އިބްރާހިމް ހޫދު

ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސްގެ ވެރިޔަކަށް ހޫދު

Jan 25, 2021
6

ރައީސުލް ޖުމްހޫރިއްުޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުމާއި ޒިންމާތައް އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓަޖިސްޓް އިބްރާހީމް ހޫދާ މިއަދު ހަވާލު ކުރައްވައިފި އެވެ.

މި ބަދަލާ ގުޅިގެން، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހާ މަސައްކަތްތައް ބަލަހައްޓަވާ، ވިލަރެސް ކުރައްވާނީ ހޫދެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ބަދަލު ގެންނަވާފައި ވަނީ، ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން ގެންދެވި ހަސަން އިސްމާއީލް، އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މީޑިއާއާ ވަރަށް ގާތް ކަމެއް ބޭއްވި ހަސަން އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އިއްުޔެ އެވެ. އިސްތިއުފާ ދެއްވައި އޭނާ ވިދާޅުވީ ސަރުކާރު ހިދުމަތުން އޭނާ ދުރަށް ވަޑައިގަންވަނީ އަމިއްލަ މަސައްކަތް ކުރެއްވުމަށް ވަގުތު ދެއްވަން ކަމަށެވެ. ހަސަނަކީ ސަރުކާރުގެ ނުފޫޒު ގަދަ ވަޒީރެއް ކަމަށްވާ އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ އެއްބަންޑު އެއްބަފާ ބޭފުޅެކެވެ.

ކޮމިއުނިކޭޝަންގެ ވެރިޔަކަށް އަލަށް ވަޑައިގެންނެވި ހޫދަކީ އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެކަމަކު ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ގޮތުގައި މީޑިއާ އާއި ނޫސްވެރިންނާ އޮތް ގުޅުން ފެނުނީ ވަރަށް ކުޑަކޮށް އަދި ރަހުމަތްތެރި ނޫން ބޭފުޅެއްގެ ގޮތުގަ އެވެ.

މި ހާރު ރައީސް އޮފީހުގެ ތަރުޖަމާނަކީ އެންމެން ދެކެފަރިތަވެފައިވާ މަބްރޫކް އަޒީޒެވެ. މީޑިއާ ގާތް ގުޅުމެއް އުފައްދަން އާ ވިސްނުންތަކެއް އާ ތަރުޖަމާނު ގެންގުޅުއްވަ އެވެ.