ހަބަރު

ޝިމްހާޒުގެ ސާވިސް ޗާޖަކީ ވަޒީފާ ގެއްލުން!

Dec 30, 2019
15

ސާވިސް ޗާޖުގެ ގޮތުގައި ރިސޯޓްތަކުން ދޭ ނަމްބަރުތައް "ބޭޒާރު" ވި އިރު އެންމެ އަޅައިގަތް ނަމްބަރަކަށްވީ ކުރީގެ މަޖިލިސް މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ހަމްޒާ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ދެބެންގެ މަސްލަހަތު އޮންނަ ހދ. ހޮނޑާފުށި ރިސޯޓުން ދޭ 11 ޑޮލަރެވެ. އޭގެ ފަހުން ފާހަގަ ވެގެން އުޅެނީ ޒުވާނެކެވެ. އޭނާ އަކީ 11 ޑޮލަރުގެ ވާހަކަ ބޭޒާރު ކޮށްލި ކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކޮށްލި ޒުވާނާ އެވެ.

އެގާރަ ޑޮލަރުގެ މައްސަލާގައި ރޭ ހޮނޑާފުށީގެ ވަޒީފާއެއް ކަނޑާލައި ރިސޯޓުން ބޭރު ކުރީ ތ. ގުރައިދޫ، އަހްމަދު ޝިމްހާޒެވެ. އޭނާއަކީ އެ ރިސޯޓުގައި މަސައްކަތް ކުރަމުން އައި ހަމައެކަނި ސެކިއުރިޓީ އޮފިސަރެވެ. އުމުރުން 29 އަހަރުގެ ޝިމްހާޒުގެ ވަޒީފާ ގެއްލި ރިސޯޓުން ބޭރު ކޮށްލުމުން 11 ޑޮލަރުގެ ނަމްބަރަށް ވުރެ ބޮޑަށް ކުއްލި ގޮތަކަށް އޭނާ މަޝްހޫރުވެ އެންމެންގެ ލޯ އޭނާއާ ދިމާއަށް އަމާޒުވެފައިވާއިރު ބައެއް ފަރާތްތަކުން ދަނީ އޭނާއަށް ވަޒީފާ ވެސް ހުށަޙަޅަމުންނެވެ.

މި މައްސަލަ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި އޮތް ނަމަވެސް ގިނަ ވާހަކަ ދައްކާކަށް ޝިމްހާޒް ބޭނުމެއް ނުވެއެވެ. އޭނާ ބުނި ގޮތުގައި ހޮނޑާފުށި ރިސޯޓުން އޭނާއަށް ކުރަނީ ދޮގު ތުހުމަތުތަކެވެ. ރިސޯޓުގައި ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް އަމަލެއް އޭނާ ކޮށްފައެއް ނުވާނެ އެވެ. އޭނާ އަކީ ރީތިކޮށް ވަޒީފާ އަދާ ކުރި މީހެކެވެ.

ޝިމްހާޒް ބުނި ގޮތުގައި ތުހުމަތެއް ކުރިއަސް ކުއްލި ގޮތަކަށް އޭނާ ވަޒީފާއިން ވަކި ކުރަންވީ ސަބަބެއް ނުވިސްނެ އެވެ. އަދި މަސައްކަތުގައި ދުވަހަކު ވެސް ފަރުވާ ކުޑަކޮށްފައި ނުވާތީ އާއި އިއްޔެ ހެދުނުވެސް އެނާގެ މަސައްކަތަށް ތައުރީފުކޮށް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވާހަކަފުޅު ދައްކަވާފައިވަނިކޮށް ހަމަ އެ ޖެނެރަލް މެނޭޖަރުގެ އަމުރަށް ވަޒީފާއިން ވަކިކޮށް ރިސޯޓުން ބޭލުމުން ވަރަށް ހައިރާންވެ އެވެ.

"އަޅުގަނޑު ތަކުރާރުކޮށް މި ބުނަނީ ރިސޯޓުގެ ގަވާއިދާއި އަދި ދިވެހި ރާއްޖޭގެ ގާނޫނާއި ގަވާއިދާއި ހިލާފު އެއްވެސް ކަމެއް ނޯންނާނެ ކޮށްފައެއް. ރިސޯޓުން ބުނަނީ ސާވިސްޗާޖްގެ ވާހަކަތައް މީޑިއާއި އަދި އެހެނިހެން ފަރާތްތަކާ ހިއްސާ ކުރިއޭ އަޅުގަނޑު! އެކަމަކު އެއީ ކަނޑައެޅިގެން ދޮގެއް... ދެން އޭގެ ވީޑިއޯ އެބައިނޭ އެމީހުން އެބަ ބުނޭ، އިނިއްޔާ ކީއްވެތޯ އަޅުގަނޑަށް އެ ވިޑިއޯ ނުދެއްކެންވީ.،، ރިސޯޓުގެ އެފަދަ ވާހަކަތައް ދައްކަންޏާ ދައްކާނެ އެތައް ވާހަކައެއް އެބަހުރި ދައްކާލެވިދާނެ، ރިސޯޓުގައި ދިވެހިންނާއި ދޭތެރޭ ކަންތައްކުރާ ގޮތުގެ ވާހަކަވެސް ދައްކަންވީ ނޫންތޯ؟" އޭނާ ބުންޏެވެ.

ހޮނޑާފުށިން ޝިމްހާޒަށް ފުރަތަމަ ހުށަހެޅީ ވަޒީފާއިން އިސްތިއުފާ ދޭން ކަމަށް ވެއެވެ.

