ހަބަރު

ހަރުކަށި ފިކުރުގެ މީހަކު މާޅޮހުން ހައްޔަރުކޮށްފި

ހަރުކަށި ފިކުރަށް ތާއީދުކޮށް ދަރިންނަށް އިހުމާލުވަމުން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ދަރިންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކުން މަހުރޫމްކޮށް، ބައެއް ދަރިން އުމުރުން 18 އަހަރު ނުފުރެނީސް ކޯޓުން ބޭރުން ކައިވެނި ކުރުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރީ އއ. މާޅޮހަށް ނިސްބަތްވާ 45 އަހަރުގެ އެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވާ މިއަދު އެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ދިވެހި ސަރުކާރުން ވަރުގަދަ މަސައްކަތްތަކެއް ފަށާފައިވާއިރު، މީގެ ކުރިން ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން އަދި ދައުލަތުގެ މުއައްސަސާތައް ގުޅިގެން ބޮޑު އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. އެ އޮޕަރޭޝަންގައި ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އަދި ވެކްސިން ދޭން ދެކޮޅު ހަދަމުންދިޔަ ބެލެނިވެރިންނަށް ނަސޭހަތްދީ ބައެއް ކުދިންނަށް ވަނީ ވެކްސިން ދީފައެވެ. ނަމަވެސް ދަރިންނަށް ވެކްސިން ދޭން ދެކޮޅު ހެދި ބެލެނިވެރިއެއްގެ ކިބައިން އެ ކުއްޖާ ނަގާ، އާއިލާގެ އެހެން ބަޔަކާއި ވަނީ ހަވާލު ކޮށްފަ އެވެ. މީގެ އިތުުރުން ކުދިން ސުކޫލަށް ނޮފުވާ މައްސަލަތައް ވެސް މަޑުއްވަރީން ވަނީ ފާހަގަ ކުރެވިފަ އެވެ.