ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(26 ޑިސެމްބަރ 2019 އާ ގުޅޭ)

"ދާން ޖެހިއްޖެ... ކުލިނިކަށް ލައިދީފަ ދޯ ދާނީ" އިޝްވާ އެއްސެވެ.

އިޝްވާއަށް ދާރިއަން ޖަވާބު ދިނީ ބޯޖަހާލުމަކުންނެވެ. ކައިރީގަ ފެންނަ ހިސާބެއްގައި ވެއިޓަރެއް ފެންނަން ނެތުމުން ބިލްކަނޑާ ކައުންޓަރުގައި ހުރި ޒުވާނާއަށް ދާރިއަން އަތްހޫރާލިއެވެ. ގިނައިރެއްނުވެ އޭނާ ދާރިއަންމެންގެ ތިބި މޭޒު ދޮށަށް ވެއިޓަރަކު ފޮނުވާފިއެވެ. ބިލު ތައްޔާރުކޮށްގެން ގެނައުމުން އެއަށް ފައިސާ ލައި ވަގުތުން ވެއިޓަރާ ހަވާލުކުރުމަށްފަހު ދާރިއަން ތެދުވެއްޖެއެވެ. އޭނާއާއި އިޝްވާ މަގުމައްޗަށް ނުކުތީ އެކުއެކީއެވެ. ދާރިއަން ކާރު ނަގަން ދިޔައިރު އޭނާއާއެކު ވެސް އިޝްވާ އައެވެ.

ކުލިނިކުގެ ކުރިމައްޗަށް ދާރިއަންގެ ކާރު މަޑުކޮށްލިއެވެ. މިވަގުތަށް ކަމެއްޖެހިގެން ދިޔަނަމަވެސް އޭނާ ދާރިއަންއަށް ފަހުން ވަގުތެއް ހުސްކޮށްދޭނަން ކަމުގައި ބުނެލިއެވެ. އަދި މާނަވީ ހިނިތުންވުމަކާއެކު އޭނާގެ ގާތަށް ސެޝަންއެއް ނަގަން އައުމަށް ދާރިއަންއަށް ލަފާ އެރުވިއެވެ. ވަގުތުން ދާރިއަން ދެކޮޅު ހެދިއެވެ. އޭނާގެ ޖަވާބު އަންނާނީ އެހެންނޭ ހީވެފައި އިން އިޝްވާ ހޭންފެށިއެވެ. ހެމުންހެމުން އޭނާ ކާރުން ފޭބިއެވެ. ދާރިއަން ކާރު ދުއްވާލީ ކުލިނިކުގެ ދޮރުން އިޝްވާ ވަނުމުންނެވެ.

* * * * *

ރަސްމީ މަސައްކަތުގެ ގަޑި ނުނިމޭތީ އާތިޝް ފެންނަނީ ރަސްމީ ހެދުމެއްގައި ހުރިތަނެވެ. އޭނާ އެޕާޓްމެންޓަށް ވަދެގެން އައިރު ސޯފާގައި ރިޒްވާނު އިންތަން ފެނުނެވެ. އޭނާ އެ އިނީ އާތިޝްގެ އިންތިޒާރުގައިކަން އެނގުނެވެ. ބުރަކަށީގައި އަޅުވާފައި އޮތް ދަބަސް ނަގަމުން އާތިޝް އައިސް ރިޒްވާނުގެ ގާތުގައި އިށީނދެއްޖެއެވެ. ފުރަތަމަ ވެސް އާތިޝްއަށް އަހާލެވުނީ ކޮއްކޮގެ ހާލެވެ. ރިޒްވާނުގެ މޫނުން ފާޅުވި ނުތަނަވަސްކަން އާތިޝްއަށް ޖަވާބު ދިން ކަހަލައެވެ. ނަމަވެސް އޭނާ ނިކަން އަވަހަށް ލުއި ހިނިތުންވުމެއް އާތިޝްއާ ބަދަލުކޮށްލިއެވެ. އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ދެންވާނީ ރަނގަޅުކަމުގައި ހީކުރާށޭ ރިޒްވާނު ބުންޏެވެ.

"އެކައުންޓް ޑީޓޭލްތައް ހިފައިގެން މިއައީ... ބައްޕަ ބޮޑު އިންވެސްޓްކުރަން ވިސްނަނީތަ؟" އާތިޝް އަހާލިއެވެ. ކުއްލި ގޮތަކަށް ވިޔަފާރިއާއި ގޭގެ ކުލީގެ އެކައުންޓުތަކުގެ ތަފްސީލު ގެނެސްދިނުމަށް ރިޒްވާނު އެދުމުން އާތިޝް ހުރީ ސުވާލު އުފެދިފައެވެ. ކޮންމެ ހަމަހުން ނޫނީ ރިޒްވާނު އެކައުންޓުތައް ބަލައެއް ނުހަދާނެއެވެ. އޭނާ އާތިޝްގެ އަތްމައްޗަށް ކަންކަން ދޫކޮށްލާފައި އޮންނަނީ އޭނާއަށް ފުރިހަމަ އިތުބާރުކުރާތީކަން ޚުދު އާތިޝްއަށް ވެސް އެނގެއެވެ.