ޝިމްހާޒު ބުނި ގޮތުގައި އޭނާއަށް ފުރަތަމަ އެންގީ އަމިއްލައަށް ވަޒީފާއިން ވަކިވާން އެދި ސިޓީ ލާށެވެ. ނަމަވެސް އެއްވެސް ކަމަކާ ނުލައި އަދި ކުށެއްވެސް ނެތި، ވަޒީފާޢިން ކެނޑެން ސިޓީއެއް ލާން ބޭނުން ނުވީ އެވެ.

"ރިސޯޓުން ކަނޑާލަންޏާ ކަނޑާލިޔަސް މައްސަލައެއް ނެތޭ ބުނިން. އަމިއްލައަށް ކެނޑެން ސިޓީ ނުލާނެކަން ވެސް ހޮނޑާފުށީގެ ޖެނެރަލް މެނޭޖަރާއި އެޗްއާރް މެނޭޖަރަށް އެންގިން... އޭގެ ފަހުން ރޭ ގާތްގަނޑަށް 8:30 އެހާކަންހާއިރު އަޅުގަނޑަށް އެޗްއާރުން ގުޅާފައި ބުނީ އަވަހަށް އޮފީހަށް އަންނާށޭ. ދިޔައިމަ ބުނީ މި އޮތީ ޓާމިނޭޝަން ލެޓާއޭ މީގަ ސޮއެ ކުރާށޭ." އޭނާ ބުންޏެވެ. "އޭގަ އޮތީ އަޅުގަނޑު ރިސޯޓުގެ ގަވާއިދާއި ހިލާފުވީއޭ، މަސައްކަތަށް ފަރުވާ ކުޑައީއޭ... އަޅުގަނޑު ބުނިން ހެނދުނު ބުނީމެއް ނޫންހޭ ރަނގަޅޭ. އަދި ތިޔައީ އެންމެ ހީވާގި މުވައްޒަފޭ ވެސް، ކުއްލިއަކަށް ތިހެން ހަދަންވީ ކީއްވެހޭ؟ ބުނީމަވެސް ބުނީ ސޮއެ ކުރާށޭ. އަޅުގަނޑު ސޮއެއް ނުކުރަން، އެޗްއާރް މެނޭޖަރު ބުނީ ޖީއެމް ގާތު ކަނޑައެއް ނުލެވޭނޭ ތިއީ ގާނޫނާއި ހިލާފު ކަމެކޭ. އެކަމަކު ޖީއެމް ވިދާޅުވީ ބޭކާރު ވާހަކަ ނުދައްކާށޭ. ކޯޓަށް ގޮއްސިއްޔާ ރިސޯޓުގެ ލޯޔަރުން އެ މައްސަލަ ކާމިޔާބު ކުރާނޭ،"

ޝިމްހާޒް ވަޒީފާއިން ވަކި ކުރަން ދިން ސިޓީގައި ސޮއެ ނުކުރުމުން ދެން އެންގީ ރިސޯޓުން ފޭބުމަށެވެ. އަދި ހަނިމާދޫއިން ހުންނާނެތަނެއް ހަމަޖެއްސި ވާހަކަ ވެސް އެންގި އެވެ. އޭނާ ބުނި ގޮތުގައި އެ ރިސޯޓު ލޯންޗުން ހަނިމާދޫއަށް ގެންދިޔަ ގޮތަށް އެއްވެސް ހަބަރެއް ނުވެ އެވެ. ނިދާނެތަން ވެސް ހަމަޖައްސައެއް ނުދިނެވެ.

ޝިމްހާޒްގެ މާ ބޮޑު ޝަކުވާއެއް ނެތެވެ. އޭނާ ހަމަ އަކަނި ބުނަނީ ކުށެއް ނުކުރާ ވާހަކަ އެވެ. ދެން ބުނަނީ އިތުރަށް މައްސަލަ ޓްރައިބިއުނަލަށް ގެންދާނެ ވާހަކަ އެވެ. އަދި ޓްއަރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަންސް އޮފް މޯލްޑިވްސް (ޓީމް) ގެ ފަރާތުން އޭނާއަށް އެހީވެދޭ ވާހަކަ އެވެ.

ޝިމްހާޒުގެ މައްސަލާގައި ފާޑު ކިޔުންތައް ވަރަށް ބޮޑަށް ވަނީ ތިލަވެފަ އެވެ. ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެޖެންޑާ 19 ގެ ދަށުން، ރިސޯޓު މުވައްޒަފުންނަށް އަނބިމީހާ ކައިރިއަށް ނިދަންދެވޭ ގޮތަކީ ވަޒީފާއިން ކަނޑާލާއި ފޮށި ތަންމަތި ހިފައިގެން ދިއުންތޯ ސުވާލު ކުރައްވާފަ އެވެ. މި ނޫނަސް ބައިވަރު ސުވާލުތައް ވަނީ ފެންމަތިވާން ފަށާފަ އެވެ. އެކަކު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ޝިމްހާޒު ވަޒީފާއިން ކަނޑާލުމަކީ އޭނާ އަށް ރިސޯޓުން ދިން "ސާވިސް ޗާޖެ" ވެ. ކޮންމެއަކަސް އިއްޔެ ހެނދުނު އެންމެ ރަނގަޅު މުވައްޒަފުގެ ގޮތުގައި ހޮނޑާފުށީގައި ހުރީ ޝިމްހާޒެވެ. އަދި ރޭ އެންމެ ގޯސް މުވައްޒަފުގެ ގޮތުގައި އެ ރިސޯޓުން ވަކި ކުރީ ވެސް ޝިމްހާޒެވެ.