އެފްސީ ބާސެލޯނާގެ ކޯޗް ކަމުގައި އެރުނަސްޓޭ ވަލްވެރުޑޭ ހުންނަން ބާސެލޯނާގެ 80 ޕަސަންޓް މެންބަރުން ބޭނުން ނުވާކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ސްޕެއިންގެ މުންޑޯ ޑިޕޯޓިވޯ ނޫހުން ހެދި ތަފީސީލީ ޕޯލްގައި ބުނެފައ ވަނީ މި ސީޒަންގެ ފަހުން ވަލްވަރުޑޭ ބާސާގައި ދެމިހުންނަނަށް ކުލަބުގެ މެންބަރުންގެ 80 ޕަސަންޓް ބޭނުން ނުވާ ކަމަށެވެ.
ގިނަ މެންބަރުން އެންމެ ހިތްހަމަ ނުޖެހުނީ ވަލްވެރުޑޭގެ ދެ އަހަރުގައި ޗެމްޕިއަންސް ލީގް ހޯދުމުގައި ނާކާމިޔާބު ވެފައި ވުމެވެ. ފުރަތަމަ އަހަރު ކުއާޓާ ފައިނަލުގައި އެ ޓީމު ބަލިވީ ރޯމާ އަތުން ދެ ވަނަ ލެގްގަ އެވެ. މިދިޔަ ސީޒަންގައި ސެމީ ފައިނަލުގައި ލިވަޕޫލް އަތުން ބަލިވީ ވެސް ދެ ވަނަ ލެގްގަ އެވެ.
މީގެ ހަފުތާއެއް ކުރިން، ސްޕެނިޝް ލީގް މި ސީޒަންގައި ދެ ބައިވީއރު ބާސާއިން ވަނީ ލީގްގެ އެއް ވަނައިގައި ލިޑް ނަގާފަ އެވެ. ބާސާއިން ކުރިން ދެމެހެއްޓި ގޭމް ކޮންޓްރޯލް ކުރުމުގެ ސްޓައިލް އެ ޓީމު އަތުން ގެއްލިފައި ވުމަކީވެސް ޕޯލްގައި ވޯޓް ދިން މެންބަރުން ހިތްހަމަ ނުޖެހޭ ސަބަބެކެވެ.
ޕޯލްގައި ވޯޓް ދިން މެންބަރުންގެ ތެރެއިން 82 މެންބަރުން ބުނެފައި ވަނީ ވަލްވެރުޑޭގެ ރިޕްލޭސްމެންޓްގެ ގޮތުގައި ބޭނުން ވަނީ ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ކަމަށެވެ. ހޮލެންޑްގެ މިހާރުގެ ކޯޗް ރޮނަލްޑް ކޫމަން ކޯޗަކަށް ގެންނަން 78 ވޯޓް ވަނީ ލިބިފަ އެވެ. ބެލްޖިއަމްގެ މިހާރުގެ ކޯޗް ރޮބާޓޯ މާޓިނޭޒް އަށް 42 މެންބަރުން ވޯޓް ދީފައި ވެއެވެ.