ކުޅިވަރު

ބޭރުން ފުރުސަތު ފަހިނުވުމުން އަސްލަމް އީގަލްސްއަށް

ބަންގުލަދޭޝްގެ ޕްރިމިއާ ލީގްގައި މަސައްކަތް ކުރަން ފުރުސަތު ލިބުމުން ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗު ކަމުން ވަކިވި އަސްލަމް އަބްދު ރަހިމް، ކުލަބު އީގަލްސްގެ ގޯލްކީޕަރު ކޯޗް ކަމާ ހަވާލުވެއްޖެ އެވެ.

މި މަހު، ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް އަށް ފުރުމުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ގައުމީ ޓީމުގެ އޭރުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފައި ވަނީ، ބަންގުލަދޭޝްގައި މަސައްކަތް ކުރުމުގެ ފުރުސަތެއް އަސްލަމަށް ލިބިފައިވާ ކަމަށާއި އެހެންވެ ގައުމީ ޓީމާއެކު އޭނާ ނުދާނެ ކަމަށެވެ.

އަސްލަމްގެ ބަދަލުގައި ގައުމީ ޓީމުގެ ގޯލް ކީޕަރު ކޯޗަކަށް ދިޔައީ، 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗް ހަސަން ހަމީދު (ޑަކޭ) އެވެ. އޭނާއަކީ ޔުނައިޓަޑް ވިކްޓަރީގެ ވެސް ގޯލްކީޕަރު ޓްރެއިނަރެވެ.

އެނގިފައިވާ ގޮތުގައި އަސްލަމަށް ފުރުސަތު ލިބުނީ ބަންގުލަދޭޝްގައި ރާއްޖޭގެ މުހައްމަދު ނިޒާމް ކޯޗް ކޮށްދޭ ސައިފް ސްޕޯޓިން ކުލަބުންނެވެ. އެކަމަށް ފުރުސަތު ލިބުނު ނަމަވެސް ރަސްމީ އެއްބަސްވުމަކަށް ނާދެވުމުން އަސްލަމް ވަނީ އޭނާގެ ކުރީގެ ކުލަބު އީގަލްސްގައި މަސައްކަތް ކުރަން ފަށާފަ އެވެ.

އަސްލަމް ބުނީ، ބަންގުލަދޭޝްއިން ފުރުސަތު ލިބުނު ނަމަވެސް ފަހުން ހުށަހެޅި އަގާ މެދު އޭނާއަށް އެއްބަސް ނުވެވުނީ ކަމަށެވެ.

ގޯލްކީޕަރުން އުފައްދަން އެކެޑެމީއެއް ގާއިމު ކޮށް އެ އެކެޑެމީ ހިންގުމަށް އެފްއޭއެމުން ވަނީ މި އަހަރުގެ އޭޕްރީލް މަހު އަސްލަމް އާއެކު އެއްބަސްވުން ހަދާފަ އެވެ. އެ ފުރުސަތަށް އޭނާ އެފްއޭއެމްގައި މަސައްކަތް ކުރީ ފުލް ޓައިމް ޖޮބެއްގެ ގޮތުގަ އެވެ.

ކުރިން ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި އަސްލަމަކީ ރާއްޖޭގައި ހުރި އެއްވަނަ ގޯލްކީޕަރު ކޯޗެވެ.