ކުޅިވަރު

ބެންޒެމާގެ އެއްބަސްވުމަށް އަހަރެއް އިތުރު ކޮށްފި

ރެއާލް މެޑްރިޑާއެކު ކަރީމް ބެންޒެމާ ހަދާފައިވާ އެއްބަސްވުމަށް އެއް އަހަރު އިތުރުކޮށް އެ ކުލަބުގެ އެއްބަސްވުން އޭނާ އާ ކޮށްފި އެވެ.

ބެންޒެމާ ކުރިން ހެދި އެއްބަސްވުން ނިމެނޭނީ 2021 ވަނަ އަހަރު އެވެ. އެއްބަސްވުން އާ ކުރުމުން މިހާރުގެ އެއްބަސްވުމުގެ މުއްދަތު ހަމަ ވާނީ 2022 ވަނަ އަހަރު އެވެ. އާ އެއްބަސްވުމުގައި އާ ކަންތައްތަކެއް ހިމަނާފައި ވެއެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް މާކާ އިން ބުނީ، ކޮންޓްރެކްޓަށް އެންމެ އަހަރެއް އިތުރު ކުރަން ބޭނުންވީ ބެންޒެމާގެ ފަރާތުން ކަމަށާއި އެއީ އޭނާ ބޭނުން ވަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން ކުރިއަށް ދާން ކަމަށެވެ. ފްރާންސްގެ އޮލިމްޕިކް ލިޔޯންއިން 2009 ވަނަ އަހަރު ރެއާލް އަށް ބަދަލުވި ބެންޒެމާ ވަނީ މި ދިހަ އަހަރު ތެރޭ ރެއާލް މެޑްރިޑާއެކު 17 ތަށި ހޯދާފަ އެވެ.

މި ސީޒަންގައި ސްޕެނިޝް ލީގްގެ ލަނޑު ލިސްޓްގައި ބާސާގެ ކެޕްޓަން ލިއޮނަލް މެސީގެ ފަހަތުން ދެ ވަނައިގައި އޮތީ ބެންޒެމާ އެވެ. މެސީ 13 ލަނޑު ޖެހިއިރު ބެންޒެމާ ވަނީ 12 ލަނޑު ޖަހާފަ އެވެ. މި ސީޒަންގައި މިހާތަނަށް އޭނާ ވަނީ 23 މެޗުން 16 ލަނޑު ޖަހާފަ އެވެ.

ރެއާލް އަށް ކުޅުނު 500 މެޗުގައި އޭނާ ވަނީ 238 ލަނޑު ޖާހަފަ އެވެ. ރެއާލްގައި 10 އަހަރު ހޭދަ ކުރިއިރު އޭނާ ރިޓަޔާ ކުރަން ވެސް ބޭނުން ވަނީ އެ ކުލަބުގަ އެވެ.