ކުޅިވަރު

ހާލޭންޑްގެ ޓްރާންސްފާގައި ކުރި ހޯދީ ޑޯޓަމުންޑް

ޔޫރަޕްގެ ބޮޑެތި ކުލަބުތަކާ ގުޅުވައި ޓްރާންސްފާގެ ޚަބަރުތައް ފެތުރުނު ނޯވޭގޭ އާލިންގް ހާލޭންޑްގެ ޓްރާންސްފާގައި ބްރޫޝިއޯ ޑޯޓަމުންޑުން ކާމިޔާބު ހޯދައިފި އެވެ.

ޖަރުމަންގެ ރެޑްބުލް ސަލްޒްބާގަށް ކުޅެމުން ދިޔަ ހާލޭންޑްގެ ޓްރާންސްފާއަށް ޑޯޓަމުންޑުން ވަނީ 22.5 މިލިއަން ޔޫރޯ ހޭދަ ކޮށްފަ އެވެ. ހާލޭންޑްގެ އެންޖެންޓް މިނޯ ރިއޯލާއަށް ވެސް 10 މިލިއަން ޔޫރޯ ލިބުނެވެ.

އުމުރުން 19 އަހަރުގެ ކުޅުންތެރިޔާއަކީ، ފުރާވަރު އުމުރުގެ ކުޅުންތެރިންގެ ތެރެއިން ޔޫރަޕްގައި އެންމެ ބޮޑަށް މި ސީޒަންގައި ވިދަމުން އަންނަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޑޯޓަމުންޑާއެކު 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން ހަދާފަ އެވެ. އެހެން ކުލަބަކަށް އޭނާ ވިއްކާލަން ޑޯޓަމުންޑުން އެއްބަސް ވެއްޖެނަމަ އެ ޓްރާންސްފާގެ ފީއިން ބައެއް ސަލްޒްބާގަށް ލިިބިގެން ދާނެ އެވެ.

ހާލޭންޑް އާ ގުޅުވައި އެންމެ ބޮޑަށް ވާހަކަ ފެތުރުނީ މެންޗެސްޓާ ޔުނައިޓަޑާ އެވެ. ޔުނައިޓެޑްގެ ކޯޗް ނޯވޭގެ އޮލޭ ގަނާ ސޮލްޝަޔާ ނޯވޭގެ މޯލްޑްގައި ކޯޗް ކޮށްދިން އިރު ހާލޭންޑް ވަނީ އެ ޓީމަށް ކުޅެފަ އެވެ.

ޔުވެންޓަސްއިން ވެސް ހާލޭންޑް ގެންދިއުމަށް ވަނީ މަސައްކަތް ކޮށްފަ އެވެ. އޭގެ އިތުރުން ބާސެލޯނާ، ރެއާލް މެޑްރިޑް، މެންޗެސްޓާ ސިޓީ، ބަޔާން މިޔުނިކް، އެތުލެޓިކޯ މެޑްރިޑް، އަދި އާސެނަލްގެ ސްކައުޓިން ޓީމުން ވެސް ވަނީ ހާލޭންޑްގެ މެޗުތައް ބަލާފަ އެވެ. ޔޫރަޕްގެ 20 ކުލަބުން ހާލޭންޑް ސަލްޒްބާގްގައި ކުޅުނު މެޗުތައް ބަލަން ސްކައުޓުން ފޮނުވާފަ އެވެ.