ބޮލީވުޑް

ބޮލީވުޑް ތަރިންގެ މެދުގައި ދެކޮޅުވެރިކަމެއް ނޯވޭ: ބޫމީ

ބޫމީ ޕެޑްނޭކަރް ގިނައިން ކުޅެނީ ދެ ބަތަލާއިން އުޅޭ ފިލްމުތަކެވެ. މިއީ އޭނާގެ ހުނަރާއި ކުޅަދާނަކަމާ މެދު އިތުބާރު އޮތުމާއެކު އެހެން ބަތަލާއިންނާ އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ނުވަތަ ހަސަދަވެރިކަމެއް ނޯންނަކަން ޔަގީންވާ ކަމެކެވެ.

އެއް މަސައްކަތެއް ކުރާ އަދި އެއް ފިލްމުތަކެއް ވާދަ ކޮށްގެން ހޯދާ ބަޔަކަށް ވާތީ ހުރިހާ އެކްޓަރުންގެ މެދުގައި ވެސް ބުޅަލުގެ އަރާރުން އޮންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި ބޮލީވުޑް ބަތަލާއިން އެކަކު އަނެކަކާ ވާހަކަ ދައްކާ ނޫޅުމުގެ އިތުރުން ދިމާވިޔަސް ސަލާން ވެސް ކޮށް ނުލާ ކަމަށް ވާހަކަ ދެކެވެ އެވެ. މިކަމާ މެދު ބޫމީގެ ވިސްނުން ވަރަށް ތަފާތެވެ.

ބޫމީ ބުނީ އޭނާއަށް އެއްގޮތަކަށް ވެސް އެ މައްސަލަ ކުރިމަތި ނުވާ ކަމަށެވެ. "ސާންޑް ކީ އާންކް" ގައި ބޫމީ އާއެކު ތާޕްސީ ޕަންނޫ ބައިވެރިވި އެވެ. އަދި "ޕަތީ ޕަތުނީ އައުރް ވޯ" ގައި ބޫމީ އާއެކު އަނަންޔާ ޕާންޑޭ މުހިއްމު ބައެއް ކުޅެފައި ވެއެވެ. އަދި ޔަމީ ގޯތަމް އާއެކު ވެސް ބޫމީ ވަނީ ފިލްމެއް ކުޅެފަ އެވެ. މި ހުރިހާ ބަތަލާއިންނާއެކު މަސައްކަތް ކުރުމުގައި ބޫމީ އަށް ކުރެވިފައިވާ ތަޖުރިބާ އަޖައިބެއްހާ ރަނގަޅެވެ.

ބޫމީ ބުނީ ބަތަލާއިންގެ އަރާރުމާ ބެހޭ ވާހަކަތައް ދައްކަން ފެށީ ފިރިހެން އެކްޓަރުންނެވެ. ބޫމީ ބުނި ގޮތުގައި އޭނާ އާއި ހުރިހާ ބަތަލާއިންނާ ވެސް ވަރަށް ރަނގަޅު ގުޅުމެއް އޮވެ އެވެ.

ޕްރޮފެޝަނަލް ގޮތުން ބަލާއިރު 2019 އަކީ ބޫމީ އަށް ކާމިޔާބު އަހަރެކެވެ. އަދި މިހާރު ކުޅެމުންދާ ވަރަށް އުންމީދީ ފިލްމުތަކެއް ވެސް ބޫމީގެ އެބަހުއްޓެވެ. އޭގެ ތެރޭގައި "ދުރްގާދޭވީ ބޫތު: ދަ ހޯންޓަޑް ޝިޕް ޕާޓް ވަން"، ކަރަން ޖޯހަރްގެ "ތަޚްތު" އަދި ޑައިރެކްޓަރު އަލަންކްރީތާ ޝްރިވާސްތަވާގެ "ޑޯލީ ކިޓީ އައުރް ވޯ ޗަމަކްތޭ ސިތޭރޭ،" ހިމެނެ އެވެ.