ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

( 29 ޑިސެމްބަރ 2019 އާ ގުޅޭ )

ކަނދުރާއާއި ބޮލުގެ އިސްތަށިގަނޑުފެނި އެއީކާކުކަން ވީރާ ލަފާކޮށްލިއެވެ. ނަމަވެސް ކޮނޑުގައި އޮތް ޖިމް ދަބަސް ރަނގަޅުކޮށްލަމުން ވީރާ ކުރިއަށް ޖެހިލީ ޔަގީންކުރާށެވެ.

"ތުއްތޭ!..." ގޮނޑީގައި އިސްޖަހާލައިގެން ލިއަމް އިން ގޮތުން ކަމެއް ގޯސްވެއްޖެކަން ވީރާ ދެނެގަތެވެ. އޭނާގެ ނަޒަރު އަނެއްކާ ވެސް ސޯފާގައި ތިބި މުހުސިނާއާއި ޝަމާޢިލަށް ހުއްޓުނެވެ.

"މަންމާ!... ކިހިނެއްވީ؟..." ވީރާ އަހާލިއެވެ. އަދި އޭނާ ވެސް އިށީނުމަށް އުޅުނެވެ.

"ވީރާ ދޭ ކޮޓަރިއަށް" މުހުސިނާ ނިކަން އަވަހަށް ބުނެލިއެވެ. ލިބުނު ހައިރާންކަމާއެކު ވެސް މަންމަގެ ބަހަށް ދެކޮޅު ހަދާކަށް ވީރާއަށް ނުކެރުނެވެ. މަޑުމަޑުން ގޮސް އޭނާ ކޮޓަރިއަށް ވަންނަންދެން މީހަކު ބަހެއްނުބުންޏެވެ. އުފެދުނު ޝައުގެއްގެ ބޮޑުކަމުން ކޮޓަރީގެ ދޮރު އެއްކޮށް ލައްޕާނުލައި ދޮރުފަތާ ދޭތެރެއަށް ކަންފަތް ދިއްކޮށްގެން ވީރާ މަޑުކޮށްލީއެވެ.

"އަހަރެމެންމީ ލިއަމްއަށް މުހިންމުބައެއްނޫން ދޯ... ތިބުނީ ތިންމަސްވެއްޖޭ... އަހަރެން އޭނާއާ ބައްދަލުކުރަން އެގެއަށް ދާންނޫޅުނުނަމަ ދެން ވެސް ލިއަމް ނުބުނީސްކަން ޔަގީން" މުހުސިނާއަށް ރުޅި އަންނަންވީކަމެއް ހިތާމަކުރަންވީކަމެއް ނޭނގުނެވެ. އެއްފަހަރާ އެތައް ޖަޒުބާތެއް އޭނާގެ ހިތުގައި އުފެދިފައިވެއެވެ. ދަރިފުޅާމެދު ހިތްހަމަނުޖެހިފައިވެއެވެ. އެހާ މުހިންމު ޚަބަރެއް އެމީހުންގެ ކަންފަތަށް އިވުންލެއް މާބޮޑަށް ވެސް ލަސްވެއްޖެއެވެ.

ޝަމާޢިލްއަކީ އަބަދުވެސް މަޑުމައިތިރި މީހެކެވެ. ބަސްމަދުވެފައި ދަރީންނާ ދިމާލަށް ދުވަހަކުވެސް ބާރަށް ހަރުކަށިކޮށް އެއްޗެއް ނުބުނާނެއެވެ. ނަޞޭޙަތްދޭނީ ލޯތްބާއި އޯގާތެރިކަމާއެކުއެވެ. އޭނާ މުހުސިނާގެ ކޮނޑުގައި ފިރުމާލިއެވެ. އަނބިމީހާގެ ޝުޢޫރުތައް އޭނާއަށް އެނގެއޭ ބުނާ ފަދައިންނެވެ. ހަމައެއާއެކު މުހުސިނާގެ ދުލުން އޭނާ ބުނަން ބޭނުންނުވާ ބަހެއް ދަރިފުޅާ ދިމާއަށް ބޭރުވެދާނޭތީ ވިސްނައިދޭ ފަދައިންނެވެ. ލިއަމްއާ ދިމާއަށް އެއްޗެހި ކިޔުމަކުން ވެދިޔަތަން އަނބުރާ ނުހޯދޭނެއެވެ.

