ހަބަރު

އެމްޑީޕީން ފިޔަވަޅު އެޅި މެންބަރުން މައާފަށް އެދިވަޑައިގެން ސިޓީތައް އާންމުކޮށްފި

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނެގި ދުވަހު ޖަލްސާ އަށް ހާޒިރުވެ ވަޑައިނުގަންނަވައިގެން ފިޔަވަޅު އެޅި ހަ މެންބަރުންގެ ތެރެއިން ފަސް މެންބަރަކު ޕާޓީގެ ކިބައިން މައާފަށް އެދިވަޑައިގެންފައިވާ ސިޓީތައް އެމްޑީޕީގެ ވެބްސައިޓުގައި އާންމުކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހްމަދު ފާއިޒާއި ފަނޑިޔާރު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން ވަކި ކުރުމަށް ވޯޓު ނެގި ދުވަހު އެމްޑީޕީގެ މެންބަރުންގެ ތެރެއިން މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވަޑައިނުގަނެ އަދި ވޯޓުގައި ބައިވެރިވެ ވަޑައިނުގަތުމުން ފިޔަވަޅު އަޅާފައި ވަނީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ބާރީ އަބްދުﷲ އާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރާއި ފެލިދޫ ދާއިރާގެ މެންބަރު އަހްމަދު މަރުޒޫގުގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއާ ދެކޮޅަށެވެ. މީގެ ތެރެެއިން މޫސާ މަނިކު ވަނީ ޕާޓީން ވަކި ވެސް ކޮށްފަ އެވެ. އޭނާ މައާފަށް އެދިވަޑައިގަތުމުގެ ބަދަލުުގައި ވަނީ އޭނާއާ ދެކޮޅަށް އެޅި ފިޔަވަޅު ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ އިސްތިއުނާފު ކުރުމަށް ހުށަހަޅުއްވައިފަ އެވެ.

"14 ޑިސެމްބަރު 2014 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އަޅުގަނޑަށް ހާޒިރު ނުވެވުމުގެ ސަބަބުން ޕާޓީ އަށް ލިބުނު ގެއްލުމަށްޓަކައި ޕާޓީގެ ލީޑަޝިޕަށާއި އަދި އެންމެހާ މެންބަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ." އޭނާގެ ސިޓީގައި ވަނީ މިހެންނެވެ.

ވިޕްލައިނާ ހިލާފުވި މެންބަރުންނާ މެދު ފިޔަވަޅު އަޅަން ނިންމީ ކޮމިޓީގެ އިއްތިފާގުންނެވެ. އެ ކޮމިޓީގައި ތިއްބަވަނީ މުހައްމަދު ޝިފާޒްގެ އިތުރުން މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒް ފަހުމީ އާއި އާއި މާލެ ދާއިރާގެ ރައީސް އަކްރަމް ކަމާލުއްދީނާއި ޑރ. މުސްތަފާ ލުުތުފީ އަދި ޝުއައިބު އަލީ އެވެ.

ފާއިޒާއި މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 53 މެމްބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވެ ވަޑައިގަތީ 74 މެމްބަރުންނެވެ. އެ ދެ ފަނޑިޔާރުން ވަކިކުރަން ބޭނުންވީ 50 ވޯޓެވެ. އެހެންވެ އެމްޑީޕީގެ މެންބަރުން ހާޒިރުވެ ވަޑައިގެން ދެކޮޅަށް ވޯޓު ދެއްވި ނަމަ ނަތީޖާ އެނބުރުނީހެވެ.