ކޮފީ މޭޒުމަތީ ލެޕްޓޮޕް ބަހައްޓާލުމާއެކު އާތިޝް އެ ހުޅުވާލިއެވެ. ބޭނުންވާ ލިޔުންތަކައި ތަފާސްހިސާބުތައް އެނގެން ހުރި ތަފްސީލުތައް ވެސް ފެންނާނޭހެން ޑޮކިއުމެންޓްތައް ހުޅުވާލިއެވެ. ރިޒްވާނަކީ ވިޔަފާރިއާއި އިކޮނޮމިކްސްގެ ދާއިރާއިން ޚާއްޞަ މީހެކެވެ. އެކައުންޓިންގް ފިގާ ތަކަކީ އޭނާއަށް އެއީ ކޯއްޗެއްކަން އެނގޭ ދާއިރާއަކެވެ. އެހެންވެ އާތިޝް އޮޅުންފިލުވައިދިނުމެއް ނެތި އޭނާއަށް ފެންނަ ތަފްސީލީ ޑޮކިއުމެންޓަކުން އޭނާ އެނގެން ބޭނުންވި ކަންކަން ދެނެގަތެވެ. މަޑުމަޑުން ބޯޖަހާލީ ސިކުނޑީގައި ހިނގަމުންދިޔަ ޝުޢޫރަކަށް ރިޒްވާނު އެއްބަސްވެލި ހެންނެވެ. ލެޕްޓޮޕާ ދިމާއަށް ގުދުވެލައިގެން އިނުމަށްފަހު އޭނާ ހަށިގަނޑު ސީދާ ކޮށްލިއެވެ. ސޯފާގެ ލެނގޭބައިގަ ވައަތްތިލަ އަޅުވާލައި އާތިޝްއާ ދިމާއަށް ކުޑަކޮށް އެނބުރިލިއެވެ.

ފިނިނޭވާއެއް ދޫކޮށްލި ގޮތުން ހީވީ އޭނާ ދައްކަން އުޅޭ ވާހަކައަށް ތައްޔާރުވެލީ ހެނެވެ. އެއަށްފަހު ފުރަތަމަ ވެސް އާތިޝް ގާތު ރިޒްވާނު އެހީ ނަމާދުކުރަން ހެއްޔެވެ. އާތިޝް އިސްޖަހާލިއެވެ. މިނޫނީ ރިޒްވާނު ދުވަހަކުވެސް އެފަދަ ސުވާލެއް ނުކުރެއެވެ. ހާލުއަހުވާލު ބަލައި ކަމެއްބޭނުންވެފައި ހުރިތޯ ބަލާނެއެވެ. ރިޒްވާނަކީ އޯގާތެރި ބައްޕައެއްކަން އާތިޝް ވެސް ޤަބޫލުކުރެއެވެ. ނަމަވެސް ދީނީ ކަންކަމާ މެދު ޚާއްޞަކޮށް ނަމާދާ މެދު ފަރުވާތެރިވޭތޯ ރިޒްވާނު ނާހައެވެ.

"ހުކުރަށްދާކަން ބައްޕައަށް އެނގޭ، އެކަމަކު އެވަރުން ނިމުނީއެއްނޫނެއްނު..." ރިޒްވާނު ބުންޏެވެ. އާތިޝް ބޯޖަހާލިއެވެ. އޭނާ ނަމާދުކުރަން ބުންޏެވެ. އެހެންނަމަވެސް ގަޑިގަޑިން ހުރިހާ ނަމާދެއް ނުކުރެވޭކަން ވެސް ފާހަގަކުރިއެވެ. އެހެންވަނީ އަމިއްލަ ފަރުވާކުޑަކަމުންކަން އާތިޝް އެއްބަސްވިއެވެ.

"ތަނަވަސްކަމަކީ ހަމައެކަނި ހިތްއުފާކުރުންތަކަށް ހޭދަކުރަންވީ ކަމެއްނޫން، މިތަނަވަސްކަން ދެމިއޮންނާނީ ވެސް އެކަމުން ރަނގަޅު ކަމަކަށް ހޭދަކުރެވިގެން، އަހަރެމެންގެ ޢަމަލުތައް ވެސް ހެޔޮމަގަށް އެޅިގެން... އަޅުކަމަކީ މީހަކަށް ކޮށްދޭ ކަމެއްނޫން، އެކަމަށް ފަރުވާތެރިވުމުން އެކަމުގެ ހެޔޮ ބަދަލު ފެންނާނެ، އޭގެ ފައިދާ ހަމަކުރާނީ ދަރިފުޅަށް"

