ޕޮލިޓިކްސް

ކެމްޕެއިނުގައި އިދިކޮޅު ދެ ޕާޓީ ލާމަށް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އިދިކޮޅު ދެ ޕާޓީގެ ޓީމެއް ލ. އަތޮޅަށް ދަތުރު ފަށައިފި އެވެ.

ޕީޕީއެމް / ޕީއެންސީން މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅު ދެ ޕާޓީގެ މަސައްކަތް އަތޮޅުތަކުގައި ބާރަށް ކުރިޔަށްދާ ކަމަށާއި އެގޮތުން މިވަގުތު އައްޑޫ ސިޓީ އާއި ގދ. އާއި ގއ. އަތޮޅުގެ އިތުރުން ތ. އަތޮޅުގައި އެ ޕާޓީގެ މަސައްކަތްތައް ހިނގަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން މިރޭ ލާމަށް ފުރަނީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރުމަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ޕޭޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އަތޮޅުތަކުގެ ތެރޭގައި ތިބި ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުންނަށް ދަންނަވާލަން ބޭނުންވަނީ އެ ބޭފުޅުން ކުރައްވާ މަސައްކަތައް ދެ ޕާޓީގެ ލީޑަރުން ވަރަށް ޝުކުރުވެރިވާ ކަން، ހާއްސަކޮށް ރައީސް ޔާމީން އެ ބޭފުޅުންގެ މަސައްކަތް ބަލައިގަނޭ. އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާއެކުގައި," ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތައް ރޭ ވަނީ ދ. ކުޑަހުވަދޫގައި ޖަލްސާއެއް ބާއްވައިފަ އެވެ. އަދި ލ. އަތޮޅަށް ކުރާ ދަތުރުގައި ވެސް ޖަލްސާއެއް ބާއްވާނެ އެވެ.