ބޮލީވުޑް

މިއަހަރު އެންމެ ބޮޑު ފައިދާއެއް ހޯދި ފިލްމުތައް

މި ފާއިތުވެގެންދާ އަހަރު ބޮލީވުޑްގައި ބައެއް ފިލްމުތައް ވަނީ ހީނުކުރާ ވަރުގެ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. އަދި ވަރަށް މޮޅު، ފެންވަރު ރަނގަޅު ފިލްމުތައް ފްލޮޕް ވެސް ވެފައި ވެއެވެ. ކްރިޓިކްސް އަށް ކިތަންމެ ކަމުދިޔަސް ހަގީގީ ނަތީޖާ ނެރެވޭނީ ބެލުންތެރިންނަށް ފިލްމު ކަމުދިޔައިމަ ކަން މިކަމުން ވެސް ވަނީ ހާމަވެފަ އެވެ.

އަހަރުގެ އެންމެ ކާމިޔާބު ފިލްމަކީ ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ "ވޯ" ކަމާ މެދު ޝައްކެއް ކުރާނެ ތަނެއް ވެސް ނެތެވެ. މި ފިލްމަށް ބްލޮކްބަސްޓާއެއްގެ ދަރަޖަ ލިބިފައިވާއިރު ބޮކްސް އޮފީހުގައި ފިލްމު ވަނީ 474.79 ކްރޯޑު ރުޕީސް ހޯދާފަ އެވެ. ސިދާރްތު އާނަންދް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ފެނިގެން ދިޔައީ އިންޑިއާގެ އާމީ އޮފިސަރުންތަކެއް އެމީހުންގެ ގައުމުގެ ދިފާއުގައި ކުރާ ހަނގުރާމަ އެވެ.

ދެ ވަނަ އަށް އެންމެ ރަނގަޅު އަދަދެއް ހޯދީ ޕްރަބާސް އާއި ޝްރައްދާ ކަޕޫރުގެ "ސާހޯ" އެވެ. އެ ފިލްމަށް 439 ކްރޯޑު ލިބިފައި ވެއެވެ. ސުޖީތު ރެޑީ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ހިންދީ، ތަމަޅަ، ތެލުގޫ އަދި މަލަޔާލަމް ބަހުން އުފައްދާފައި ވެއެވެ. "ސާހޯ" އަށް ކްރިޓިކްސް ވަރަށް ބޮޑަށް ފާޑުކިޔާފައި ވެއެވެ. ނަމަވެސް ބެލުންތެރިންނަކަށް ފާޑުކިޔާ މީހުންގެ އަޑެއް ނީވުނެވެ. އެތައް ހަފުތާއެއް ވަންދެން ފިލްމުގެ ހައުސްފުލް ޝޯތައް ސިނަމާތަކުގައި ދައްކާފައި ވެއެވެ.

ތިން ވަނަ އަށް އޮތީ "ކަބީރް ސިންގް" އެވެ. ޝާހިދު ކަޕޫރާއި ކިއާރާ އަދުވާނީގެ މި ފިލްމުގައި ފިރިހެނެއްގެ ހަރުކަށިކަމާއި އަންހެނަކަށް ކުރި އަނިޔާތައް ދައްކާތީ ވަރަށް ގިނަ ބަޔަކު ހިތްހަމަ ނުޖެހިގެން އުޅުނު ނަމަވެސް ޝާހިދާއި ކިއާރާގެ ފޭނުން ވަނީ މި ދެ ތަރިން ދެކެ އެމީހުން ވާ ލޯބި ވަރަށް ރަނގަޅަށް ހާމަކޮށްދީފަ އެވެ. ފިލްމަށް ބޮކްސް އޮފީހުގައި 379.02 ކްރޯޑު ލިބި މިއީ މިއަހަރުގެ އެންމެ ވިޔަފާރި ރަނގަޅު ތިން ވަނަ ފިލްމުގެ ދަރަޖަ ވަނީ ލިބިފަ އެވެ.

ވިކީ ކޯޝަލްގެ "އުރީ-ދަ ސާޖިކަލް ސްޓްރައިކް" އަކީ ވެސް މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ ވަރަށް ކުރިން ޖާގަ ހޯދާފައިވާ ފިލްމެކެވެ. މިފިލްމުގައި ވިކީ ކުޅެފައިވާ މޭޖާ ވިހާން ސިންގް ޝާގިލްގެ ރޯލަށް އޭނާއަށް ވަނީ އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑު ވެސް ލިބިފަ އެވެ. ޔަމީ ގޯތަމް، މޯހިތު ރައިނާ، ޕަރޭޝް ރާވަލް، ކީރްތީ ކުލްހާރީ ފަދަ ތަރިން ހިމެނޭ މި ފިލްމަށް 359.73 ކްރޯޑު ލިބިފައި ވެއެވެ.

