ކުޅިވަރު

ޖެނޯއާއަށް ސީޒަންގެ ތިންވަނަ ކޯޗް

އިޓަލިއަން ލީގްގެ ޖެނޯއާގެ ކޯޗަކަށް މިދިޔަ ސީޒަންގައި އުޑިނޭޒީގައި މަސައްކަތް ކުރި ޑޭވިޑް ނިކޮލާ ހަމަޖައްސައި ސީޒަންގައި އެ ޓީމަށް ތިން ވަނަ ކޯޗް ހަމަޖައްސައިފި އެވެ.

އިޓާލިއަން ލީގްގެ 20 ވަނައިގައި މިވަގުތު އޮތް ޓީމުން ސީޒަން ފެށީ އައުރޭލިއޯ އެންޑްރެއަޒްޒޯލީ އާއެކު އެވެ. ޓީމުގެ ކޯޗް ކަމުން އޭނާ ވަކި ކުރީ އޮކްޓޯބަރު 22 ގަ އެވެ. އެ މުއްދަތުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވިރު ދެ މެޗުން މޮޅުވެ، ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

އޭނާ އަށް ފަހު އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ކުރިން ބާސެލޯނާ، އެތުލެޓިކޯ މެޑްރިޑް އަދި އިންޓަ މިލާންއަށްވެސް ކުޅުނު ތިއާގޯ މޮޓާ އެވެ. މޮޓާގެ ކޯޗް ކަމުގައި ފަސް މެޗުން ބަލިވެ ތިން މެޗުން އެއްވަރުވީއރު މޮޅުވީ ދެ މެޗުންނެވެ.

އޭނާ ކޯޗް ކަމުން ވަކި ކުރީ މިދިޔަ ހަފުތާގަ އެވެ. އޭގެ ފަހުން ނިކޮލާ ހަމަޖައްސައި އޭނާ އާއެކު ކޮންޓްރެކްޓް ހެދީ ހަ މަސް ދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް ކުލަބުން ބޭނުން ވެއްޖެނަމަ އެއްބަސްވުން އިތުރު ކުރުމުގެ ފުރުސަތު އޮންނަ ގޮތަށެވެ.

ނިކޮލާ ހަމަޖެއްސުމުގެ ކުރިން ޖެނޯއާއިން ވަނީ، މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެ ޓީމަށް ކޯޗް ކޯށްދިން ޑޭވިޑް ބަލާޑީނީ ގެންނަން މަސައްކަތް ކޮށްފަ އެވެ. އޭނާއަށް ކުލަބުން ހުށަހެޅި ނަމަވެސް ހަތަރު ވަނަ ފަހަރަށް އޭނާ އެނބުރި އަންނަން ދެކޮޅު ހެދީ، އޮކްޓޯބަރު 2018 ގައި އޭނާ ކޯޗް ކަމުން ވަކިކުރިއިރު، ކުލަބުގެ ރައީސް ޕެރެޒިއޯސީގެ ބަސް މަގު އޭނާއާ މެދު ބޭނުންކޮށްފައި ހުރި ގޮތުން އެކަމާ މާފަށް އެދިފައި ނުވާތީ އެވެ.

ޕެނަރޯލްގެ ކުރީގެ ކޯޗް ޑިއޭގޯ ލޯޕޭޒްވެސް ހުރީ ޖެނޯއާ އަށް އަންނަ ގޮތަށެވެ. އެހެންނަމަވެސް އޭނާ ގެންނާކަށް، ކުލަބު ރައީސް ޕެރެޒިއޯސީ ބޭނުމެއް ނުވެ އެވެ.