އޯގާތެރިކަމާއެކު އާތިޝްގެ ކޮނޑުގައި ރިޒްވާނު ފިރުމާލިއެވެ. އަދި ނަމާދަށް ފަރުވާތެރިވުމަށް ނަޞޭޙާތްތެރިވިއެވެ. އޮފީހުގައި އިނެއްކަމަކު އެވަގުތައް މަސައްކަތް ހުއްޓާލާފައި މިސްކިތައް ދިއުމަށް ރިޒްވާނު އެދުނެވެ. އޭނާއަކީ އޮފީހުގައި މިވަގުތަށް ހުރި އެންމެ އިސް ވެރިޔާއަށްވާއިރު ދަށުގައި އުޅޭ މުވައްޒަފުންނަށް އާތިޝްއަށް އެ ދެއްކެނީ ވަރަށް ވެސް މާތް ނަމޫނާއެއްކަމުގައި ރިޒްވާނު ބުންޏެވެ. އަދި އޭނާ ގަސްދުކޮށްފައިވާ ކަންތައް އާތިޝްއަށް ހާމަކުރީ ދެނެވެ. ރިޒްވާނުގެ ތަނަވަސްކަން އިތުރުވެފައިވާއިރު އެމީހުން ޙައްޖެއް ޢުމްރާއެއްހާ ހިސާބު ވެސް ކުރެވިފައިނެތްކަން ފާހަގަކުރިއެވެ. އެމީހުންނަކީ ރާއްޖޭގެ ފެންވަރުން ތަނަވަސް ބަޔަކަށްވާއިރު އެފަދަ އަޅުކަމެއް ކުރުމުގެ ކުޅަދާނަކަން އެބަހުރިކަމުގައި ރިޒްވާނު ބުންޏެވެ. ހޭޒަލްވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ރިޒްވާނު ހާމަކުރިއެވެ. ރިޒްވާނުގެ ވިސްނުން ވެސް ފުރަތަމަ ހުރީ ރާއްޖޭން ބޭރު ކޮންމެވެސް ޤައުމަކަށް ހޭޒަލް ގޮވައިގެން ދިއުމަށްކަން އޭނާ ބުންޏެވެ. މާޙައުލު ބަދަލުކޮށްލުމުން ހޭޒަލްއަށް ހަމަޖެހުން ލިބިދާނޭ ހީވީކަމަށް ރިޒްވާނު ބުންޏެވެ. ނަމަވެސް ހޭޒަލްގެ ފުށުން ފެނިފައިނުވާ ސިފައެއް ފާޅުވެގެން ދިޔައީ އެގޭގައި އޭނާ އުޅެންފެށި ހިސާބުންކަން ރިޒްވާނު އޮޅުންފިލުވައިދިނެވެ. އެގޭގައި ރިޒްވާނާއި ސާއިރާ އަރާމު ނިދީގައި ތިބޭ ވަގުތަކީ ވެސް ހޭޒަލް އަޅުކަމުގައި ހޭދަކުރާ ވަގުތުކަން ރިޒްވާނު ބުންޏެވެ. އޭނާއަށް ކިތަންމެ ރެއަކު ހޭޒަލް ރޮއެ ދުޢާކުރާތީ ފެނިއްޖެކަން ބުންޏެވެ. އެވާހަކަތަކާއެކު ރިޒްވާނުގެ އަޑަށް ބަދަލު އައެވެ. އިސްޖަހާލައިގެން އިން އާތިޝް ކަންބޮޑުވެ އިސްއުފުލާލިއެވެ. ރިޒްވާނުގެ މޫނުން ފެނުނީ ހޭޒަލްގެ ވާހަކަދެއްކުން އޭނާއަށް އުނދަގޫވެފައިވީކަމެވެ. އެ ދެ ލޮލުން ކަރުނައިގެ ތެތްކަން ފާޅުވާން ހުއްޓެވެ. ވަގުތުކޮޅަކަށް ހިމޭނުން އިނދެފައި އަނެއްކާ ވެސް ރިޒްވާނު ވާހަކަދެއްކިއެވެ. ހޭޒަލް އަޅުކަމަށްދޭ އިސްކަންފެނި ރިޒްވާނުގެ ހިތަށް އަލިކަމާއި ފިނިކަން ގެނެސްދީފިކަމުގައި ބުންޏެވެ. އޭނާ ގަސްދުކުރަނީ ޢާއިލާއެކުގައި ޢުމްރާއެއް ކުރުމަށް ދިއުމަށްކަން ރިޒްވާނު ބުންޏެވެ. އަހަރުގެ ފަހުކޮޅާ ދިމާކޮށް ޢުމްރާ ދަތުރެއް ހަމަޖެހިފައި އޮތްކަން ރިޒްވާނު ބުންޏެވެ. އިރާދަކުރެއްވިއްޔާ ހޭޒަލްއަށް ޓަކައި އެ ދަތުރަކީ ފަރުވާއެއްކަމުގައި ވާނޭ ރިޒްވާނު ބުންޏެވެ.

