ކުޅިވަރު

ސްޕެއިންގެ ކުރީގެ ކޯޗް މޮރޭނޯ މޮނާކޯއަށް

އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ސްޕެއިން ކޮލިފައި ކޮށްދިން ކޯޗް، ރޮބާޓޯ މޮރޭނޯ ފްރާންސްގެ މޮނާކޯގެ ކޯޗް ކަމާ ހަވާލު ވެއްޖެ އެވެ.

މި ދެ ސީޒަންގައި އުނދަގޫ ފައްތަރެއްގައި އޮތް މޮނާކޯއިން ވަނީ ދެ އަހަރު ތެރޭ ކޯޗުން ބަދަލު ކުރީ ތިން ވަނަ ފަހަރަށެވެ. އެ ޓީމަށް 2017 ވަނަ އަހަރު ފްރާންސް ލީގް ކާމިޔާބު ކޮށްދިން ޕޯޗްގަލްގެ ލިއަނާޑޯ ޖޯޑިމް އިއްޔެ ވަނީ މަގާމުން ވަކި ކޮށްފަ އެވެ.

ޖޯޑިމްގެ ފްރާންސް ލީގްގެ ޗެމްޕިއަންކަން މޮނާކޯއަށް ހޯދައިދިނީ ކިލިޔަން އެމްބާޕޭ އާއި ބެނާޑޯ ސިލްވާ އެ ޓީމަށް ކުޅުނު އެންމެ ފަހު ސީޒަންގަ އެވެ.

ސްޕެއިން ޔޫރޯ އަށް ކޮލިފައި ކޮށްދިން ނަމަވެސް މޮރޭނޯ ސްޕެއިންގެ ކޯޗް ކަމުން ވަކި ކުރީ ލުއިސް އެންރީކޭ ސްޕެއިންގެ ކޯޗް ކަމަށް އަލުން ގެންނަން ވެގެންނެވެ. މޮރޭނޯ އަކީ ކުރިން އެންރީކޭގެ އެސިސްޓެންޓް ކޯޗެވެ.

މޮނާކޯ އާ މޮރޭނޯ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމުގެ ދަށުންނެވެ. މޮނަކޯގެ ފުރުސަތަކީ ހެޑް ކޯޗެއްގެ ގޮތުގައި މޮރޭނޯ މަސައްކަތް ކުރާނެ ފުރަތަމަ ކުލަބެވެ. ސްޕެއިންގެ ކޯޗް ކަމުން ވަކި ކުރި ފަހުން ރެއާލް ބެޓިސް އިންވެސް އޭނާ އަށް ހުށަހެޅި އެވެ.