ސަލްމާން ޚާންގެ "ބާރަތު" އަކީ ވެސް 2019 ގެ އެންމެ ކާމިޔާބު ފިލްމުތަކުގައި ލިސްޓުގައި ހިމެނޭ ފިލްމެކެވެ. ޖޫން 2019 ގައި ފިލްމު ރިލީޒް ކުރިއިރު ފުރަތަމަ ދުވަހު އެކަނިވެސް 42.3 ކްރޯޑު ލިބުނެވެ. އަލީ އައްބާސް ޒަފަރް ޑައިރެކްޓް ކޮށްފައިވާ މިފިލްމުގައި ކެޓުރީނާ ކައިފް އާއި ސުނިލް ގްރޯވަރު މުހިއްމު ބައިތަކެއް ވަނީ ކުޅެފަ އެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ ކުޑަ އީދާ ދިމާކޮށް ކަމަށް ވާތީ ސަލްމާންގެ ފޭނުން ގިނަ އަދަދަކަށް ސިނަމާ ހޯލުތަކަށް ފިލްމު ބަލަންޖަމާވި އެވެ. ނަތީޖާއެއްގެ ގޮތުން ފިލްމަށް 325.58 ކްރޯޑު ވަނީ ލިބިފަ އެވެ.

މި ލިސްޓުން ދެން ޖާގަ ލިބިފައިވަނީ އަކްޝޭ ކުމާރުގެ "ހައުސްފުލް 4" އަށެވެ. ފަހަދް ސަމްޖީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް ފާޑުކިޔުންތެރިންގެ ފާޑުކިއުން ވަރަށް ބޮޑަށް ކުރިމަތިވި އެވެ. ނަމަވެސް ރިވިއުތައް ކިތަންމެ ނެގެޓިވް އަސް އަކްޝޭ ފޭނުން ފިލްމު ބަލަން ދާކަށް ފަހެއް ނުޖެހުނެވެ. މި ފިލްމަށް ޖުމްލަ 296 ކްރޯޑު ލިބިފައި ވެއެވެ. އަކްޝޭގެ އިތުރުން ފިލްމުގައި ބައިވެރިވެފައިވާ ތަރިންގެ ތެރޭގައި ބޮބީ ޑެއޯލް، ރިތޭޝް ދޭޝްމުކް، ކްރީތީ ސެނޮން، ކްރީތީ ކަރްބަންޑާ އަދި ޕޫޖާ ހެގްޅޭ ހިމެނެ އެވެ.

ދެން ވެސް މި ލިސްޓުގައި ހިމެނެނީ އަކްޝޭ ކުމާރުގެ ފިލްމެކެވެ. އެއީ "މިޝަން މަންގަލް" އެވެ. އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން، އިސްރޯގެ މާސް އޯބިޓާ މިޝަން އާ ގުޅޭ ގޮތުން ތައްޔާރު ކޮށްފައިވާ މި ފިލްމުގައި ބަތަލާއިންގެ ގޮތުގައި ވިދްޔާ ބާލަން އާއި ތާޕްސީ ޕަންނޫ އަދި ސޮނާކްޝީ ސިންހާ ބައިވެރި ވެފައި ވެއެވެ. މި ފިލްމަށް ވަނީ ޖުމްލަ 290.02 ކްރޯޑު ލިބިފަ އެވެ.

ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ "ގަލީ ބޯއީ" އަކީ ވެސް 2019 ގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. މިއީ މުރާދް އަހްމަދު ކިޔާ ރެޕާ އެއްގެ ވާހަކަ ފެނިގެން ދާ ފިލްމެކެވެ. މި ފިލްމުގައި އާލިއާ އާއި ރަންވީރުގެ އިތުރުން ސިދާންތު ޗަތުރަވޭދީ އާއި ވިޖޭ ރާޒް އަދި ކަލްކީ ކޯޗްލީން ބައިވެރިވެ އެވެ. ފިލްމަށް ފާޑުކިޔުންތެރިން ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާއިރު ބެލުންތެރިންނަށް ވެސް އެހާ ކަމުދިޔަ އެވެ. މިއީ އިންޑިއާ އިން އޮސްކާ ނޮމިނޭޝަނަށް ވެސް ފޮނުވި ފިލްމެވެ. ނަމަވެސް އޮސްކާ އަށް ނޮމިނޭޓްނުވެ ފިލްމު ވަނީ މި ރޭހުން ކަޓާފަ އެވެ. ފިލްމަށް ޖުމްލަ 238.16 ކްރޯޑު ލިބިފައި ވެއެވެ.

އަޖޭ ދޭވްގަން އާއި އަނިލް ކަޕޫރު އަދި މާދުރީ ޑިކްޝިޓްގެ "ޓޯޓަލް ދަމާލް" ވެސް ވެފައިވަނީ 2019 ގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގަ އެވެ. ފިލްމުގެ ރިވިއުތައް ކިތަންމެ ނެގެޓިވް ނަމަވެސް ފޭނުންނަށް މި ފިލްމަކީ ވަރަށް ބަލާހިތްވާ މަޖާ ފިލްމަކަށް ވިއެވެ. ނަތީޖާއެއްގެ ގޮތުން ފިލްމަށް ވަނީ 232.18 ކްރޯޑު ލިބިފަ އެވެ.

މި ލިސްޓުގެ އެންމެ ފަހު ނަމަކަށް އޮތީ "ޗިޗޯރޭ" އެވެ. ސުޝާންތު ސިންގް ރާޖްޕޫތާއި ޝްރައްދާ ކަޕޫރުގެ މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ނިތޭޝް ތިވާރީ އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި 212.67 ކްރޯޑު ވަނީ ލިބިފަ އެވެ.