ސިނަމާލެ ބްރިޖުގެ ދަގަނޑުތަކުގައި ދަބަރު ޖެހުމުގެ މައްސަލަ ހައްލު ކުރަން ބޮޑު ދިރާސާއެއް ހެދުމަށް ފަހު މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށް ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ހުޅުވި ސިނަމާލެ ބްރިޖުގެ ދެ ފަރާތުގައި ޖަހާފައި ހުރި ދަގަނޑުތަކުގައި ދަބަރު ޖަހާތީ ސީސީސީސީން އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެށި އެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން ފަހުން އެ މަސައްކަތް ކުރާ ތަނެއް ނުފެނެ އެވެ.
އޭގެ ފަހުން ސަފީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބްރިޖުގެ ދަބަރު ފިލުވުމުގެ މަސައްކަތް ހަނދާން ނައްތާ ނުލާ ކަމަށެވެ. ސިނަމާލެ ބްރިޖުން ދަބަރު ނުފިލަނީ އެތަނުގައި ހާއްސަ މެރީން ކޮންޑިޝަންއެއް ހުރުމުން ކަމަށާއި ނަމަވެސް ސީސީސީސީ ކުންފުންޏާއި ޝިއަމަން ޔުނިވާސިޓީން ގުޅިގެން އެއް އަހަރުގެ ދިރާސާތަކާއި އެކްސްޕެރިމަންޓަށް ފަހު އާ މެޓީރިއަލްތަކެއް ބޭނުން ކޮށްގެން އަލުން ކުލަލާން ފަށާފައިވާ ކަމަށެވެ.
ސަރުކާރާއި ސީސީސީސީ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ދެ އަހަރުވަންދެން ބްރިޖު ބެލެހެއްޓުމުގެ މަސައްކަތް ކުރަން އެ ކުންފުނިން ކުރަން ޖެހެ އެވެ. ކުރީ ސަރުކާރުން ބުނެފައި ވަނީ އެ މުއްދަތުގެ ތެރޭގައި ބްރިޖު ބަލަހައްޓަން ދިވެހިން ތަމްރީން ކުރާނެ އެވެ.