ބޮލީވުޑް

ކުޝަލްގެ މަރު: ފަންނާނުންގެ ޑިޕްރެޝަން ބޮޑުކަމުގެ ހެއްކެއް

ފިލްމީ ތަރިން ކެމެރާ ކުރިމަތީގައި ހުންނަ އިރު އާއި ސޯޝަލް މީޑިއާގައި އެމީހުންގެ ފޭނުންނާ މުއާމަލާތް ކުރާއިރު ވެސް މީހުންނަށް ހީވަނީ އެއީ ކާމިޔާބާއި މަޝްހޫރު ކަމުން ވަރަށް އުފަލުގައި ތިބޭ ބައެއް ކަމަށެވެ. އެމީހުންގެ ވަޒީފާގެ އިތުބާރު ކުޑަކަމާއި ޒާތީ ދިރިއުޅުމުގައި ދިމާވެފައިވާ މައްސަލަތައް އެއްވެސް ބަޔަކަށް ހާމައެއް ނުވެ އެވެ. ހިތް ނުތަނަވަސް ކަމާއި މާޔޫސްކަން ބައެއް ފަހަރަށް ޑިޕްރެޝަން އަށް ބަދަލުވެ ބައެއް ފަންނާނުން ދިރިއުޅުން މަތިން ވެސް ފޫހިވާކަން މިއީ ހަގީގަތެކެވެ.

ބައެއް ފިލްމުތަކާއި ޓީވީ ސިލްސިލާތަކުން ފެނިފައިވާ އެކްޓަރު ކުޝަލް ޕަންޖާބީގެ ކުއްލި މަރާ ގުޅިގެން އޭނާގެ އެކުވެރިންނާއި އޭނާއާއެކު މަސައްކަތްކުރި މީހުންނަށް ލިބިފައިވަނީ ކުއްލި ހައިރާން ކަމެކެވެ. ބައެއް މީހުންނަށް ކުޝަލް ދުނިޔޭގައި ނެތްކަން ގަބޫލު ކުރަން އަދިވެސް ވަނީ ދަތިވެފަ އެވެ.

ކުޝަލްގެ އެންމެ އެކުވެރިޔާ ކަރަންވީރް ބޮހްރާ ކުރި ޓުވީޓެއްގައި އޭނާގެ އެކުވެރިޔާގެ ކުއްލި މަރާއެކު ޝޮކެއް ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި މިއީ އޭނާއަށް އަދިވެސް ގަބޫލު ކުރަން ދަތި ހަގީގަތެއް ކަމަށް ކަރަންވީރް ބުނެފައި ވެއެވެ.
ކުޝަލް ވަނީ އަކްޝޭ ކުމާރާއެކު "އަންދާޒް" ގައި މުހިއްމު ރޯލެއް ކުޅެފަ އެވެ. އެހެން ކަމުން ކުޝަލް މަރާ ގުޅިގެން އަކްޝޭ ވެސް ވަނީ ވަރަށް ދެރަވެއްޖެ ކަމަށް ބުނެފަ އެވެ. އަދި އެންމެން ވެސް މިއަށް ވުރެ ހިތްވަރުގަދަކޮށް އަމިއްލައަށް މަރުވުން ފަދަ ކަންތައް ނުކުރުމަށް އަކްޝޭ ވަނީ އިލްތިމާސް ކޮށްފަ އެވެ.

ކުޝަލް ޕަންޖާބީ އަމިއްލައަށް މަރުވެފައި ހުއްޓާ ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާ މަރުވުމުގެ ކުރިން ލިޔެފައިވާ ސިޓީއެއް އޭނާއާ މާ ދުރުނޫން ހިސާބަކުން ފުލުހުން ވަނީ ހޯދާފަ އެވެ. އެ ސިޓީގައި އޭނާ ބުނެފައިވަނީ އޭނާގެ މަރުގެ ޒިންމާ އެއްވެސް މީހަކު އުފުލަން ނުޖެހޭނެކަމަށެވެ. އަދި އޭނާގެ މުދަލުގެ ދެބައިކުޅަ އެއްބައި މަންމަ އާއި އަންހެން ކޮއްކޮއަށް އަދި އަނެއް ބައި އޭނާގެ ހުރީ ހަމައެކަނި ދަރިފުޅަށް ދީފައިވާ ކަމަށް ވެސް މި ލިޔުމުގައި ވެއެވެ.

