އިންޑިއާގެ 65 އަހަރުވެފައިވާ ސިޓިޒެންޝިޕް ގާނޫނަށް ކުއްލި ގޮތަކަށް ގެނައި އިސްލާހުގެ ސަބަބުން އިންޑިއާގެ މުސްލިމުންގެ އިންސާނީ ހައްގުތައް ގެއްލި އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިއުމުގެ ސަބަބުން އެ ގައުމުގެ ޓޫރިޒަމް ދަށްވާން ފަށައިފި އެވެ.
އިންޑިއާގެ ބޮޑެތި އަދި މަޝްހޫރު ހިސާބުތަކުގައި ހިނގަމުންދާ މުޒާހަރާތަކުގައި މިހާތަނަށް ވަނީ 25 މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވެފަ އެވެ. މިއާއެކު އެމެރިކާ އާއި އިނގިރޭސިވިލާތާއި ރަޝިއާ، އިޒްރޭލް، ސިންގަޕޯ އަދި ކެނެޑާގެ އިތުރުން ޓައިވާނުން ވަނީ އިންޑިއާއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގާ ޓްރެވެލް އެޑްވައިޒަރީ ނެރެފަ އެވެ.
ކަމާބެހޭ އޮފިޝަލުން ހަމާކޮށްފައިވާ މައުލޫމާތުން އެގޭ ގޮތުގައި ފާއިތުވި ދެ ހަފުތާ ތެރޭގައި 200،000 ފަތުރުވެރިން ވަނީ އިންޑިއާއަށް ހަދާފައިވާ ބުކިން ކެންސަލްކޮށްފަ އެވެ. މީގެ ތެރެއިން ގިނައިން ކޮށްފައިވަނީ މަގުބޫލު ބިނާއެއް ކަމުގައިވާ ތާޖު މަހަލް ބަލާލުމަށް ބުކިން ހަދާފައިވާ ފަތުރުވެރިންނެވެ.
"2018 ވަނަ އަހަރުގެ ޑިސެބްބަރު މަހާ އަޅާ ބަލާއިރު މިއަހަރުގެ ޑިސެމްބަރު މަހު ފަތުރުވެރިން އައި މިންވަރު ވަނީ 60 ޕަސަންޓަށް ދަށްވެފަ، ޓޫރިސްޓުން މިހާރު ގަބޫލު ނުކުރޭ އިންޑިއާ އަމާންކަމަށް، އެމީހުން ބޭނުންވަނީ ހޮޓަލްތަކުގެ ބޭރުގައި ވެސް ސިގފައިން ނުވަތަ ފުލުހުން ސެކިއުރެޓީ ބަލަހައްޓަން" ތާޖު މަހަލްގް ސެކިއުރެޓީ ބަލަހައްޓާ ޓޫރިސްޓު ފުލުހެއް ކަމަށްވާ ޑިނޭސް ކުމާރް ވިދާޅުވި އެވެ.
ތާޖުމަހަލް ބަލާލަން ދާ ފަތުރުވެރިންގެ އަތުން އިންޑިއާ ސަރުކާރަށް އަހަރަކު 14 މިލިއަން ޑޮލަރު ލިބެ އެވެ. އެއީ 6.5 މިލިއަން ފަތުރުވެރިންނެވެ. އެންމެ ގިނައިން ތާޖު މަހަލް ބަލައިލަން ފަތުރުވެރިން އާގްރާއަށް ޒިޔާރަތް ކުރާ މަހަކީ ޑިސެމްބަރެވެ.
އިންޑިއާގެ އެކި ހިސާބުތަކުގައި ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލް ނުވުމުގެ ސަބަބުން މިހާރު ވަނީ ލޭ އޮހޮރުވުން އާންމުވެފަ އެވެ. އެންމެ ގިނަ މީހުން މަރުވެ އަދި ޒަހްވެފައިވަނީ ވަނީވެސް އެންމެ އާބާދީ ބޮޑު ސްޓޭޓް، އުއްތަރަ ޕްރަދޭޝްގަ އެވެ. އެ ސްޓޭޓްގެ ފުލުހުންގެ ވެރިޔާ އޯ ޕީ ސިންހު ވިދާޅުވީ 54 މީހަކު މުޒާހަރާތެރެއިން ޒަހަމްވެފައިވާ ކަމަށެވެ.
މުޒާހަރާގެ ކޮންޓްރޯލް ގެއްލިފައިވާތީ މިހާރު ގިނަ ހިސާބުތަކުގައި މުޒާހަރާކުރުން މަނާކޮށް އިންޓަނެޓުގެ ހިދުމަތް ވަނީ ކަޑާލައިފަ އެވެ. ނަމަވެސް މި ހިސާބުތަކުގައި އަދިވެސް ގެންދަނީ މުޒާހަރާ ކުރަމުންނެވެ. ވެރިރަށް ނިއު ދިއްލީގެ ބޮޑު ބަޔަކުން ވެސް މިހާރު ވަނީ އިންޓަނެޓުގެ ހިދުމަތް މެދުކަޑާލައިފަ އެވެ.