ކަންގަނާ

ކަންގަނާއަށް އެންމެ މޮޅު ބަތަލާއަކީ ބޫމީ

މިއަހަރު ނިމުމަކަށް އައިސްފައިވާއިރު ބޮލީވުޑްގެ އެންމެ ހުނަރުވެރި އެއް ބަތަލާ ކަންގަނާ ރަނާވަތު ވަނީ މިއަހަރު އޭނާއަށް އެންމެ ކަމުދިޔަ ޕާފޯމަންސްތައް އިއުލާން ކޮށްފަ އެވެ. ކަންގަނާގެ ދައްތަ ރަންގޯލީ ޗަންދަލް ކުރި ޓުވީޓެއްގައި ވަނީ ކަންގަނާގެ ނަޒަރުގައި މިއަހަރުގެ އެންމެ މޮޅު ޕާފޯމަންސެއް ދިން ބަތަލުންނާއި ބަތަލާއިންނަކީ ކޮބައިކަން ހާމަކޮށްފަ އެވެ.

ރަންގޯލީގެ ފުރަތަމަ ޓުވީޓްގައި ބުނެފައިވަނީ ކަންގަނާ ގަބޫލުކުރާ ގޮތުގައި އެ ބަތަލާއެއްގެ މަސައްކަތް އެންމެ ބަލައި ނުގަންނަ އެންމެ މޮޅު ބަތަލާ އަކީ ބޫމީ ޕެޑްނޭކަރް ކަމަށެވެ. އަދި މިއަހަރު އެންމެ ރަނގަޅަށް ޕާފޯމްކޮށްފައިވަނީ ބޫމީ ކަމަށް ކަންގަނާ ގަބޫލު ކުރެ އެވެ.

"ސޯންޗިޅިޔާ" ގައި ބޫމީގެ ޕާފޯމަންސް އާދަޔާޚިލާފަށް މޮޅު ކަމަށް ކަންގަނާ ގަބޫލުކުރާ ކަމަށާއި މިރުނަލް ޓާކޫރާއި ރާދިކާ މަދަންގެ އެކްޓިން ވެސް ވަރަށް މޮޅުކަމަށް ކަންގަނާ ބުނާ ކަމަށް ރަންގޯލީގެ ޓުވީޓްގައި ވެއެވެ.

މި ބަތަލާއިން ވަރަށް ހުނަރު އެބަހުރި ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި މި އެކްޓަރުން ވަރަށް ވިދާލާނެކަމަށް ކަންގަނާ ގަބޫލު ކުރެ އެވެ.

އެކްޓަރުންގެ ތެރެއިން ކަންގަނާ އަށް އެންމެ ކަމުދިޔައީ ސިދާންތު ޗަތުރަވޭދީ އާއި ރަންވީރު ސިންގް އަދި ވިކީ ކައުޝަލް އެވެ. މިއަހަރު އެންމެ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ މި އެކްޓަރުން ކަމަށް ކަންގަނާ ގަބޫލު ކުރެ އެވެ.

ކަންގަނާގެ ދައްތަ ރަންގޯލީ އަކީ އަބަދުވެސް ބޮލީވުޑް ތަރިންނަށް މަލާމާތްކޮށް ފާޑުކިޔައި ޓުވީޓްތައް ކުރުމަށް މަޝްހޫރު މީހެކެވެ. އެހެންވެ ރަންގޯލީގެ ފަރާތުން މިފަދަ ޕޮޒިޓީވް ޓުވީޓެއް ފެނުމަކީ ހައިރާންވާ ވަރުގެ ކަމެއް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

ކަންގަނާ ކުޅެމުންދާ ފިލްމުތަކަށް ބަލާއިރު ކުރިޔަށް އެންމެ އަވަހަށް ރިލީޒްވާން އޮތީ ސްޕޯޓްސް ފެމެލީ ޑްރާމާ "ޕަންގާ" އެވެ. އަޝްވިނީ އައްޔަރް ތިވާރީ ޑައިރެކްޓްކުރާ މި ފިލްމުގައި ޖައްސީ ގިލް ވެސް ބައިވެރިވެ އެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ 24 ވަނަ ދުވަހު އެވެ. ފިލްމަށް ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހެނީ ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރުގެ "ސްޓްރީޓް ޑާންސާ 3ޑީ" އާއެވެ.