ޓެކްނޯލޮޖީ

އެންމެ ދިގު ޖައްވީ ރޮކެޓް ޗައިނާއިން ޖައްވަށް

Dec 30, 2019

ޗައިނާއަކީ ހުރިހާ ގޮތަކުން އެމެރިކާއާ އެންމެ ކައިރި ކުރާ ވާދަވެރި ގައުމެވެ. އެއީ އިގްތިސޯދީ ގޮތުން ކަމަށް ވިޔަސް އަދި ހަތިޔާރުގެ ގޮތުން ކަމަށް ވިޔަސް ޖައްވީ ކަންކަމުގެ ގޮތުން ކަމުގައި ވިޔަސް އެވެ. ޗައިނާ ބޮޑަށް މަޝްހޫރު ވެފައިވަނީ އެމެރިކާއާ ހުރިހާ ގޮތަކުން ވާދަކުރާ ގައުމެއްގެ ގޮތުގަ އެވެ.

ޗައިނާގެ ފަހުގެ އުފެއްދުންތަކަކީ ހީވެސް ނުކުރާ ކަހަލަ ސިފަސިފައަށް އުފައްދާފައިތާ ތަކެއްޗެވެ. އެގޮތުން މިއަހަރު ތެރޭގައި އުފެއްދި ރޭޑިއޯ ޓެލެސްކޯޕާއި ފަތިކޮށް ހުންނަ ހެލިކޮޕްޓާ ހަތިޔާރުގެ ވާހަކަތަށް އަދިވެސް ދަނީ ދެކެވެމުންނެވެ.

މިފަހަރުވެސް ޗައިނާއިން މިވަނީ އެމެރިކާއަށް ގޮނެއްޖަހައި ކަމެއްގައި ކުރި ހޯދާފަ އެވެ. މިހާތަނަށް ދުނިޔެއިން ޖައްވަށް ފޮނުވާލި އެންމެ ދިގު ޖައްވީ ރޮކެޓް ރިކޯޑު ކުރިން އޮތީ އެމެރިކާގެ ޖައްވީ އިދާރާ ނާސާގަ އެވެ. އެއީ ދިގު މިނުގައި 14 މީޓަރު އަދި ފުޅާ މިނުގައި 1.3 މީޓަރު ހުންނަ ރޮކެޓެކެވެ.

މިދިޔަ ހުކުރު ދުވަހު ޗައިނާގެ ޖައްވީ އިދާރާއިން ވަނީ 15.3 މީޓަރު ދިގު މިނުގައި އަދި ފުޅާ މިނުގައި 1.4 ހުންނަ ޖައްވީ ރޮކެޓެއް ޖައްވަށް ލޯންޗުކޮށްފަ އެވެ. މިއާއެކު ނާސާގެ އަތުގައި އޮތް ޒާމަންވީ ރިކޯޑް މިވަނީ މުގުރިފަ އެވެ. ޗައިނާއިން ރޮކެޓަށް ދީފައިވާ ނަމަކީ "ލޯންގް މާޗް 5" ރޮކެޓް އެެވެ. މިއީ އާންމުކޮށް ޗައިނާއިން ޖައްވީ އުޅަނދުތަކަށާ ރޮކެޓްތަކަށް ކިޔާ އުޅޭ ކަހަލަ ނަމެއް ވެސް ނޫނެވެ.

ޗައިނާއިން މި ރޮކެޓް ޖައްވަށް ފޮނުވާލީ ޓެލެކޮމިއުނިކޭޝަން ސެޓްލައިޓުތަކާއެކު އެވެ. ޗައިނާގެ މި ރޮކެޓަކީ ކުދިކުދި ތަކެތި ޖައްވަށް ގެންދިޔުމަށް ހާއްސަ ކޮށްގެން ތައްޔާރުކުރި ރޮކެޓަކަށް ވުމުން ޖައްވަށް ފޮނުވާފައި ވަނީ މިނީ ސެޓްލައިޓުތަކެވެ.

މިއީ 2020 ވަނަ އަހަރުގައި ޗައިނާއިން ކުރިއަށް ގެންދާނެ ޖައްވީ މިޝަންތަކަށް ތައްޔާރުވުމުގެ ގޮތުން ފޮނުވާލި ސެޓްލައިޓުތަކެވެ. މި ރޮކެޓަށް ޖައްވަށް ދެވޭނީ އަންނަ އަހަރުގެ އެޕްރީލް މަހު އެވެ. މާޗު މަހު ޗައިނާގެ މިޝަންތައް ފަށާގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.