"ކީއްވެތަ ދަރިފުޅާއެކު އުޅެން ހޭޒަލް ބޭނުންނުވާންވީ؟" ޝަމާޢިލް އެއްސެވެ.

"މަންމައާއި ބައްޕަ އޭނާ ހޯދަން ދާނެކަމެއްނެތް، ޕްލީޒް... އަހަރެން ކައިރީ ނާހާ އޭނާ ވަރިއަށް އެދުނީ ކީއްވެތޯ؟ އަހަންނަށް ކިޔައިދެވޭކަށްނެތް، މަންމަ ވެސް ކަންބޮޑުތިވަނީ އޭނައާ މެދު، މަންމަގެ މި ދަރިފުޅާ މެދު ވިސްނާލިންތަ؟... އަހަރެން ބޭނުންވެގެންނެއްނޫނޭ މިބުނަނީ ވަރިކުރީ، މިހާ ދުވަހު އެކުގައި އުޅެފަ އޭނާ އެ ދިޔައީ، އަހަރެން އާދޭސްކުރީމަ ވެސް އެއަޑެއް ނޭހި، އޭނާ ގޮތްދޫނުކުރީމަ އަހަރެން ނުކުރަން ހުއްޓަސް ކޯޓުން ވަރިކޮށްދިނީ، އެމީހުން ވެސް އެކުގައި އުޅޭން ނޭދޭ މީހަކު ނުހިފޭއްޓޭނޭ... އޭނާ ހޯދަން ދާނެކަމެއްނެތް މަންމާ!، އޭނާއާ މިގޭ އެކަކުވެސް ވާހަކަދައްކާނެކަމެއްނެތް، މަންމައަށް މަންމަގެ ދަރި ކަމުނުދިޔަޔަސް، އެމީހުންނަށް އެމީހުންގެ ދަރި ރަނގަޅުވާނީ، އެމީހުން ވެސް ބޭނުމެއްނުވޭ އަހަރެން ޒެއްލު ހޯދަން ދާކަށް، އެމީހުން ވެސް ޒެއްލު އަހަންނަށް ދައްކާކަށް ބޭނުމެއްނުވޭ... އޭނާގެ ދޮންބައްޕަ ބުނީ މިހާރު ޒެއްލުއަކީ އަހަރެންނާ ބެހޭ މީހެއްނޫނޭ" ލިއަމް ހުރިހާ ވާހަކައެއް ދެއްކީ ވެސް އިސްއޮބާލައިގެން އިނދެއެވެ. ނަޒަރު ސީދާކޮށްފިނަމަ މައިންބަފައިންގެ ކުރިމަތީ ފަޟީޙަތްވެދާނޭ ހީވާ ކަހަލައެވެ.