"ބައްޕާ، ތިވަރުކަމެއްގައި އަޅުގަނޑު ވެސް ބައިވެރިވާން ބޭނުން... އެކަމަކު... ކީރާ... އޭނާ ޖެހޭނެ ވަރަށް ކުރީން އޮފީހަށް އަންގަން، ވަރަށް ބޮޑު ބަދަލެއް އޭނާގެ ދިރިއުޅުމަށް އަންނާނޭކަން އެނގޭ، ސޮރީ ބައްޕާ... ކީރާ ރިއެކްޓްކުރާނޭ ގޮތެއް އަޅުގަނޑަށް ބުނެދޭން ދަތި، ޤަބޫލުކުރަން ބައްޕަ ދެއްކި ހުރިހާ ވާހަކައެއް އެކަމަކު ކީރާއަކީ ވެސް އޭނާގެ އަމިއްލަ ޚިޔާލުގެ މީހެއް" އާތިޝް ބުންޏެވެ.

"ބައްޕަ ބޭނުން ހުރިހާ ދަރީން ގޮވައިގެންދާން، ކީރާއަށް ވިސްނައިދެވޭނީ އާތިޝްއަށް، ކީރާއަކީ ވިސްނޭ ކުއްޖެއް، ދަރިފުޅު ރަނގަޅު ގޮތުގައި ކެތްތެރިކަމާއެކު ކީރާއަށް ވިސްނޭނޭހެން ވާހަކަދައްކާ، އޭނާ ޤަބޫލުވާނޭ ބައްޕަގެ ހިތްބުނޭ، ހެޔޮކަމެއް ކުރުމަށްޓަކައި ކަމެއް ދޫކޮށްލައިފިނަމަ ދޫކޮށްލި ކަންތައްކަށްވުރެ ބޮޑު ނިޢުމަތެއް ﷲ ދެއްވާނެ، އެ ޔަގީންކަން ހިތުގައި ބާއްވާ، ދަރިފުޅުމެންނަށް މަޖުބޫރެއްނޫން... ބައްޕަގެ ހިތް އެދޭގޮތް މި ހާމަކުރީ... މިފަހަރު އާތިޝްއަށް ބައިވެރިވެގެން ނެތްނަމަވެސް ބައްޕަ ޤަބޫލުކުރާނަން، ދުނިޔޭގައި ހުރިއްޔާ ދެކުދީން ގޮވައިގެން ދިއުމުގެ ނަސީބު އަދި މިންވަރުކޮށްފާނެ، އާތިޝް!... ކޮއްކޮ ވަރަށް ވަރަށް ހިތާމަކުރޭ، އެ ރޯރުއިމަށް ކޮށްދެވޭނެ ކަމެއް ބައްޕައަށް މިނޫނި ނުވިސްނުނު، ﷲ އީ ހުރިހާކަމަށް ފުދިގެންވާ ކަލާނގެ، އަހަރެމެންނަށް އޮތީ ދެންނެވުން... ނަފްސާނީގޮތުން ހޭޒަލް ބަލިކަށިވަމުން ދާއިރު އޭނާ އަދިވެސް ވަރަށް ހިތްވަރުކުރޭ... އެކަމުން އަރައިގަންނާނޭ މަގެއް ހޯދާނުދީ ދެއަތްއުރާލައިގެން ހުރުމަކީ މައިންބަފައިންގެ ގޮތެއްނޫން، ހޭޒަލްއަށް ނަފްސާނީ އެހީތެރިކަން ބޭނުންވޭ... އެހެންވެ އެކަން ވެސް ބައްޕަ ހަމަޖައްސައިފިން، މިކަންކަމާ މަންމައާ ވެސް މަޝްވަރާކޮށްފިން، ހޭޒަލްގެ ހާލު އެނގި ސާއިރާ ވެސް ރަނގަޅެއްނޫން، ސާއިރާއާއި ތި ދެބެންނަކީ މި ބައްޕަގެ ދުނިޔެ... ތިއިން އެއްވެސް ކުއްޖަކަށް ދެރަކަމެއްވާން ބައްޕަ ނޭދެން، އެފަދަކަމެއް ވެއްޖެނަމަ އެންމެ ހިނދުކޮޅަކަށް ވެސް މިހިތަށް ހަމަޖެހުމެއްނުލިބޭނެ" ރިޒްވާނު އަނެއްކާ ވެސް އާތިޝްގެ ކޮނޑުގައި ފިރުމާލިއެވެ. އޭނާ ބޯޖަހާލަމުން ވާހަކަދެއްކިއެވެ. ކީރާއާ ވާހަކަދައްކާނަންކަން އާތިޝް ބުންޏެވެ. އޭނާ ތެދުވަން އުޅެފައި ވެސް ރިޒްވާނާ ދިމާއަށް އެނބުރިލައި ނިކަން އަވަހަށް ރިޒްވާނުގެ ގައިގާ ބައްދާލިއެވެ.

