މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްސީއެލް) އަށް މެނޭޖިން ޑިރެކްޓަރަކު ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ އަދި ސަރުކާރަށް އެންމެ ބޮޑު ފައިދާއެއް ވަންނަ އެއް ކުންފުނި ކަމުގައިވާ އެމްއޭސީއެލްގައި މެނޭޖިން ޑިރެކްޓަރަކު އައްޔަން ކޮށްފައި ނުވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
މިކަމާ ގުޅޭ ގޮތުން އަވަސް އިން ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެމްއޭސީއެލްއަށް މެނޭޖިން ޑިރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީއަކު ހަމަނުޖެހި ލަސްވަމުންދަނީ އެ ތަނުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނާތީ އެވެ. އެ މަސައްކަތް ނިމި އެމްޑީއަކު ހަމަޖެހޭނެ ދުވަހެއް ދަންނަވަން ދަތިފުޅު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްސީއެލްގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ސަރުކާރުން ގަބޫލު ކުރަނީ، އޮނިގަނޑަށް ބަދަލު ގެނައުމުގެ މަސައްކަތް ވެސް އެބަ ހިނގާ އެމްއޭސީއެލްގެ އޮނިގަނޑު ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް އެބަ ހިނގާ، މަސައްކަތް މި ކުރަނީ ވީ އެންމެ އަވަހަކަށް ކުންފުންޏަށް އެމްޑީއަކު ހަމަޖައްސަން،" ހޫދު ވިދާޅުވި އެވެ.
އެންމެ ފަހުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ އާދިލް މޫސާ އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިޓަޔަމެންޓް ޕެކޭޖަކާއެކު ކުންފުނިން އިސްތިއުފާ ދެއްވައިފަ އެވެ. އާދިލް މޫސާއަކީ ގާތްގަނޑަކަށް 26 އަހަރު އެމްއޭސީއެލްގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެވެ.
އެމްއޭސީއެލްގައި މެނޭޖިން ޑިރެކްޓަރަކު ނެތްއިރު، މިހާރު އެ ކުންފުނި ހިންގަވަނީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޮޑުބޭބޭފުޅެވެ.
އެމްއޭސީއެލްގެ އޮނިގަނޑާ މެދު މީގެ ކުރިން ރައީސް ސޯލިހް ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނު އޭރު ވިދާޅުވެފައިވާ ގޮތުގައި އެއީ އެކެއްގެ ދަށުގައި ހިންގާ ވަރަށް ވުރެ ބޮޑު ތަނެކެވެ. އެ ތަނުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ސަރުކާރުން ނިންމީ ވެސް އެ ސަބަބާ ގުޅިގެން ކަމަށް އެމަނިކުފާނު އޭރު ވިދާޅުވެފައިވެ އެވެ.