ކޮޓަރީގެ ދޮރުބުޑުގައި ހުރި ވީރާގެ ދެ ލޯ ބޮޑުވިއެވެ. ޒާތެއްގެ ހިންޏެއް އައިސްފަ ހުރެ ހުޅުވުނު އަނގަމަތީ އޭނާއަށް އަތް އަޅާލެވުނެވެ. ލިއަމްއާއި ހޭޒަލް ވަރިވެއްޖެކަމުގެ ޚަބަރުން ސިކުނޑީގައި އެކި ޚިޔާލުތައް ކެކި އުތުރިގަތް ކަހަލައެވެ. ނޫނޭވާ ހޭޒަލްއަކީ ކުރީގައި އުޅޭ އަންހެނެކޭ ވީރާގެ ހިތަށް އެރުމާއެކު ދެފަރާތަށް އޭނާ ބޯހޫރުވާލިއެވެ. ހޭޒަލްގެ މައްޗަށް ވީރާގެ ހިތުގައިވީ ހަސަދައާއި ނަފުރަތެވެ. ދުވަހަކު ރަނގަޅުގޮތެއް އޭނާއަށް ނުވާނޭ ވީރާގެ ހިތުގައިވިއެވެ. ޚިޔާލުތަކުގެ ތެރޭން ވީރާގެ ހިތުވިންދު އަވަސްވެލިއެވެ. ހޭޒަލްގެ މަޤްޞަދަކީ ލިއަމް ގާތުން މިނިވަންވެގެން ސައިފްއާ ގުޅުން ނޫންބާއެވެ. އެ ޚިޔާލާއެކު ވީރާގެ ލޭ ހޫނުވެލިއެވެ.

"ދެން ކޮންމެހެން ތިޔަތަނެއްގައި ކުއްލި ދައްކައިގެން އުޅޭނެކަމެއްނެތް، ގެއަށް އާދޭ... ލިއަމްގެ ކޮޓަރި ހުންނާނީ ހުސްކޮށް، ލިއަމްގެ ކަންކަން އަދިވެސް މަންމައަށް ކޮށްދެވޭނެ، ދެރައީ ކުރީބައިގަ މަންމަމެންނަށް ނޭންގީމަ، އެހެންނޫންނަމައެއްނު މަންމަ ހޭޒަލްއާ ވާހަކަދައްކާނީ ވެސް، ދެމަފިރިން ދޭތެރޭގަ މައްސަލަ ވެސް ޖެހޭނެ، އެކަމަކު ވަރިއާހަމައަށް ދާކަށްނުވާނެއެއްނު، އެކުގައި މިހާ ދުވަހު އުޅެފަ ވަކިވުމަކީ ހައްލެއްކަމުގަ ދެކިގެންނުވާނެ" މުހުސިނާ ބުންޏެވެ. އޭނާ ފަދައިން ޝަމާޢިލް ވެސް ލިއަމް ގާތުން އެދުނީ ގެއަށް ބަދަލުވުމަށެވެ. ދެން އެންމެ ދުވަހެއް ވެސް މަޑުކުރާން އޭނާ ނޭދޭކަމެވެ.

އިރުއޮއްސުނު ވަގުތު ލިއަމްއަށް ގެއަށް އަންނަން މަޖުބޫރުވީ ޒައިދަން ފޮނުވި މެސެޖުންނެވެ. ލިއަމް ފޯނު ނަގާތޯ އޭނާ ދެފަހަރަކު ގުޅަން ވެސް ގުޅިއެވެ. އޭނާގެ ކުރީން މުހުސިނާ ވެސް ލިއަމްއަށް ގުޅިއެވެ. އެއިން ކޯލަކަށް ލިއަމް ކުޑަވެސް ސަމާލުކަމެއް ނުދިނީ ގަސްދުގައެވެ. ޒައިދަން ފޮނުވި މެސެޖުގައި އޮތީ ހޭޒަލްގެ މަންމަމެން އުޅޭ ގެއަށް ދާން މުހުސިނާ ތައްޔާރުވާކަމެވެ. އެހެންވެ ލިއަމްއަށް އަންގާލީ އެވެ. ވަގުތުން ގެއަށް އައިނަމަވެސް މުހުސިނާ ހުއްޓުވޭވަރުގެ ބަހަނާއެއް ލިއަމްއަކަށް ނުދެއްކުނެވެ. މުހުސިނާގެ ސުވާލުތައް ގިނަވެފައި އޭނާގެ އަނގައިން އަރައިގަތުން ފަސޭހަކަމަކަށްނުވީއެވެ. ހަޤީޤަތް ލިއަމް ހާމަކުރީ އެހެންވެއެވެ. އެހެންނޫނަސް ގިނަދުވަހަކަށް ސިއްރުވެފައި ދެންނޯންނޭކަން ލިއަމް ވެސް ދެނަހުއްޓެވެ. މުހުސިނާއަށް ވެސް ލިބުނީ ސިހުމެކެވެ. ލިއަމްގެ ގާތުން ހޭޒަލް ވަރިއަށް އެދިފާނޭކަން ޤަބޫލުކުރަން މުހުސިނާއަށް ދަތިވީއެވެ.

