ފަނޑިޔާރުން ތިބީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒުގެ ދަށުގައި ކަމަށް ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ އިސް ގާޒީ، އަދި ޖަސްޓިސް މިނިސްޓަރު ޖަމީލް މިހެން ވިދާޅުވީ ސިޔާސީ ކަންކަމުން އެއްކިބާވެ ރާއްޖޭގެ ކޯޓުތަކަށް މިނިވަންކަން ލިބިފައިވާ ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރަޓެޖިސްޓް އަދި ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ހޫދު މިހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެިރންގެ ބައްދަލުވުމުގަ އެވެ.
ހޫދު ވިދާޅުވީ ރާއްޖެ ސިޔާސީ ކަންކަމުގެ ތެރޭގައި ގާތްގަނޑަކަށް ހަތް އަހަރު ހޭދަ ކުރުމަށް ފަހު މިހާރު އެކަންކަމުން އެއްކިބާވެ، ހަމައަކަށް އެޅިފައިވާ ކަމަށާއި އޭގެ ސަބަބުން ކްރިމިނަލް ޖަސްޓިސް ސިސްޓަމަށް ފޯކަސް ކުރަން ފެށިފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިހާރު ކޯޓުތަކަށް ވެސް އެއޮތީ މިނިވަންކަން ލިބިފައި އެ ބޭފުޅުން އެ މަސައްކަތައިގެން ކުރިޔަށް ދާންވީ،" ހޫދު ވިދާޅުވި އެވެ.
ހޫދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖަމީލް ވިދާޅުވީ ރައީސް އޮފީހުގެ ތަރުޖަމާނު ޖުޑިޝަރީ މިނިވަންވިކަމުގެ ސެޓްފިކެޓް ދެއްވި ގޮތެއް އެނގިވަޑައިނުގެންނެވި ކަމަށެވެ. މިއަދު ޖޭއެސްސީގައި ތިއްބެވީ ރައީސް ނަޝީދާއި، އެމަނިކުފާނުގެ ވަކީލުން ކަމަށާ ޖުޑިޝަރީ ކޮމެޓީގައިވެސް ތިބީ އެމްޑީޕީގެ ވަކީލުން ކަމަށެވެ. އަދި ފަނޑިޔާރުން ތިބީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒުގެ ދަށުގައި ކަމަށް ވިދާޅުވެ ޖުޑިޝަރީ މިނިވަންވީ ކިހިނެތްތޯ ޖަމީލް ސުވާލު ކުރެއްވިއެވެ.
"ރައީސް އޮފީހުގެ ތަރުޖަމާނު ޖުޑިޝަރީ މިނިވަންވިކަމުގެ ސެޓްފިކެޓް ދެއްވި ގޮތެއް ނޭނގެ. ރައީސް ނަޝީދާއި އެމްޑީޕީގެ ވަކީލުންގެ ޓީމް ޖޭއެސްސީގައި. ޖުޑިޝަރީ ކޮމިޓީގައި އެމްޑީޕީގެ ވަކީލުން. ފަނޑިޔާރުން އެމްޑީޕީގެ ރައީސާއި ވަކީލުންގެ ނުފޫޒުގެ ދަށުގައި. ކުރިން މިނިވަން ނޫނީ ކޮން ކަމެއްތޯ." ޖަމީލް ސުވާލުކުރައްވާފައިވެއެވެ.
މީގެ ކުރިން ކޯޓުތަކަށް ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށާއި ރިޝްވަތާއި ގިނަ ޖަރީމާތައް އެތަންތަނުގައި ހިނގާ ކަމަށް އޮތީ ތުހުމަތު ކުރެވިފަ އެވެ. އެހެންކަމުން ކޯޓުތައް އިސްލާހުކޮށް އިންސާފު ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގަތް އެންމެ ބޮޑު އެއް ވައުދެވެ.
މިހާރު އެ ވައުދު ފުއްދުނީތޯ އަވަސް އިން ސުވާލު ކުރުމުން ހޫދު ވިދާޅުވީ ކޯޓުތައް އިސްލާހު ކުރުމުގެ ވައުދު އެއްކޮށް ހާސިލް ނުވާ ކަމަށެވެ. ނަމަވެސް އެ މަސައްކަތުގައި މިހާރު ބޮޑެތި ކުރި އެރުންތަކެއް ލިބިފައިވާ ކަމަށް ހޫދު ވިދާޅުވި އެވެ.