އީގަލްސްގެ މުހައްމަދު ނާއިމްގެ ކަކުލަށް އަނިޔާވެ ހަ މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ނާއިމްގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވީ، ބުދަ ދުވަހުގެ ރޭ މާޒިޔާއާ ދެކޮޅަށް އީގަލްސް ކުޅުނު މެޗުގަ އެވެ. އޭނާގެ ކަކުލަށް އަނިޔާވީ ބޯޅައަށް މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ބޯޅައިގެ ބޮލުން ޖަހަން ޖަމްޕް ޖެހި ވަގުތު އެވެ. ނާއިމް އަށް ލިބުނު އަނިޔާއަކީ ގައުމީ ޓީމަށްވެސް ކުރިމަތިވާނެ ސީރިއަސް މައްސަލަ އެކެވެ. މި އަހަރުގެ ޖުލައި މަހުން ފެށިގެން ނާއިމް ދަނީ ގައުމީ ޓީމުގައި ބަރާބަރަށް ކުޅެމުންނެވެ.
މާޒިޔާ އަތުން އީގަލްސް މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ބުނީ މެޗުން މޮޅު ވެގެން ލިބުނު ހިތްހަމަޖެހުމަށް ވުރެ ނާއިމް އާއި މާޒިޔާގެ ނާއިޒު ހަސަން (ދާދު) އަށް ލިބުނު އަނިޔާއާ ގުޅިގެން މާ ދެރަވާ ކަމަށެވެ.
އެ މެޗުގައި ދާދުއަށްވެސް އަނިޔާވެގެން އޭނާ އަށިގަނޑުގައި ބާލައި ސީދާ ގެންދެވުނީ ހޮސްޕިޓަލަށެވެ. މާޒިޔާއިން ނެގި ހުރަސް ބޮލުން ޖަަހަން އުޅުމުގެ ތެރޭގައި ދާދުއަށް އަނިޔާވީ އެވެ.
"މެޗުގެ ނަތީޖާއަށް ވުރެ ބޮޑަށް އަޅުގަނޑު ދެރަވޭ، އެއީ ގައުމީ ޓީމުގެ ވަރަށް މުހިންމު ދެ ކުޅުންތެރިން ވަރަށް ބޮޑު ދެ އަނިޔާ ވެގެން މިއަދު މިދިޔައީ، އެއީ ގައުމީ ޓީމަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ، އެއީ ގައުމީ ޓީމުގެ 11 ގައި ގަވާއިދުން ކުޅޭ ދެ ކުޅުންތެރިން، ވަރަށް މުހިންމު ދެ ކުޅުންތެރިން."
ނާއިމްގެ އަނިޔާއާ ބެހޭގޮތުން މޯހަން 'އަވަސް' އަށް ބުނީ ނާއިމު އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ޓެސްޓްތަކުން ދައްކާ ކަމަށެވެ. އަދި އެއްކޮށް ރިކަވާވެގެން ކުޅެން ނުކުމެވޭވަރު ވަނީ ހަ މަސް ފަހުން ކަމަށެވެ.
ގައުމީ ޓީމަށް މިހާތަނަށް އަށް މެޗު ކުޅުނު ނާއިމު ވަނީ އެއް ލަނޑު ޖާހަފަ އެވެ. ގައުމީ ޓީމަށް އޭނާ އެންމެ ފުރަތަމަ މެޗެއް ކުޅުނީ މިދިޔަ އަހަރު މާޗް މަހު ސިންގަޕޫރާ ދެކޮޅަށް އެ ގައުމުގައި ރާއްޖެއިން ކުޅުނު މެޗުގަ އެވެ.