ކުލަބު ރެލިގޭޓް ވެދާނެ ކަމަށް ބިރު ހީވުމުން، ޓީމު ސަލާމަތް ކުރުމަށް އަނެއްކާވެސް ޑޭވިޑް މޮއިސް އާ ވެސްޓްހަމް ހަވާލު ކޮށްފި އެވެ.
މޮއިސް، ވަނީ 2017/2018 އިގެ ސީޒަންގައިވެސް ވެސްޓްހަމް އާ ސީޒަންގެ މެދުތެރެއިން ހަވާލުވެ ޓީމު ރެލިގޭޓް ނުވެ ސަލާމަތް ކޮށްދީފަ އެވެ. އެއީ އޭރު ކޯޗަކަށް ހުރި ކޮރޮއޭޝިއާ ސްލަވިއަން ބްލިޗް ވަކި ކުރުމަށް ފަހު އެވެ.
ޓީމު ރެލިގޭޝަނުން ސަލާމަތް ކޮށްދިންނަމަވެސް، ދާއިމީ ކޮންޓްރެކްޓެއް ވެސްޓްހަމްއިން އެފަހަރު މޮއިސް އަށް ނުދެ އެވެ. އެ ޓީމުގެ ކޯޗަކަށް ގެނައީ ކުރިން މެންޗެސްޓާ ސިޓީގައި މަސައްކަތް ކުރި މެނައުލް ޕްލެގްރިނީ އެވެ. ޖެހިޖެހިގެން ހޯމް ސްޓޭޑިއަމްގައި ކުޅުނު ފަސް މެޗުން ބަލިވުމުން ހޮނިހިރު ދުވަހު ވެސްޓްހަމްއިން ވަނީ ޕްލެގްރިނީ މަގާމުން ވަކި ކޮށްފަ އެވެ.
އަލުން މޮއިސް ގެނައީ 18 މަސް ދުވަހަށް ހެދި އެއްބަސްވުމުގެ ދަށުންނެވެ. މާނައަކީ އަންނަ ސީޒަންގެ ނިޔަލަށް މޮއިސް އެ ޓީމުގައި މަޑު ކުރުމެވެ.
"އަހަންނަށް އިހްސާސް ކުރެވެނީ އެނބުރި ގެއަށް އައުން ފަދަ ކަމެއްގެ ގޮތުގައި." ވެސްޓްހަމް އަށް އެނބުރި ދިއުމަށް ފަހު މޮއިސް ބުނެފައި ވެއެވެ. އޭނާ ވަނީ ކުރިން އެވަޓަންގައިވެސް މަސައްކަތް ކޮށްފަ އެވެ. އެލެކްސް ފާގަސަން ޔުނައިޓަޑުން ވަކި ވުމުން އެ ކުލަބުންވެސް އެންމެ ފުރަތަމަ ކޯޗަކަށް ހަމަޖެއްސީވެސް މޮއިސް އެވެ.