ރޭގަނޑުގެ ކެއުމުގައި ލިއަމް ވެސް ބައިވެރިވިއެވެ. އެކަމަކު އޭނާ ނިކަން އަވަހަށް ކައި ނިންމާލައި ގެއިން ނުކުތުމަށް އުޅުނެވެ. ޝަމާޢިލް ގޮވާލިއެވެ. ލިއަމް ހުއްޓުމުން އޭނާ ބުނީ ގެއަށް ގޮސް ހުރިހާ ސާމާނެއް ބަންދުކުރުމަށެވެ. ކައި ނިމިގެން ޒައިދަން ވެސް އޭނާއާއެކު ދާނޭ ކަމެވެ. މިރެއިން މިރެއަށް ބަދަލުވެވޭގޮތް ނުވި ނަމަވެސް ރޭގަނޑު ނިދަން އަންނަންވާނީ ގެއަށްކަމެވެ. އެހެންވީމަ މިވަގުތަށް ބޭނުންވާނޭ އެއްޗެހި ހިފައިގެން އައުމަށެވެ. ލިއަމް ހަމައެކަނި ބޯޖަހާލީއެވެ. އެމީހުންގެ ތެރޭގައި ނީންނަން ލިއަމް ނުކުތީ ސިޓިންރޫމަށެވެ. އޭނާ ހަމަ ދިއުމާއެކު ވީރާ ހީވީ ފުރުޞަތަކަށް ބަލަބަލާ އިންހެނެވެ.

"ތުއްތޭއަށް ކިހިނެއްތަވީ؟" ހުރިހާކަމެއް އެނގިހުރެ ވެސް ނޭނގޭކަމަށް ވީރާ ހެދުނެވެ.

"ހޭޒަލްއާ ދެމީހުން ވަކިވީއޯ" މުހުސިނާ ބުންޏެވެ.

"ލިއަމް އެހެންބުނިތަ؟" ޒައިދަންގެ ފުށުން ވެސް ފެނުނީ މުހުސިނާއާއި ޝާމާޢިލްގެ ފަރާތުން ފެނުނު ފަދަ އަސަރުތަކެކެވެ. އޭނާއަށް ވެސް އެ އިނީ ޤަބޫލުނުކުރެވިފައިކަން އެނގެއެވެ. ކިހިނެއްތޯވީ ޒައިދަންއަށް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. ހޭޒަލް ރަނގަޅުތޯ ރަފާއަށް އަހާލެވުނެވެ. އެ ދެމަފިރިންގެ މޫނުން ކަންބޮޑުވުން ފާޅުވިއެވެ. އެކަކުއަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ.

"ހޭޒަލް ވަކިވާން ބޭނުންވީއޯ" މުހުސިނާއަށް ބުނެވުނު ނަމަވެސް އެބުނި އެއްޗަކާމެދު އޭނާގެ ޔަގީންކަން ކުޑަކަން ފާޅުވެއެވެ.

"އަހަންނަށް ހީވި އޭނާ ތުއްތޭ ދޫކޮށްލާނޭ" ފަރުވާކުޑަ ރާގެއްގައި ވީރާ ބުނެލިއެވެ. އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.

"ވީރާއަށް ކަމެއް އެނގެނީތަ؟" މުހުސިނާއަށް ވަގުތުން އަހާލެވުނެވެ.