"ތެންކިއު ބައްޕާ" ވައި އަޑުން އާތިޝް ބުނެލިއެވެ. ނަމަވެސް އެ އަޑު ރިޒްވާނަށް އިވުނެވެ. އޭނާ އާތިޝްގެ ބުރަކަށީގައި ފިރުމާލިއެވެ. ރިޒްވާނާ ނިކަން އަވަހަށް އާތިޝް ދުރުވެލިއެވެ. އަދި ކޮފީ މޭޒުމަތީ ހުރި ލެޕްޓޮޕް ލައްޕާލައި ދަބަހަށް ލުމުގައި އާތިޝް ހަރާކަތްތެރިވިއެވެ. އެ މަސައްކަތުގައި އިނދެ ސާއިރާ ކޮބާތޯ އާތިޝް އަހާލިއެވެ. އެނބުރި ދާން ބޭނުންވަނީ މަންމައާއި ކޮއްކޮއާ ބައްދަލުކޮށްފައިކަން އާތިޝް ބުންޏެވެ.

ހަވީރު ހަތަރު ގަޑި ބައިވެރިއިރު ރިޒްވާނު ހުރީ ޑރ.އަނީލްއާއެކު ޑރ.އިޝްވާއާ ބައްދަލުކުރަން އޭނާގެ ކުލިނަކަށް އައިހެވެ. އިޝްވާގެ އޮފީހަށް އެ ތިންމީހުން ވަނެވެ. ރިޒްވާނަކީ ކާކުކަން އިޝްވާއަށް އަނީލް ބުނެދިނެވެ. އޭގެ ކުރީން އަނީލްއާއި އިޝްވާއާ ދެމެދު އޮތީ ރިޒްވާނުގެ ޢާއިލާއަކީ އަނީލްގެ ކިހާ ގާތް ބައެއްކަން އިޝްވާއަށް ބުނެދީފައެވެ. އަދި އެމީހުންނަށް ދިމާވެގެން އުޅޭ ކަންކަން ކޮންމެވެސް ވަރަކަށް އިޝްވާއާ ޚިއްޞާ ވެސް ކޮށްފައެވެ. އަނީލްއަށް އިތުބާރުކުރާކަމާއި އޭނާ އިޝްވާގެ ނަން ހާމަކުރާނީ އިޝްވާއަކީ ވަރަށް ޤާބިލު ޑަކްޓަރަކަށްވީމާކަން ރިޒްވާން ބުންޏެވެ. ޑަކްޓަރާ މެދު އިތުބާރު އޮތުމަކީ ދެމެދުގައި ހިނގާ މުޢާމަލާތްތައް އެދެވޭ ގޮތެއްގައި ކުރިއަށްދާނޭ ކަމުގެ ރަނގަޅު ފާލެއްކަން އިޝްވާ ޤަބޫލުކުރެއެވެ.

ހޭޒަލްއާ ބެހޭ ގޮތުން ރިޒްވާނު ވާހަކަދެއްކީ އަނީލްއާއި އިޝްވާގެ ހާޟިރުގައެވެ. ފަރުވާތެރިކަމާއެކު އޭނާގެ ހުރިހާ ވާހަކައެއް އިޝްވާ އިނީ އަޑުއަހަންކަން އެމޫނުގައިވި އަސަރުތައް ހެކިދެއެވެ. ހޭޒަލްއާ ބައްދަލުވުމުގެ ކުރީން އޭނާއާ ބެހޭ މަޢުލޫމާތު ލިބުމަކީ ފަރުވާގެ ސެޝަންތައް އެންމެ އެދެވޭގޮތަށް ރާވާލުމަށް އިޝްވާއަށް ލިބޭ ފުރުޞަތެކެވެ. އޭނާ ފައިމަތީ ބާއްވާލެވިފައި އޮތް ނޯޓު ފޮތުގައި ހޭޒަލްއަށް މުހިންމުހެން ހީވާ މަޢުލޫމާތުތައް އޭނާ ނޯޓުކުރިއެވެ. އަމިއްލައަށް އެނގެން ބޭނުންވީކަމަމާ ގުޅުވާ އިޝްވާ ސުވާލުކުރިއެވެ. ފަރުވާގެ ސެޝަންތައް ފަށަން ދުވަހެއް އިޝްވާ ކަނޑައެޅިއެވެ. އެކަމަކު ރިޒްވާނު އެދުވަހަށް ހޭޒަލްގެ ފަރުވާ ނުފޭށޭނޭކަން ބުނަމުން އޭނާ ގަސްދުކޮށްފައި އޮތްގޮތް ހާމަކުރިއެވެ. ރިޒްވާނަކީ އިޝްވާގެ "ޕޭޝަންޓް"އަކަށް ނުވިޔަސް އޭނާއަށް ރިޒްވާނު "އެނައިޒް" ކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވުމާއެކު ރިޒްވާނު ބުނި އެއްޗަކަށް އޭނާ ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.

އާދައިގެ މަތީން ހަވީރު އިޝްވާގެ ކުލިނިކަށް އައުމަކީ ދާރިއަން މިފަހަކަށް އައިސް ކުރާކަމެވެ. އެގަޑިއަކީ އިޝްވާގެ މަސައްކަތްތަކާ އެކަހެރިވެލާ ގަޑިއެއްކަން ދާރިއަންއަށް އެނގެއެވެ. ކުލިނިކުގެ މައިދޮރު ހުޅުވާލައި އެތެރެއަށް ވަންނަން އުޅުނު ދާރިއަންއަށް ހުއްޓުން އެރީ ޑަކްޓަރ އަނީލްއާއެކު އިޝްވާ ހުރެ އެ ދިމާއަށް އަންނާތީ ފެނިގެންނެވެ. އެ ދެމީހުންގެ މެދުގައި ހުރި މީހަކީ ކާކުކަމެއް ދާރިއަންއަކަށް ނޭނގުނެވެ. އެ ދެ ޑަކްޓަރުންގެ ސަމާލުކަންވަނީ އެ މީހާއަށް ދެވިފައިކަން ދާރިއަން ދެނެގަތެވެ. ދޮރުމަތިން ދާރިއަން އެއްފަރާތްވެލީ އަނީލްއާއި ދެން ހުރި މީހާ ނުކުންނަން އުޅުމުންނެވެ. އެ ތިންމީހުންގެ ނަޒަރު އެކަކުއަނެކަކާ އަމާޒުވެލިއެވެ. ޑަކްޓަރ އަނީލް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ބަދަލުގައި ދާރިއަން ވެސް ހިނިތުންވެލީއެވެ. އިސާހިތަކު އެމީހުން ދާރިއަންގެ ގާތުން އަޅާފައި ކުލިނިކުން ނުކުމެގެން ހިނގައްޖެއެވެ. އިޝްވާ ހުރީ ދެއަތްއުރާލައިގެން ދާރިއަންއަށް ބަލަހައްޓައިގެންނެވެ. އޭނާ ބަލާލުމުން ދެފަރާތަށް ބޯހޫރުވާލާފައި އިޝްވާ ހިނގައިގަތީ އެނބުރި އޭނާގެ އޮފީހަށް އައުމަށެވެ. އިޝްއޭ ގޮވާލައި ދާރިއަން ފިޔަވަޅު އަވަސްކޮށްލިއެވެ. އެކަން އެނގި އިޝްވާ ވެސް ހިނގުން ހަލުވިކޮށްލިއެވެ. ދާރިއަންގެ ގާތަށް ހިނިއައެވެ.

އިޝްވާގެ އޮފީހަށް ވަން ގޮތަށް އެތަނުގައި ހުރި ދިގު ސޯފާއަށް ދާރިއަން ވެއްޓިގަތެވެ. އިޝްވާ ސުވާލުކުރަމުން އައިސް އޭނާގެ މޭޒުދޮށުގައި އިށީނެވެ.

* * * * *

ރުޅި އައިސް ރަތްވެފައި ހުރި ސައިފްގެ އަޑު ބާރުވިއެވެ. ވީރާގެ ކޮނޑުގައި ހިފައި އޭނާއާ ދުރަށް ކޮށްޕާ ވެސް ލިއެވެ. ވީރާ ވެސް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. ސައިފް އޭނާއާ ގުޅުމެއް ބާއްވަން ބޭނުންނުވާކަން ހާމަކުރީއެވެ. އަދި އޭނާގެ ގެއަށް ދެން އައިސްގެން ނުވާނޭކަން ސައިފް އެންގިއެވެ. އެގޮތާ ވީރާ އެއްބަހެއްނުވިއެވެ. ސައިފްއަށް އިންޒާރު އޭނާ ދިނެވެ. ޔަޝްފީއަށް ހުރިހާކަމެއް ކިޔާދޭނަންކަމުގެ އިންޒާރެވެ. ޔަޝްފީގެ ގާތުގައި މާ މާތްމީހަކަށްވެގެން ލޯބިވާކަމަށް ހެދިގެން އުޅޭން ބޭނުންވާއިރު ވީރާއާ ރައްޓެހިވީ ކީއްވެތޯ އޭނާ ސުވާލުކުރިއެވެ. މިފަހަރު އެއްވެސް ކަމެއް ސިއްރުކުރާކަށް ސައިފް ގަސްދެއްނުކުރިއެވެ. އޭނާ ބޭނުންވަނީ ވީރާގެ ގާތުން ވީހާވެސް އަވަހަކަށް ބޯދަމައިގަނެވޭނޭ ގޮތެކެވެ. އެހެންވެ ވީރާއާ މުޚާޠިބުކުރީ ވަރަށް ވެސް ބޭއަދަބީ ބަސްތަކުންނެވެ. ވީރާއަކީ ވެސް ރަނގަޅު އުޅުންހުރި އަންހެންކުއްޖެއް ނޫންކަން ސައިފް ބުންޏެވެ. ފިރިހެނަކު އުޅެލާއިރަށް އޭނާގެ ބަހަށް އަމިއްލަ އިއްފަތްތެރިކަން ނަގާލާން ކެރޭނީ ކިހާ އުޅުމެއްނެތް އަންހެނެއްހެއްޔޭ ސައިފް ބުންޏެވެ. އޭނާގެ ކޮންމެ ބަހަކުން ވީރާގެ ގައިގާ ވިހެލާ ފަދައެވެ. މުޅި ހަށިގަނޑުގައި ވަރުނަގައި ދިލަ ވޭނެއް ވީރާއަށް އިޙްސާސް ކުރެވުނެވެ.

