އާ އަހަރުގެ ބަންދާ ދިމާކޮށް ޗުއްޓީ ހޭދަ ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ސްރީ ލަންކާއަށް ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ ރައީސް މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ އަމިއްލަފުޅު ދަތުރުފުޅެއްގެ ގޮތުގައި ހަތަރު ދުވަހަށް ކަމަށެވެ. ޗުއްޓީ ނިންމާލެއްވުމަށް ފަހު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު އެވެ.
އާ އަހަރުގެ ބަންދާ ދިމާކޮށް ރައީސް ލަންކާއަށް ވަޑައިގަންނަވާއިރު، އެމަނިކުފާނުގެ އާއިލީ ބައެއް ބޭފުޅުން އެ ގައުމުގައި ދިރިއުޅުއްވަ އެވެ. އެ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ވެސް ރައީސް ވަނީ އަމިއްލަފުޅު ކަމެއްގައި ލަންކާއަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ.