ބޮލީވުޑް

ވިކްރާންތު މެސީ ފަލަވާން ކެއީ ސަމްމޯސާ

ވިކްރާންތު މެސީ ކެރިއަރު ފެށީ ޓިވީ ސިލްސިލާ "ބާލިކާ ވަދޫ" އިންނެވެ. މި ސިލްސިލާ ކުޅެގެން އޭނާއަށް ވަރަށް ބޮޑު މަޝްހޫރު ކަމެއް ލިބުނެވެ. ފުރަތަމަ ސިލްސިލާ އިން ވެސް ވިކްރާންތުގެ އެކްޓިން ހުނަރު ހުރި މިންވަރު ގިނަ ބަޔަކު ފާހަގަ ކުރި އެވެ. ނަމަވެސް އެއް ދުވަހަކުން އޭނާއަކީ ބޮލީވުޑްގެ ފިޔަޖަހާ ތަރިއަކަށް ވެދާނެ ކަމަށް ގަބޫލުކުރީ މަދު ބައެކެވެ.

"ލުޓޭރޭ" ގައި ވިކްރާންތު ކުޅުނު އާދަޔާޚިލާފު މޮޅު ބަޔާއި "އަ ޑެތު އިން ދަ ގަންޖް" ގައި ކުޅުނު ރޯލާއެކު ވިކްރާންތު އަކީ ބޮލީވުޑްގެ ލީޑް އެކްޓަރަކަށް ވަނީ ވެފަ އެވެ.

ވިކްރާންތުގެ އެންމެ ފަހުގެ ބޮލީވުޑް ފިލްމު "ޗަޕާކް" މިހާރު ރިލީޒްވާން ކައިރިވެފައިވާއިރު މި ފިލްމުގައި އޭނާ އާއެކު ބަތަލާގެ ރޯލު ކުޅެނީ ދީޕިކާ ޕަދުކޯން އެވެ. ދީޕިކާ މި ފިލްމުގައި ކުޅެނީ އެސިޑް ހަމަލައަކުން ސަލާމަތްވި ނަމަވެސް ސިފަ މުޅިން ގެއްލިފައިވާ އަންހެނެއްގެ ރޯލެވެ. ވިކްރާންތު އަކީ މި ފިލްމުގައި ދީޕިކާގެ ކެރެކްޓާގެ ފިރިމީހާ އެވެ.

ފިލްމުގެ ފުރަތަމަ ޓްރެއިލާ އާއެކު އެންމެން ވެސް ވާހަކަ ދައްކަނީ ދީޕިކާގެ މޮޅުކަމުގެ ވާހަކަޔަކާއި އެ ރޯލު ކުޅެން އުނދަގޫވާނެ މިންވަރުގެ ވާހަކަ އެވެ. ފިލްމުގައި ވިކްރާންތު އަދާ ކުރަން ޖެހުނު އަލޯކް ޑިކްޝިޓްގެ ކެރެކްޓާގައި ވެސް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރިކަން ހާމަވީ ޚުދް ވިކްރާންތު މި ވާހަކަތައް ހިއްސާ ކުރުމުންނެވެ.

ވިކްރާންތު ބުނި ގޮތުގައި އޭނާ ފިލްމުގައި ބައިވެރި ކުރަން ޑައިރެކްޓަރު މެގްނާ ގުލްޒާރު އެއްބަސްވީ ވެސް ޝަރުތުތަކަކާ އެކުގަ އެވެ. އެއީ ދެ މަސް ތެރޭގައި 11 ކިލޯ ބަރުވުމެވެ. މި ޗެލެންޖް ވިކްރާންތު ނެގީ ވަރަށް ސާބިތުކަމާ އެކުގަ އެވެ. އަވަހަށް ފަލަވާންވެގެން ދުވާލަކު އެތައް ބައިވަރު ގުލާބު ޖާމޫން އަކާއި ސަމްމޯސާ އެއް ވިކްރާންތު ކެޔެވެ.
ފިލްމު ކުޅުމުގެ ފުރުސަތު ވިކްރާންތަށް ލިބުނުއިރު އޭނާގެ ބަރުދަނަކީ 65 ކިލޯ އެވެ. ފުރަތަމަ ދުވަހުގެ ޝޫޓިންގްގައި ބަރުދަން ބެލިއިރު އޭނާގެ ބަރުދަނުގައި 75 ކިލޯ ހުއްޓެވެ.

"މެގްނާ ބޭނުމެއް ނޫން އަހަރެން މާ ބޮޑަށް ފަލަވާކަށް ވެސް. އާދައިގެ މީހެއްގެ ބަރުދަން ބަހައްޓަން ބޭނުންވީ. އެހެންވެ ކޮންމެ ދެ ތިން ގަޑިއަކުން ޖަންކް ފުޑް ކަމުން ގޮސް 10 ކިލޯ ބަރުކުރީ. އަހަރެންގެ މަސައްކަތް މެގްނާ ބަލައިގަތް. އަދި އެ ރޯލަށް ދީޕިކަ އާއެކު އަހަރެން ވަރަށް ފިޓްވާ ކަމަށް މެގްނާ ގަބޫލުކުރި،" ވިކްރާންތު ބުންޏެވެ.

"ޗަޕާކް" ރިލީޒްކުރާނީ އަންނަ ޖެނުއަރީ 11 ވަނަ ދުވަހު އެވެ.