"އަހަންނާ ހެދި ހޭބަލިވާށޭ ބުނިންތަ؟ އަދި ދެބަހުން އެއްބަހަށް ހޭޒަލްއޭ އެބަކިޔައޭ... އާން! އަޑުއަހާ... އަހަރެންގެ ހަޔާތަށް އަދިވެސް އޭނާވަރުގެ އަންހެނެއް ނާދޭ، އަދިވެސް އޭނާ ބޭނުން، ތިކަހަލަ ކިތަންމެ ވީރާއެއް އެ ހޭޒަލްއަށް ޓަކައި ދޫކޮށްލަން ހިތަށް އެކައްޗެކޭ ވެސް ނާރާނެ، ކަލޭތީ ކާކު އޭނާ ކައިރީ... ބޮލެއް ހުރިނަމަ އޭނާ އެދުވަހު ދެއްކި ވާހަކަތައް ކަލޭ ޤަބޫލުކުރާނެ، އެކަމަކު ކަލޭގެ ސިކިނޑިއެއްނެތްކަން އަހަންނަށް އެނގޭ... އަހަރެން އެއްވެސް އިރަކު ކަލެއާ އިންނާކަށް ނުވިސްނަމޭ، ސިކުނޑިއެއް ހުރިނަމަ އެކަން އެނގުނީސް، އަހަރެން ކަންތައްކުރާގޮތުން ވެސް ކަލެއަށް ނުވިސްނުނު، ޔަޝްފީ ވެސް ހޭޒަލްހާ މުހިންމެއްނޫން، އެކަމަކު ކަލެއަށްވުރެ ޔަޝްފީ މަށަށް މާބޮޑަށް ވެސް ކަމުދޭ... ބުނަން ރަނގަޅުވާހަކައެއް!، ތިޔަހެން އުޅުނީމަ އަހަންނަށްވުރެ ބޮޑަށް ފަޟީޙަތްވާނީ ތިމާމީހާ... އަހަރެންގެ ގެއަށް އައިސް ކަލޭ ފާޑުފާޑުގެ ވާހަކަ ދައްކާނެކަމެއްނެތް، އެކަން އެނގިއްޖެއްޔާ އަހަރެން އެއްލާ ގާބުރި ބޮޑުވާނޭކަން ހަނދާންކުރާތި!" ސައިފް ބުންޏެވެ. އޭނާ ބޭނުންވަނީ ވީރާ ފޮނުވާލާށެވެ.

ވީރާއާ ދެ މީހުން ތިބީ ސައިފްގެ ގޭގެ ބެލްކަނީގައެވެ. ސައިފްގެ ނަޒަރު އިރުއިރުކޮޅާ ގޭތެރެއަށް އަމާޒުކޮށްލައެވެ. ޔަޝްވީ ވީ ޖިމަށްދާން ތައްޔާރުވާން ވަދެއެވެ. އޭނާ އާދޭތީ ސައިފް ހުރީ ހުސިޔާރުވެއެވެ. ޔަޝްފީއާއި ވީރާގެ ދެމެދުގައި ބަދަހި ގުޅުމެއް އުފެދި ޔަޝްފީގެ އިތުބާރު ވީރާ ހޯދުމަކީ ސައިފްއަށް އޮތް ނުރައްކަލެކެވެ. އޭނާ ވީރާއާ ގުޅުން ކަނޑާލީ އެހެންވެއެވެ. ނަމަވެސް ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާއާ މޮޔަގެރި އަވަލައިފިއެވެ. ރެކެން މަސައްކަތްކުރަމުން ދަނިކޮށް އޭނާ އައިސް އެހުރީ ސައިފްގެ ނޯއްބުޑުގައެވެ.