"ޒެއްލުއަކީ މަންމަމެން ހީކުރާ ކަހަލަ އަންހެނެއްނޫން... އޭނާގެ ވިޔާނުދާ ފަރާތް އަދި ނުފެންނާތި ނޭނގެނީ، އުޅެނީ ވަރަށް މާތްމީހަކަށްވެގެންނު... އެކަމަކު ބޮޑު ބަޑިއެއް އެއީ..." ވީރާ ހުއްޓާލީ އޭނާގެ ނަމުން ޝަމާޢިލް ތަންކޮޅެއް ބާރަށް ގޮވާލީމައެވެ.

"އަހަރެމެން އެއްޗެއްނުކިއްޔާ ރަނގަޅުވާނީ، ދެރަކަމެއް އެވީ، އަހަރެމެން އެކަކު ވެސް ބޭނުންވި ގޮތެއްނޫންމީ، އެކަމަކު ވާން އޮތްކަމެއް ނުވެސް ހުއްޓުވޭނެ، ލިއަމްއަށް އިތުރު ނުތަނަވަސްކަމެއް ލިބޭނީ އަހަރެމެން އޭނާގެ ދިރިއުޅުމުގެ ވާހަކަދައްކަންޏާ، ކަންތައްވީގޮތެއް އަހަރެމެން އެކަކަށް ވެސް ނޭނގޭ" ޝަމާޢިލް ބުންޏެވެ. ޒައިދަން ބޯޖަހާލީ އެ ވާހަކަ ޤަބޫލުކުރާކަމުގެ އިޝާރާތެއްގެ ގޮތުންނެވެ.

"މީ ހަދަހަދައިގެން ދައްކާ ވާހަކައެއްނޫނޭ ބައްޕާ" ވީރާ ބުންޏެވެ.

"އެކަމަކުވެސް ދެން ހެޔޮ... މީހަކު ވިޔާނުދާކޮށް އުޅުނެއްކަމަކު އޭނާގެ ވިޔާނުދާ ވާހަކަދެއްކުމަކީ ވެސް ރަނގަޅުކަމެއްނޫން" ޝަމާޢިލް ބުންޏެވެ. މުހުސިނާ ހުރީ ވާނުވާ ނޭނގިފައި ހުރިހެންނެވެ. ވީރާ އެފަދަ ވާހަކައެއް ހޭޒަލްއާ ގުޅުވާ ދައްކަންވީ ސަބަބެއް ނޭނގި ސުވާލު އުފެދިފައެވެ.

