ހަބަރު

"ވަސީލަތްހުރެ ތަރައްގީ ނުގެނެވެނީ ނާގާބިލުކަމުން"

ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ ވަސީލަތްތައް ހުރި ނަމަވެސް، އެ ވަސީލަތްތައް ބޭނުން ކޮށްގެން ރާއްޖެ ތަރައްގީ ނުކުރެވުމަކީ މި ސަރުކާރުގެ ނާގާބިލުކަން ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މާވަށުގައި ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން ރޭ ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމުގެ ރިކޯޑް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަތްފުޅުގައި އޮތުމުން މި ސަރުކާރުގެ ބޭފުޅުން ހިތަށް ކެތް ނުވިޔަސް ކުރެވޭނެ އެހެން ކަމެއް ނޯންނާނެ ކަމަށެވެ. އަދި ގައުމު ތަރައްގީ ކުރަން ބޭނުންވާ ވަސީލަތް މި ސަރުކާރަށް ލިބިފައިވީ ނަމަވެސް، އެ ވަސީލަތްތަކުގެ ބޭނުން ހިފަން އެނގޭވަރުގެ ގާބިލުކަން ނެތް ކަމަށެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވީ ވަރަށް ސާބިތު ކަމާއެކުގައި ކަމަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ އެމަނިކުފާނުގެ ސާބިތުކަން ގުޅިފައިވަނީ ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕަށް އޮތް އިތުބާރާ އާންމު މެމްބަރުންގެ ސާބިތު ކަމުގެ މައްޗަށް ކަމަށެވެ.

އެނާ އަދި ވިދާޅުވީ 2023 ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ ކަރުދާސް ކޮޅުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމަށެވެ.