ކުޅިވަރު

ނާއިމާމެދު ފަރުވާތެރިވާން ޖެހޭ: މޯހަން

ކަކުލަށް ލިބުނު އަނިޔާއެއްގައި ހަ މަހަށް ކުޅުމާ ދުރަށް ދާން ޖެހުނު އީގަލްސްގެ ޒުވާން ފޯވަޑް މުހައްމަދު ނާއިމްގެ ރިކަވަރީއާމެދު އެފްއޭއެމް އާއި ކުލަބުން ވެސް ވަރަށް ފަރުވާތެރިވާން ޖެހޭ ކަމަށް، ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނެފި އެވެ.

ނާއިމުގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ، މިދިޔަ ބުދަ ދުވަހުގެ ރޭ މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ބޯޅައަށް ޖަމްޕް ޖެހި ވަގުތު އޭނާގެ ފައި ގޮސް ޖެހުނު ގޮތަކުންނެވެ. އެ އަނިޔާއާ ގުޅިގެން އިތުރަށް ހެދި ޓެސްޓްތަކުން އޮޕަރޭޝަން ކުރަން ޖެހޭނެ ކަމަށް ޑޮކުޓަރު ލަފާ ދީފައިވާ ކަމަށް އީގަލްސްއިން ބުންޏެވެ. އަދި އޮޕަރޭޝަނަށް ފަހު ރިކަވާ ވެގެން ކުޅެން ނުކުމެވޭނީ ހަ މަސް ފަހުން ކަމަށް ބެލެވެ އެވެ.

މޯހަން ބުނީ، ނާއިމު ކަހަލަ ޒުވާން ކުޅުންތެރިޔަކަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާގެ ރިކަވަރީ އާ މެދު ފަރުވާތެރި ނުވެވިއްޖެނަމަ ފުޓްބޯޅައިގެ ތެރެއިން އޭނާ އަލުން ނުފެނިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އޭނާ ބުނީ، ޒުވާން އުމުރުގައި ކުރިމަތިވާ އިންޖަރީތަކުގެ ސަބަބުން ރަނގަޅަށް ރިކަވަރީ ނުހެދި ގިނަ ކުޅުންތެރިންތަކެއް ފުޓްބޯޅައިގެ ތެރެއިން ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

"މީގައި އެ ކުޅުންތެރިޔާ ވަށައިގެން ތިބޭ މީހުންގެ މަސައްކަތްތައް މުހިންމު ވާނީ، މިހެން ދެންނެވިޔަސް ކުޅުންތެރިޔާގެ ހިތްވަރަކީ އެންމެ މުހިންމު ކަންތައް،" ނާއިމްގެ އިންޖަރީއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މޯހަން ބުންޏެވެ. "އެއާއެކީގައި ކުލަބާއި އެފްއޭ އާ އެބައިބައިގެ މުހިންމުކަން ވަރަށް ބޮޑު ވާނެ، އެފްއޭ މި ދަންނަވަނީ އެއީ ގައުމީ ޓީމުގެ ކުޅުންތެރިއެއް ވީމަ، އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމެންޓުން އޭގެ ރިހިބިލިޓޭޝަން ކަންތައް ބެލުން އޭނާ [ނާއިމް] އަށް ގުޅައިގެން ގެނެސްގެން އެ މަސައްކަތް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވެގެންދާނެ."

ރިކަވަރީ ޕްރޮގްރާމް ރަނގަޅަށް ކުރިއަށް ގެންދިއުމަށްޓަކައި، ވަސީލަތްތައް ހުރި ތަނެއްގައި ކުޅުންތެރިޔާ ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭ ކަމަށް މޯހަން ފާހަގަ ކުރި އެވެ. އޭނާ ބުނީ ބައެއް ކުޅުންތެރިން އަނިޔާވުމުން ފުރައިގެން ދަނީ އަމިއްލަ ރަށަށެވެ. އޭގެ ސަބަބުން ރިކަވަރީ ޕްރޮގްރާމް ރަނގަޅަށް ކުރިއަށް ނުގެންދެވޭ ކަމަށެވެ. ބަދަލުގައި މާލޭގައި ވަސީލަތްތައް ހުރުމާއެކު އެ ވަސީލަތްތަކުގެ ބޭނުން ކުރެވޭނެ ގޮތަށް ރާވަން ޖެހޭ ކަމަށެ މޯހަން ބުންޏެވެ.