ކަރަންގެ މަރާ ގުޅިގެން ފަންނާނުންގެ މެދުގައި ޑިޕްރެޝަންގެ މައްސަލަތައް އޮތް މިންވަރާ މެދު ވަރަށް ހޫނު ބަހުސްތަކެއް ވަނީ ފެށިފަ އެވެ. މީހުންގެ މުނިފޫހިފިލުވުމުގައި ހޭބޯނާރާ އުޅޭ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހަގީގަތުގައި އެމީހުންގެ ނަފްސާނީ މައްސަލަތައް ސިއްރުކޮށްގެން އުޅޭ އެ ވާހަކަތައް އެއްވެސް މީހަކާ ހިއްސާ ނުކުރާ ބައެކެވެ. ސޯޝަލް މީޑިއާގައި މި މީހުން ހިއްސާކުރާ ފޮޓޯތަކާއި ލިޔާ ލިޔުންތަކުގައި ކިތަންމެ އުފާވެރި މަޖާ ގޮތްތަކެއް ހުރި ނަމަވެސް މިއީ ހަގީގަތެއް ނޫންކަމާއި ވިދާހާ އެއްޗަކީ ރަނެއް ނޫން ކަން މިފަދަ މީހުންގެ ހަގީގީ ދިރިއުޅުމަށް ބަލާލުމުން ޔަގީންވެ އެވެ.
އެކްޓިންގެ ޕްރޮފެޝަންގައި އިންތިހާއަށް ބިޒީކޮށް އުޅެން ޖެހުމުން ޚުދް ކުޝަލް އަށް ވެސް އޭނާގެ ނަފްސާނީ މައްސަލަތަކެއް އުޅޭކަމެއް ނޭނގެ އެވެ. މިއީ ކުޝަލް އާއި އޭނާގެ އަންހެނުންގެ މެދުގައި މައްސަލަތައް ޖެހެން ދިމާވި ސަބަބު ވެސް މެއެވެ.

ކުޝަލް މަރުވިއިރު އޭނާގެ އަންހެނުންވީ ތިން އަހަރުގެ ދަރިފުޅު ގޮވައިގެން އިންޑީޔާ އިން ބޭރު ގައުމަކަށް ގޮހެވެ. އަންހެނުންނާ މައްސަލަތައް ޖެހުމުން އެކަމާ ދެރަވެ ޑިޕްރެޝަންގެ މައްސަލަތައް ދިމާވެގެން ކުޝަލް އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް އޭނާ މަރުވުމުގެ ދެ ދުވަހެއް ކުރިން ވެސް ރައްޓެހިން ތަކަކާއެކު އޭނާ ބައްދަލުކޮށް މަޖާކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އެބަދެ އެވެ. ދެރަވެފައި ހުއްޓަސް އެކަން އެންމެ ގާތް އެކުވެރިންނަށް ވެސް ކުޝަލް ނާންގަ އެވެ. އަދި ޑިޕްރެޝަންގެ މައްސަލަތައް ބޮޑުވެގެން އަމިއްލައަށް މަރުވުން ފަދަ ކަމެއް އޭނާ ކޮށްފާނެ ކަމަކަށް އެންމެ ގާތް އެކުވެރިޔާ އަށް ވެސް ގަބޫލެއް ނުކުރެވެ އެވެ.

މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މިފަދަ ގޮތަކަށް މަރުވެފައިވާ މީހުންގެ ލިސްޓު ވަރަށް ގިނަ އެވެ. އޭގެ ތެރެއިން ވެސް ފިލްމީ ބަތަލާ ޖިއާ ޚާން އާއި ޓީވީ ބަތަލާ ޕްރަތިޔޫޝާ ބެނާޖީ ފާހަގަ ކޮށްލެވެ އެވެ. މި ދެ އެކްޓަރުން ވެސް މަރުވެފައިވަނީ ލޯބިވެރިޔާ އާ މައްސަލަ ޖެހިގެން ދިމާވި ޑިޕްރެޝަންގެ މައްސަލަތަކާ ހުރެ އެވެ.
އަދި މި އެކްޓަރުންނަށް ވުރެ ކުރިން ނަފީސާ ޖޯސަފް، ވިވެކާ ބަބަޖީ، ކުލްޖީތު ރަންދަވާ ވެސް ވަނީ ހަމަ މިފަދަ ހާލަތުތަކެއް މެދުވެރިވެގެން އަމިއްލައަށް މަރުވެފަ އެވެ.

ބޮލީވުޑް ތަރިންގެ ތެރެއިން ޑިޕްރެޝަންގެ މައްސަލަތަކެއް ހުރެގެން އެކަމާ ހަނގުރާމަކުރަން ޖެހުނު ކަމަށް ދީޕިކާ ޕަދުކޯން ވެސް ވަނީ ބުނެފަ އެވެ. އަދި އާލިއާ ބަޓްގެ ދައްތަ ޝާހީން ބަޓް ވެސް ވަނީ ޑިޕްރެޝަންގެ މައްސަލަތަކެއް ތަހައްމަލުކޮށްފައިވާ ކަން ހާމަ ކޮށްފަ އެވެ. އަދި މިކަމާ ގުޅޭ ގޮތުން އޭނާއަށް ކުރެވުނު ތަޖުރިބާތައް ޝާހީން ވަނީ ލިޔެ ފޮތެއްގެ ސިފައިގައި ނެރެފަ އެވެ. މީގެ އިތުރުންވެސް ކިއާރާ އަދުވާނީ އާއި ޕަރިނީތީ ޗޯޕްޅާ ވެސް ޑިޕްރެޝަންގެ ޝިކާރައަށްވެ އެކަމުގައި ތަހައްމަލުކުރި ވޭންތައް ހާމަކޮށްފައި ވެއެވެ.