* * * * *

އިބާގެ ސުވާލު އަމާޒުވީ ސޯފާގައި އިން ސާރާ އަށެވެ. އެ ގެއަށް އައުން ސާރާ މަދުކޮށްލީ ކީއްވެތޯ އެނގެން އިބާ ބޭނުމެވެ. ނަމަވެސް ސާރާ ހަޤީޤަތް ހާމައެއްނުކުރިއެވެ. ދާރިއަންދެކެ އޭނާއަށް ލޯބިވެވުނެއްކަމަކު އެއީ އެއްފަރާތުން ވެވުނު ލޯތްބެއްކަން އެނގެނީ އޭނާއަށެވެ. އިބާގެ ވާހަކަ ހުރި ގޮތުން ދާރިއަންއާއި ސާރާއާ ދެމެދު އޮތް ގުޅުން ހީނަރުވެއްޖެކަމުގެ ހިލަން އޭނާއަށް ނުވާކަން ޔަގީންވިއެވެ. އިބާގެ ވިސްނުން ހުރީ ދާރިއަންއާއި ސާރާގެ ކައިވެނި ކުރުވުމަށެވެ. އޭނާ ދުރުދުރުން އެކި ފަހަރުމަތިން އެކަން ވަނީ ހާމަކޮށްފައެވެ. ދާރިއަންއަށް ޓަކައި އޭނާގެ ނަޒަރުގައި ސާރާ ހުރިހާ ގޮތަކުން ވެސް ފުރިހަމައެވެ. އޭރުން އިބާއާއި ގެއަށް އަންނަ ޅީދަރިފުޅާ އޮންނަ ގުޅުން ވެސް ވަރުގަދަވާނެތީއެވެ. އިބާގެ އެ ވިސްނުން ބަދަލުކުރުވުމުގެ ޚިޔާލެއް ސާރާގެ ވެސް ނެތެވެ. ފަހަރެއްގައި ސާރާއަށް އޭނާގެ ލޯބި ލިބެން އޮތް ގޮތަކީ އިބާ މެދުވެރިވެގެން ކަމަށްވަންޏާ އެގޮތް ވެސް އޭނާއަށް އެންމެ ރަނގަޅެވެ. އެކަމަކު ދާރިއަންގެ ކުރިމަތީގައި އޭނާ ގަދަކަމުން ލޯބި ހޯދަން އުޅޭކަމުގެ އިޝާރާތެއް ކުރާކަށް ބޭނުމެއްނުވެއެވެ. މައިންބަފައިންގެ އުންމީދުތައް ބޮލާލާ ޖަހާކަށް ދާރިއަންއަށް ނުކެރޭނޭކަން ސާރާއަށް އެނގެއެވެ. އެހެންވީމަ ދާރިއަން އެމީހުންގެ ބަސް ޤަބޫލުކުރުމަށް އެމީހުން ދައްކާ އަންހެންކުއްޖަކާ ކައިވެނިކުރާނެއެވެ. އެ އަންހެންކުއްޖަކީ ސާރާއަށްވުމުގެ ފުރުޞަތު ބޮޑުކަން ޚުދު އޭނާއަށް އެނގެއެވެ. އެ ވިސްނުމުގައި އިން ސާރާއަށް ދާރިއަންގެ ޢާއިލާއާ ދުރުވުމުގެ ބަދަލުގައި ގާތްކަން ބާއްވާ އެމީހުންގެ ތެރޭ ގިނަ ވަގުތު ހޭދަކުރުމުގެ މުހިންމުކަން އެނގުނެވެ. ލުއި ހިނިތުންވުމެއް ސާރާގެ ތުންފަތުގައި ދުވެލީ އޭނާ އަދި ނާއުންމީދުވާކަށް ނުވޭކަން އިޙްސާސް ކުރެވުމުންނެވެ. ކިތަންމެ ވަރަކަށް ނޫނެކޭ ބުންޏަސް އެންމެ ފަހު ވަގުތު ދާރިއަން އިންނާނީ ހަމަ ސާރާއާކަން އޭނާއަށް ޤަބޫލުކުރެވުނެވެ.

* * * * *

ހޭޒަލްގެ ސަމާލުކަން ހުއްޓިފައިވީ ލޯގަނޑުން ފެންނަ ސޫރަ އަށެވެ. ބުރުގާއާއި ދޫކޮށްހުރި ބޮޑު ހެދުމުގެ ތެރެއިން ފާޅުވަނީ ހަމައެކަނި ހޭޒަލްގެ މިލާފައިވާ މޫނެވެ. އެހެންނަމަވެސް ލޯގަނޑުން ފެންނަ އޭނާގެ ސޫރައާމެދު ހިތްހަމަޖެހުނެވެ. ބަޔާންކުރަން ނޭނގޭފަދަ ފިނިކަމެއް އޭނާގެ ޒަޚަމްވެފައިވާ ހިތަށް އިޙްސާސް ކުރެވުނެވެ. ހީވީ އަރާމު ވައިރޯޅިއެއްގެ ފިނި ބީހުން އިޙްސާސްވިހެންނެވެ. ޢުމްރާގެ އަޅުކަމުގައި ބައިވެރިވުމަށް ފުރަން ތައްޔާރުވެ ހުރިއިރު އޭނާގެ ހެދުމަށް ވަނީ ބަދަލު އައިސްފައެވެ. ސާއިރާ އެ ކޮޓަރިއަށް ވަނީ ހޭޒަލް އަމިއްލަ ސޫރައަށް ބަލަން ހުއްޓެވެ.

