ކުޅިވަރު

ވެސްޓްހޭމުން ޕެލެގްރިނީ ވަކި ކޮށްފި

އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެ އަދި އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން އެންމެ ދެ މެޗުން މޮޅުވެފައި ވުމުން، ވެސްޓްހަމްގެ ކޯޗް ކަމުން މެނައުލް ޕެލެގްރިނީ ވަކި ކޮށްފި އެވެ.

ރޭ ލެސްޓާ ސިޓީ އާ ދެކޮޅަށް ކުޅުނު މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗް ޕެލެގްރިނީ ކޯޗް ކަމުގެ ދަށުން ވެސްޓްހަމް ސީޒަން ފެށީ ވަރަށް ރަނގަޅަށެވެ.

ސެޕްޓެމްބަރު މަހު ފަހު ކޮޅު މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް 2-0 ން ހޯދި މޮޅާއެކު ތާވަލުގެ ފަސް ވަނަ އަށްވެސް ވެސްޓްހަމް އެރި އެވެ. އެހެންނަމަވެސް އެއީ އަމިއްލަ ދަނޑުގައި އެންމެ ފަހުން އެ ޓީމު ހޯދި މޮޅެވެ. އަދި ތާވަލުގެ ފަހަތަށް އެޓީމު ފުރޮޅާލައި މިހާރު އެ ޓީމު އޮތީ ރެލިގޭޝަން ޒޯން އާ އެއް ޕޮއިންޓް ކައިރީގަ އެވެ.

އެންމެ ފަހުގެ ދެ ޓްރާންސްފާ ޕީރިއަޑްގައި ވެސްޓްހައިން ވަނީ ކުޅުންތެރިން ގެންނަން 100 މިލިއަން ޕައުންޑް ހޭދަ ކޮށްފަ އެވެ. ފިލިޕޭ އެންޑަސަން، ސަބެސްޓިއަން ހެލާ، ޕަބެލޯ ފޯނަލްސް، އަންޑްރީ ޔާމެލެންކޯ އަދި އިއްސަ ޑިއޯޕް އާއެކުވެސް ރަނގަޅު ނަތީޖާ ތަކެއް ނުނެރެވުމުން ވެސްޓްހަމްގެ މެނޭޖުމެންޓްގެ ކެތްތެރިކަން ޕެލެގްރިނީ އާމެދު ނިމިގެން ދިޔައީ އެވެ.

ބުދަ ދުވަހު، ޕްރިމިއާ ލީގްގައި ވެސްޓްހަމް ނުކުންނާނީ އެ ޓީމަށް ވުރެ އެއް ޕޮއިންޓް ކުރީގައި އޮތް ބޯންމައުތު އާ ދެކޮޅަށެވެ.