ލައިފްސްޓައިލް

ފިންލެންޑްގެ މިނިސްޓަރުންނާއި ނޭޕާލްގެ ޓިކްޓޮކް ތަރިން އޮޅިއްޖެ

ވަރަށް ފަހުން ސޯޝަލް މީޑިއާގައި ދައުރުވި ވަރަށް ރީތި ޒުވާން ހަތަރު އަންހެނެއްގެ ފޮޓޯއަކީ ފިންލެންޑްގައި އަލަށް ހުވާ ކުރި ކެބިނެޓުގައި ހިމެނޭ ހަތަރު މިނިސްޓަރެއްގެ ފޮޓޯ ކަމަށް ހިތާ ބަޔަކަށް އޮޅުން އަރައިގެން ވަރަށް މަޖާ ހާދިސާއެއް ހިނގައިފި އެވެ.

ފޭސްބުކް އާއި ޓުވިޓާގައި ވައިރަލްވީ މި ފޮޓޯގައިވާ ކެޕްޝަންގައި ލިޔެފައިވަނީ މިއީ ފިންލެންޑްގެ އާ ކެބިނެޓަށް ހޮވުނު ހަތަރު މިނިސްޓަރުން ކަމަށެވެ. އެއާއެކު ގިނަ ބަޔަކަށް މި އޮޅުން އަރައިގެން އެ ފޮޓޯތައް ޝެއާކޮށް ރިޓުވީޓްކޮށް ހަދަން ފެށި އެވެ.

ފޮޓޯގެ ކެޕްޝަންގައި ބުނެފައިވަނީ ވާތުން ކަނާތަށް ފުރަތަމަ ހުރީ އެޑިޔުކޭޝަން މިނިސްޓަރު ލީ އެންޑަސަން، 32، ކަމަށެވެ. ދެ ވަނަ އަށް ހުރީ ފިނޭންސް މިނިސްޓަރު ކަޓްރީ ކުލްމުނީ، 32، ކަމަށާއި ތިން ވަނަ އަށް ހުރީ ޕްރައިމް މިނިސްޓަރު ސަންނާ މަރިން، 34، ކަމަށެވެ. އަދި ހަތަރު ވަނަޔަށް ހުރީ އިންޓާނަލް އެފެއާޒް މިނިސްޓަރު މާރިއާ އޮހިސަލޯ، 34، ކަމަށެވެ.

ނަމަވެސް ހަގީގަތުގައި މިއީ ފިންލެންޑްގެ މިނިސްޓަރުންނެއް ނޫނެވެ. އިންޑިއާގެ ނޫހަކުން ބުނެފައިވާ ގޮތުގައި ވައިރަލްވީ ފޮޓޯގައި ތިބީ ނޭޕާލްގެ ޓިކްޓޮކް ތަރިން ތަކެކެވެ. މި ހަތަރު މީހުންގެ ތެރެއިން ދެ މީހުންނަކީ ޓިކްޓޮކް ވީޑިއޯތަކުން ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެއްމާބަނޑު ދެބެން ކަމަށްވާ ޕްރިންސީ ކަތިވާދާ އާއި ޕްރިސްމާ ކަތިވާދާ އެވެ.

މި އޮޅުން އަރައިގެން ސޯޝަލް މީޑިއާ ހަލަބޮލިވެގެން އުޅެނިކޮށް ފިންލެންޑްގެ ޑިޕްލޮމެޓަކަށް މި ފޮޓޯ ފެނިގެން އޭނާ މިކަމާ ގުޅޭގޮތުން ކުރި ޓުވީޓެއްގައި ފޮޓޯގައި ތިބީ ފިންލެންޑްގެ މިނިސްޓަރުން ނޫންކަން ޔަގީންކޮށްދީފަ އެވެ. އަދި އޭނާ ވަނީ ފިންލެންޑްގެ އެ ބުނާ ހަތަރު މިނިސްޓަރުންގެ ފޮޓޮއެއް ވެސް ޓުވިޓާގައި ޝެއާ ކޮށްފަ އެވެ.