ކޭތަ ހިފާފައި ހުންނަ ވަގުތު ކުކުޅު ބިހެއް ހަނިއަރިއަށް ބެހެއްޓިދާނެ ކަމަށް ގަބޫލު ކުރަން ހެއްޔެވެ؟ މަޝްހޫރު ސައިންޓިފިކް ތިއަރީއެއް ބުނާ ގޮތުގައި ކޭތަ ހިފާފައި ހުންނަ ވަގުތުގަ އާއި ބިހަށް އަމިއްލަ ބާރުގައި ހަނި އަރިއަށް ހުރެވޭނެ އެވެ. އަދި ފިނި މޫސުން ނިމި ސްޕްރިންގަށް ފެށޭއިރު ވެސް ބިހަށް މިގޮތަށް އޭގެ ޒާތުގައި ހުރެވޭނެ ކަމަށް ވެއެވެ.
މި ތިއަރީ އަކީ ހަގީގަތެއް ނޫންކަން ސާބިތުވެފައި ވިޔަސް މެލޭޝިޔާ އާއި އިންޑޮނޭޝިޔާގެ ގިނަ އަދަދެއްގެ ބަޔަކު މި ތިއަރީ މަސައްކަތް ކުރޭތޯ ޓެސްޓްކޮށް ސޯޝަލް މީޑީއާގައި މި ޓެސްޓްކުރުމާ ބެހޭ މައުލޫމާތާއި ފޮޓޯތައް ވަނީ ހިއްސާ ކޮށްފަ އެވެ. އެއީ މިދިއަ ބުރާސްފަތި ދުވަހު ހިފި އިރު ކޭތަ ހިފި ވަގުތު އެވެ.
އޮންލައިންގައި ޝެއާކޮށްފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި އެތައް ބަޔަކު ވަނީ އެކި ތަންތަނުގައި ބިސް ބަހައްޓައިގެން އެ ބެލެންސް ވޭތޯ ޓެސްޓްކޮށްފަ އެވެ. އެގޮތުން ކުޑަދޮރު މަތީގަޔާއި ތައްޓެއް ތެރޭގައި އަދި އެނޫންވެސް އެއްޗެތީގެ މަތީގައި ބާއްވައިގެން ބިސް ބެލެންސް ވޭތޯ މި މީހުން ވަނީ ޗެކް ކޮށްފަ އެވެ.
މެލޭޝިޔާގެ ހަކީމް މައުރޫފް ކިޔާ މީހަކު ވަނީ ގާ އަޅާފައިވާ މަގެއް މަތީގައި ބިސްތައް ބަހައްޓައިގެން ވީޑިއޯ ކޮށްފަ އެވެ. މިއީ ކުރީ ޒަމާނުއްސުރެ ގަބޫލު ކުރަމުން އައި ގޮތަށް ބިސްތައް ހިމަ ފަޅިއަށް ކޮއްޅަށް ހުރޭތޯ ޓެސްޓް ކުރަން އޭނާ ކުރި ކަމެކެވެ.
ހަކީމް ބުނި ގޮތުގައި އޭނާ އެކަން ކުރީ ކޮންމެހެން އެއީ ވާނެކަމެއް ކަމަށް ގަބޫލު ކުރެވޭތީ އެއް ނޫނެވެ. ކުދިންނަށް މުނިފޫހިފިލާ މަޖާ ކަމެއް ދައްކާލުމުގެ ގޮތުންނެވެ.
މެލޭޝިއަން ސައިންސް ޔުނިވަސިޓީގެ ރިޓަޔާޑް ފިޒިސިސްޓް ޑރ. ޗޮންގް ހޮން ޔޫ ވިދާޅުވީ މި ތިއަރީ އަށް ބާރު ލިބޭ އެއްވެސް ހެއްކެއް ނެތެވެ.
"މާދަމާ ވެސް ހަމަ ތި އެކްސްޕެރިމެންޓް ހެދިދާނެ. ކޭތަ ހިފުމުގެ ކުރިން ވެސް އަދި ވީއްލާ ފަހުން ވެސް. އެއީ ވަރަށް ފަސޭހަ ކަމެއް. ނަމަވެސް ކޭތަ ހިފާފައި ހުންނަ ވަގުތު ކުދިން ގޮވައިގެން މި އެކްސްޕެރިމެންޓް ހެދުމަކީ ސައިންސާއި އެސްޓްރޮނޮމީ އަށް ކުދިންގެ ޝައުގުވެރިވަން އިތުރުވާނެ ކަމެއް،" ޑރ. ޔޫ ވިދާޅުވި އެވެ.