ހަބަރު

ކުލި ކޮންޓްރޯލް ޕެޓިޝަނަށް އިއްޔެ 250 ސޮއި

މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ސަރުކާރުން ނުވަތަ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކޮންޓްރޯލް ކުރަން އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރަމުންދާ ޕެޓިޝަންގައި 250 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.

މަޖިލީހަށް މި ޕެޓިޝަން ހުށަހަޅަން މަސައްކަތް ކުރަމުން ދަނީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި އުފެއްދި މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުން ތަމްސީލު ކުރާ ޖަމިއްޔާއިންނެވެ. އެ ގޮތުން އެ ޕެޓިޝަނަށް މީހުންގެ ސޮއި ހޯދަން އިއްޔެ ހަވީރު ދެ ގަޑިއިރަށް ކާނިވާ ސަރަހައްދުގައި ޕެޓިޝަންގައި ސޮއި ކުރުން ކުރިއަށް ގެންދިޔަ އެވެ.

އެމްޓީޔޫގެ ފައުންޑާ ޝާއިން ޔޫސުފު ވިދާޅުވީ ޕެޓިޝަންގައި ސޮއިކުރަން އިއްޔެ ހަވީރު ކާނިވާ ސަރަހައްދުގައި ހިންގި ހަރަކާތުގައި 258 މީހުން ސޮއިކޮށްފައިވާ ކަމަށެވެ. ޕެޓިޝަނަށް ސޮއި ހޯދުމުގެ ގޮތުން އިތުރު ހަރަކާތެއް އަންނަ ހުކުރު ދުވަހު ކާނިވާ ސަރަހައްދުގައި ބާއްވަން ހަމަޖެހިފައިވާއިރު، ވަރަށް އަވަހަށް ދޮރުން ދޮރަށް ހިނގައިގެން ވެސް ސޮއި ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މާލޭގައި އުޅޭ ގިނަ މީހުނަކީ ކުއްޔަށް ދިރިއުޅޭ މީހުން ކަމުގައިވާތީވެ، މީހުންގެ އާމްދަނީއާ ނުބައްދަލަށް މާލޭގެ ކުލި ވެސް ބޮޑުވަމުންދާތީވެ، އެ މީހުންގެ އަޑު ސަރުކާރަށާއި މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް ފެށި މަސައްކަތެއް، މި ކަން ހައްލު ކުރަން ކުލި ކޮންޓްރޯލް ކުރަން ގިނަ ބަޔަކު އެދެމުންދާ ކަން އަންގައިދިނުމަށް،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ކުލި ބޮޑުވުމުގެ މައްސަލަ ހައްލު ކުރަން ސަރުކާރުގެ ސިޔާސަތަކީ މާލެ ސަރަހައްދަށް ސޯޝަލް ހައުސިން އިތުރުކޮށް ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްގީކޮށް މާލެއަށް އޮންނަ ޑިމާންޑް ކުޑަ ކުރުމެވެ.

ކުލި ކޮންޓްރޯލް ކުރަން އެދި ހުށަހަޅާ ޕެޓިޝަންގެ މަސައްކަތް ކުރާ އެމްޓީޔޫ އިން ދަނީ ސަރުކާރަށް ވެސް ފާޑުކިޔަމުންނެވެ. އެ މީހުން ބުނީ މިހާތަނަށް އައިއިރު ސަރުކާރުގެ ސިޔާސަތުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރި ތަނެއް ނުފެންނަ ކަމަށާއި އެހެންކަމުން އެ ޖަމިއްޔާއިން އެދެނީ ގާނޫނަކުން ނަމަވެސް ސީދާ ކުލި ކޮންޓްރޯލް ކުރަން ކަމަށެވެ.

ކުލި ކޮންޓްރޯލް ކުރަން އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅެމުގެ މަސައްކަތް ފަށާފައި މިވަނީ، ސަރުކާރުން ކުއްޔާ ބެހޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. އެ ބިލުގައި ރަޖިސްޓްރީ ކުރުމެއް ނެތި މާލޭގައި ދިރިއުޅެއް ކުއްޔަށް ދިނުން މަނާ ކޮށްފައިވާއިރު ކުއްޔަށް އުޅޭ މީހުންގެ ބައެއް ހައްގުތައް ވެސް ހިމަނާފައިވެ އެވެ. އެކަމަކު ދިރިއުޅެން ދޫކުރާ ތަންތަނުގެ ކުލި ވަކި އަގުތަކެއްގައި ކޮންޓްރޯލް ކުރަން ހިމަނާފައެއް ނުވެ އެވެ.