"އަނިޔާއަށް ފަހު އެންމެ މުހިންމު ބަޔަކީ ރިހިބިލިޓޭޝަން، އެބައި ރަނގަޅަށް ނުކުރެވިއްޖެ ކަމަށް ވަންޏާ ދެން އެ ކުޅުންތެރިޔަކު އެދިޔައީ." މޯހަން ބުންޏެވެ.

އޭނާ ބުނީ، ކުޅުންތެރިޔާއަށް އަނިޔާ ކުރިމަތިވުމުން، އަނިޔާއިން ރިކަވާވުމުގައި ކޮންމެ ކުޅުންތެރިޔަކު ވެސް، ގޯލްކީޕަރު އިމްރާން މުހައްމަދު މިސާލަކަށް ބަލަން ޖެހޭ ކަމަށެވެ.

"ފިޒިއޯ ހަދަން ޖެހޭނެ، ޖިމްއަށް ދާން ޖެހޭނެ، ބަރާބަރަށް ކޮންމެ ދުވަހަކު ވައްޓާނުލާ އެކަންކަން ކުރަން ޖެހޭނެ،" މޯހަން ބުންޏެވެ. "އޭގެ އިތުރުން ސައިކޮލަޖީ މެންޓަލީ ބައިވަރު މަސައްކަތް ކުރަން ޖެހޭނެ، އަޅުގަނޑަށް ޔަގީން އެގޮތަށް މަސައްކަތް ކުރެވިއްޖެޔާ ހަ މަހަކުން ނޫން ހަތަރު މަހުންވެސް ރިކަވާވެވޭނެ، ގައުމަށްވެސް ވަރަށް މުހިންމު ކުޅުންތެރިޔެއްގެ ވާހަކަ މިދައްކަނީ، ކުރިމަގު އޮތް ކުޅުންތެރިޔެއް، އަޅުގަނޑު އެހީވާނަން، ވާހަކަ ދައްކާނަން، ނަސޭހަތް ދޭނަން، އެގޮތަށް އެހެން ފަރާތްތަކުގެ އެހީތެރިކަންވެސް ނާއިމުއަށް ބޭނުން ވާނެ."

މޯހަން ބުނީ، އީގަލްސްގައި ނާއިމް ރިޕްލޭސް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް އެހެން ކުޅުންތެރިން ބޭނުންކޮށްގެން އެ މަގާމަށް ހައްލުތަކެއް ހޯދޭނެ ކަމަށެވެ.

ނާއިމް އަކީ ގައުމީ ޓީމަށްވެސް ވަރަށް މުހިންމު ކުޅުންތެރިޔެކެވެ. ގައުމީ ޓީމަށް އޭނާ ފުރަތަމަ މެޗު ކުޅުނީ މިދިޔަ އަހަރު މާޗް މަހު ސިންގަޕޫރާ ދެކޮޅަށް އެ ގައުމުގައި ރާއްޖެއިން ކުޅުނު މެޗުގަ އެވެ. މި އަހަރު ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ފެށިގެން އޭނާ ދަނީ ގައުމީ ޓީމުގެ ފުރަތަމަ 11 އިން ބަރާބަރަށް ޖާގަ ހޯދަމުންނެވެ. ގައުމީ ޓީމަށް މިހާތަނަށް އަށް މެޗު ކުޅެ ނާއިމު ވަނީ އެއް ލަނޑު ޖާހަފަ އެވެ.