"މަ ބަލާނަން ކަލެއަށް ހަމަޖެހިއުޅެވޭތޯ... އެ ހޭޒަލްއެއް ކަލެއަކަށް ދުވަހަކުވެސް ނުލިބޭނެ... އަހަރެން ދުނިޔޭގަ ހުއްޓާ ލާހިކެއްނޫން، ބުޅާގަނޑެއްހެން ކަލޭ ނިކަމެތިވެ މަގުމަތީގައި އޮންނަންޖެހޭ ދުވަސް ކައިރިވެއްޖެ، އަހަރެން ނޫނީ ކަލެއަށް އަޅާލާނޭ މީހަކު ނުހުންނާނެ... މަވެސް ބަލާނަން ތިބުނާ ބޮޑު ގާބުރިން ޖަހައިގެން ކަލެއަށް ކުރިއެރުމެއް ލިބޭތޯ" ވީރާ ދަތްކުނޑި ވިކާލިއެވެ.

ޔަޝްފީއަށް އާދެވުނުއިރު ސައިފްއާއި ވީރާ ބެލްކަނީގައި ތިބިތަން ފެނުނެވެ. ސައިފްއަށް އޭނާ ފެނި ހިނިތުންވެލީ އާދައިގެ ގޮތަކަށެވެ. އޭނާ ބެލްކަނިން އެތެރެއަށް ވަންނަން ހިނގައިގަތް ވަގުތު ވީރާ ވެސް ފަސްއެނބުރި ބަލާލިއެވެ. ދާންވީކަމުގައި ޔަޝްފީ ބުނުމުން ވީރާ ވެސް ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. އަދި ރަޙުމަތްތެރިކަމުގެ އަސަރު ދައްކާލަމުން ސައިފް ގާތުގައި ވެސް ދަނިއޭ ވީރާ ބުނެލިއެވެ. އެއަޑަށް ސަމާލުކަމެއް ނުދީން ސައިފް އަނބިމީހާގެ ގާތަށް ޖެހިލިއެވެ. މަގުމަތީ ބަލައިގެން އުޅުމަށް ބުނެ އަވަހަށް އައުމަށް އޭނާ އެދުނެވެ. ޔަޝްފީގެ ކޯތާފަތުގައި ލޯބިން ސައިފް ފިރުމާލިއެވެ. ދަރިފުޅާއެކު ސައިފް އޭނާއަށް އިންތިޒާރުކުރާނެކަން ހަނދާންކޮށްދިނެވެ. ޔަޝްފީ ރަކި ގޮތަކަށް ހީނލާފައި އޭނާގެ ޔޯގާމެޑު ޖިމް ދަބަހަށް ލިއެވެ. ސައިފްގެ މޭގައި ސަމާސާ ގޮތަކަށް ޖަހާލަމުން ވީރާ ގާތު ނުކުންނަން ޔަޝްފީ ބުންޏެވެ.

* * * * *

ސިޓިންރޫމުގައި ހުރި ދިގު ސޯފާގައި ޝަމާޢިލްއާއި މުހުސިނާ ތިއްބެވެ. އެމީހުން ތިބީ އިވުނު ޚަބަރުން ބަސްހުއްޓިފައެވެ. މުހުސިނާއަކީ އަނގަދަ މީހަކަށް ވިޔަސް މިފަހަރު އޭނާއަށް ވެސް ބުނާނޭ އެއްޗެއް ނޭނގުނީއެވެ. އެޕާޓްމެންޓުގެ މައިދޮރު ހުޅުވުނީ އެވަގުތެވެ. ވެރިވެފައި އޮތް ހިމޭންކަމާއި މަންމައާއި ބައްޕަގެ މޫނުގައިވި އަސަރުތަކުން ދޮރުން ވަން ވީރާއަށް ހައިރާންކަން ލިބުނެވެ. ދޮރާ ފުރަގަސްވާހެން އެކަކަށް އިށީނދެވޭނޭހެން ހުރި ގޮނޑީގައި މީހަކު އިންކަން ވީރާއަށް އެނގުނީ އެ ދިމާއަށް މުހުސިނާއާއި ޝަމާޢިލްގެ ނަޒަރު ހުއްޓިފައި ވުމުންނެވެ. ކަނދުރާއާއި ބޮލުގެ އިސްތަށިގަނޑުފެނި އެއީކާކުކަން ވީރާ ލަފާކޮށްލިއެވެ. ނަމަވެސް ކޮނޑުގައި އޮތް ޖިމް ދަބަސް ރަނގަޅުކޮށްލަމުން ވީރާ ކުރިއަށް ޖެހިލީ ޔަގީންކުރާށެވެ.

(ނުނިމޭ)