެ. ފާޑެއް ވެސް ނުކިޔައެވެ.

ރިޔާޒު ރިސޯޓަށް ދިޔަތާ ހަފުތާއެއް ވާން ކައިރިވީ އިރަށް އަހަންނަށް އުނދަގޫވާން ފެށިއެވެ. ބޯ އަނބުރަނީއެވެ. މޭ ބޮޑުވަނީއެވެ. ހޮޑުލަވާ ގޮތް ވަނީއެވެ. އެނދުން ތެދުވާ ހިތް ނުވަނީއެވެ. އެއްޗެއްގެ ވަސް ދުވާއިރަށް އޯކަށް ދެމެވެނީއެވެ. އަހަންނަށް ޝައްކުވާން ފެށިއެވެ.

"ދެން ބަލައިގެން އުޅޭނީ!" ރިޔާޒުގެ އަޑުގައި އުފާވެރިކަމެއް ނެތެވެ. ފޯނުން ވާހަކަދެއްކި އިރު އެކަން އަހަންނަށް އިހުސާސްކުރެވުނެވެ.

އޭރު އަހަރެން ކުރާން ބޭނުންވި އެއްވެސް ކަމެއް ނުކުރެވެއެވެ. އެއްވެސް މަސައްކަތެއް ނުފެށެއެވެ. ގެއަށް ގެންނަން ބޭނުންވި ބަދަލު އޮތީ ބޮލުތެރޭގައެވެ. އަނެއްކާ ވެސް ޖެހުނީ މަންމަގެ އުނގުގައި ބޯ އަޅާށެވެ. މަންމަ އަހަންނަށް އެހީތެރިވިއެވެ. އަހަރެންގެ ހުރިހާ ކަމެއްގެ އެއްކޮޅުގައި ހިފިއެވެ.

"އަންހެނަކު ކުރާން ހިތުލައިފި ކަމެއް ނުވެއެއް ނުދާނެ." މަންމަ ހިނިތުންވެލާފައި އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ.
އަހަރުމެން ތިބީ އަހަރުމެންގެ ހުވަފެނީ ކޮޓަރީގައެވެ. އެއީ މިހާރު ހަގީގަތެކެވެ. އަހަރެންގެ ގަނޑުވަރެވެ. އެންމެ ޒަމާނީ ކޮޓަރިއެކެވެ. ޒަމާނީ ފަރުނީޗަރެވެ. ސްމާޓް އާލާތްތަކެވެ. ފިނިހޫނުމިން މިން ކުރެވޭ ކޮޓަރިއެވެ.

(ނުނިމޭ)