ކުޅިވަރު

ކުލަބު ވިއްކާލަން ރޯމާއިން މަސައްކަތް ކުރަނީ

އިޓާލިއަން ލީގްގެ އޭއެސް ރޯމާ ވިއްކާލަން އެކުލަބުން އެމެރިކާގެ މަހުޖަނެއް ކަމަށްވާ ޑެން ފްރައިކްޑިން އާ މަޝްވަރާ ކުރަން ފަށައިފި އެވެ.

ކުލަބުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ ފްރައިކްޑިން ގުރޫޕުން ނީޕް ރޯމާ ހޯލްޑިން ސްޕާ އާއި އެ ކުންފުނި ދަށުގައިވާ ސަބްސިޑަރީ ޕްރޮޑަކްޓްތައް ގަތުމާ މެދު މަޝްވަރާ ކުރަމުން ދާ ކަމަށާއި ސަބްސިޑަރީ ޕްރޮޑަކްޓްތަކުގެ ތެރޭގައި އޭއެސް ރޯމާ ވެސް ހިމެނޭ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ ފްރައިކްޑިން ވަނީ ކުލަބުގެ މެޖޯރިޓީ ހިއްސާ ގަތުމަށް ކުލަބުގެ މިހާރުގެ މެޖޯރިޓީ ހިއްސާދާރު އެމެރިކާގެ ޖޭމްސް ޕަލޯޓާ އާއެކު އެއް އެއްބަސް ވެފަ އެވެ. އެ މުއާމަލާތުގެ އަގު 872 މިލިއަން އެމެރިލާ ޑޮލަރަށް އަރާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

އެހެންނަމަވެސް ކުލަބުން ބުނެފައި ވަނީ މިހާތަނަށް އެއްވެސް ކަމެއް ފައިނަލު ވެފައި ނުވާ ކަމަށެވެ.

ފްރައިޑްކިން އަކީ އެމެރިކާއަށް ވެހިކަލް ޑިސްޓްރަބިޔުޓް ކުރާ ގަލްފް ސްޓޭޓްސް ޓޮޔާޓާގެ އޯނަރެވެ. އަދި އޭނާއަކީ އެންޓަޓައިމެންޓް އިންޑަސްޓްރީއަށް ވެސް އިންވެސްޓް ކުރާ ވިޔަފާރިވެރި އެކެވެ.

އިޓަލީގެ ނޫސް އެޖެންސީ އޭޖީއައިން ބުނީ، އެއްބަސްވުން ހަމަޖެހުމުން ފްރައިކްޑިންގެ ދަރިފުޅު ރަޔާން އިޓަލީއަށް ބަދަލުވެ ކުލަބު ހިންގުމުގެ މަސައްކަތްތަކުގައި ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ފްރައިކްޑިންގެ ގުރޫޕުން މެޖޯރިޓީ ހިއްސާ ގަތް ނަމަވެސް މައިނޯރިޓީ ހިއްސާދާރެއްގެ ގޮތުގައި ޖޭމްސް ޕަލޯޓާ ހުންނަވާނެ އެވެ.

އިޓަލީިގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ރޯމާއަށް 2001 ގެ ފަހުން ލީގް ހޯދިފައެއް ނުވެ އެވެ. އެ ޓީމު މިވަގުތު އޮތީ ލީގްގެ ހަތަރު ވަނައިގަ އެވެ. އެ ސިޓީއަށް ނިސްބަތްވާ ވާދަވެރި ކުލަބު ލޯޒިއޯ އޮތީ ތިން ވަނައިގަ އެވެ.