"ކީއްވެތަ ކުރީން މިކަހަލަ ހެދުމެއް ނުލީ" ލޯގަނޑުން ފެންނަން ހުރި ސާއިރާއާ ހޭޒަލް ވާހަކަދެއްކިއެވެ.

"މަންމައަށް ވެސް މިގޮތް ކަމު ގޮސްފި... ކޮންމެކަމެއް ވެސް ވާނީ ރަނގަޅަކަށް، މީ މިކަމަކަށް ﷲ ކަނޑައެޅުއްވި ވަގުތު، އަވަހަށް ހިނގާ، ދޮންބެމެން ވެސް އަތުވެއްޖެ" ހޭޒަލް ފަދައިން ބުރުގާއާއި ބޮޑުހެދުމުގައި ހުރި ސާއިރާ ބުންޏެވެ. ބޯޖަހާލުމާއެކު ހޭޒަލް އެނބުރިލިއެވެ. ދެމައިން އެކުގައި ހޭޒަލްގެ ކޮޓަރިން ނުކުތެވެ.

މުޅި ޢާއިލާ ފެންނަނީ ތަފާތުކޮށެވެ. ސާއިރާއާއި ހޭޒަލް ފަދައިން އާތިޝްގެ އަނބިމީހާ، ކީރާއާއި ދަރިފުޅު އަމީރާ ވެސް ތިބީ ބޮޑެތި ހެދުމުގައެވެ. އެންމެން އެކުގައި ގެއިން ނިކުތެވެ. މަގުމަތީގަ ރިޒްވާނުގެ ކުންފުނީގެ ވެހިކަލް އޮތެވެ. އޭގައި އެމީހުން އެއަރޕޯޓަށް ދަތުރު ފެށިއެވެ.

* * * * *

ކޮޓަރީގައި ޓަކި ޖަހާލި އަޑާއެކު ވަންނާށޭ ވީރާ ގޮވާލިއެވެ. އެއާއެކު އެތެރެއަށް ވަންތަން ފެނުނީ މުހުސިނާއެވެ. ވަގުތުން މުހުސިނާގެ ބޭނުން ވީރާ ދެނެގެންފިއެވެ. މުހުސިނާ އައިސް އެނދުގެ ފައިލާކޮޅުގައި އިށީނެވެ. ވީރާ ތައްޔާރުވަމުން ދިޔައީ ބޭރަށް ދާށެވެ. އޭނާގެ ހަރަކާތްތައް ހުއްޓުމަކަށް އައީ މުހުސިނާ ވަނީމައެވެ.

"މަންމަ ކަމެއް ބޭނުންވީތަ؟" ވީރާ އަހާލިއެވެ. މުހުސިނާ އިނީ ފާޑަކަށެވެ. ދައްކަން އައި ވާހަކައާމެދު ޔަގީންނުވެފައި ކަހަލައެވެ.

"އަހަންނަށް އަދިވެސް މިވިސްނެނީ ލިއަމްއާއި ހޭޒަލްއަށް ވީގޮތަކާމެދު... އެ ދެމެދަށް މީހަކުވަނީބާއޭ ވެސް ހިތަށް އަރާ" މުހުސިނާއަށް ބުނެވުނެވެ.

