ކުޅިވަރު

ހަތަރު މަހަށްފަހު ކްލީންޝީޓަކުން ޔުނައިޓަޑަށް މޮޅެއް

ޔުނައިޓަޑުން ބާންލީ ކޮޅަށް ދެ ލަނޑު ޖަހައި، ހަތަރު މަހަށް ފަހު ކްލީން ޝީޓަކާއެކު ޔުނައިޓަޑުން މޮޅެއް ހޯދައިފި އެވެ.

އޮލޭ ގަނާ ސޮލްޝަޔާ ޓީމުން ބައިކޮޅަށް ލަނޑެއް ނުވަދެ މެޗެއް ފުރިހަމަ މިކުރީ 15 މެޗަށް ފަހު އެވެ. އެ ޓީމު ކޮޅަށް ލަނޑެއް ނުވަދެ މޮޅެއް މީގެ ކުރިން ހޯދުނީ ސެޕްޓެމްބަރު މަހު ޔޫރޮޕާ ލީގްގައި އަސްޓާނާ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭގެ ކުރިން ޕްރިމިއާ ލީގްގައި ލެސްޓާ ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުންވެސް މޮޅުވީ ލަނޑެއް ވަނަ ނުދީ އެވެ.

ވަރަށް ބޮޑަށް ޕެކްކޮށްގެން ކުޅުނު ބާންލީގެ ޑިފެންސް ފޫއަޅުވާލުމަށް ފަހު، ޔުނައިޓަޑަށް ލަނޑެއް ޖެހުނީ ކެތްތެރި ކަމާއެކު އެ ޓީމުން ހިފެއްހެއްޓި އެޓޭކިން ގޭމްގެ ސަބަބުންނެވެ. ފުރަތަމަ ލަނޑު ފުރަތަމަ ހާފު ނިމުގެ ކުރިން ކާމިޔާބު ކުރީ އެންތޮނީ މާޝިއަލް އެވެ. ދެ ވަނަ ލަނޑު ދެ ވަނަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބު ކުރީ މާކޯސް ޜަޝްފޯޑް އެވެ.

ޔުނައިޓަޑްގެ ކުރީގެ ކޯޗް، ހޯޒޭ މޮރީނިއޯގެ ޓޮޓެންހަމް ހޮޓްސްޕާސް، ފުލުގައި އޮތް ނޯވިޗް ސިޓީ އަތުން ބަލި ނުވެ ސަލާމަތްވީ ކިރިޔާ އެވެ. މެޗު ނިމުނީ 2-2 ން އެއްވަރު ވެގެންނެވެ.

ޓޮޓެންހަމްއިން ޖެހި ދެ ލަނޑުވެސް ޖެހީ ނަތީޖާ ހަމަހަމަ ކުރުމުގެ ގޮތުންނެވެ. މެޗުގެ 18 ވަނަ މިނެޓްގައި މާރިއޯ ވްރަންސިކް ވަނީ، ނޯވިޗްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި ކްރިސްޓިއަން އެރިކްސަން އެވެ.

ނޯވިޗްގެ ދެ ވަނަ ލަނޑަކީ މެޗުގެ 61 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ސާޖް އޯރިއާ އަތުން ބައިކޮޅަށް ވަން ލަނޑަކެވެ. ޓޮޓެންހަމްއިން އަލުން ނަތީޖާ ހަމަހަމަ ކޮށްދިނީ 83 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން އެވެ.