"ކަމެއްކުރިއްޔާ ކުރީ ޒެއްލު އަމިއްލައަށް، ތުއްތޭ އޭނާ ގެންގުޅުނީ ރާނީއެއްހެން، ޚަރަދުކޮށްލާއިރު އެޔެއްމިޔެއްނުބަލާ... ބަންދެއްލިބޭއިރަށް ޓްރެވެލްކުރުމުގަ... އޭނާ އަސްލު ތުއްތޭ ޔޫސްކޮށްލީ، މިހާރު އިށީންނާނެ މާރަނގަޅު ގަލެއް ފެނުނީ، އެހެންވެ ތުއްތޭގެ ބޭނުން ކެނޑުނީ ކަމަށްވާނީ... އޭނާ އެހެން ފިރިހެނަކާ ގުޅުން އޮންނަކަން އަހަންނަށް އޮތީ އެނގިފަ" ވީރާ ހިތަށް އައިހާ އެއްޗެއް ކިޔާލިއެވެ.

"ވީރާއަށް ޔަގީންވެގެންތަ ތިބުނަނީ" މުހުސިނާއަށް ބުނެވުނެވެ.

"އާނއެކޭ މަންމާ!..." ވީރާ އަޑަށް ބާރުލާފައި ބުންޏެވެ.

"ލިއަމްއަށް އެނގޭތަ؟" މުހުސިނާގެ އަޑުގައިވީ ކަންބޮޑުވުމެވެ.

"ތުއްތޭ ހުންނަނީ އެ އަންހެނާއާ ހެދި މޮޔަވެފަ، މަންމައަށް ހީވޭތަ އޭނާ ބުނާނެހެން" ވީރާ ބުންޏެވެ. ވިސްނަން އިން މުހުސިނާއަށް މަޑުމަޑުން ބޯޖަހާލެވުނެވެ.

"ހޭޒަލް އަހަރެމެންނާ ވެސް އެއްކޮށް ގުޅުން ކަނޑާލީ ދޯ އެ" ވިސްނަން އިނދެ މުހުސިނާ ބުނެލީ ލަސްލަހުންނެވެ.

"އެއްވެސް އިރަކު އޭނާ އަހަރެމެންނާ މާގުޅިގެން އުޅުނުތަ؟ މަންމަ އަބަދު ތުއްތޭއަށް ހަޅޭލަވަނީ... ކިހިނެއް އެނގެނީ ޒެއްލު އަންނަން ބޭނުންނުވާތީ ނޫންކަމެއް ތުއްތޭ މިގެއަށް ނާންނަނީ، އޭނާ ބުނާ ކަމެއްކޮށްދީގެންވިއްޔާ އެ އުޅެނީ" ވީރާ ބުންޏެވެ. ފުރަތަމަ ފަހަރަށް މުހުސިނާގެ ވިސްނުން ބަދަލުވިއެވެ. ވީރާ އެބުނީ ތެދެއްކަން ޤަބޫލުކުރެވުނެވެ. އޭނާ އަބަދުވެސް ލިއަމް ކުށްވެރި ކުރެއެވެ. އެގެއަށް ނާންނާތީއާ އެމީހުންނާ ގުޅުން ކުޑަކަމުންނެވެ. އެހެންކަންތައް އެވަނީ ހޭޒަލްއާ ހެދިއޭ އެއްފަހަރު ވެސް މުހުސިނާގެ ހިތަކަށް މިނޫނީ ނާރައެވެ. އޭނާއަށް ހޭޒަލް ފެނުނީ އަޚުލާޤު ރަނގަޅު ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައެވެ. ވިޔާނުދާ އެއްވެސް ސިފައެއް މުހުސިނާ ނުދެކެއެވެ. އެއާއެކު މުހުސިނާގެ ހިތަށް އެރީ އެހެން އަންނަ މަދު ފަހަރަކުން މީހެއްގެ ގޮތެއް ނޭނގޭނޭކަމެވެ. އެމީހުންނަށް ފެންނާނީ ހޭޒަލް އެމީހުންނަށް ދެއްކި ކުލައެއްތާއޭ މުހުސިނާގެ ޟަމީރު ވެސް އެއްބަސްވިއެވެ.

(ނުނިމޭ)