ގައުމީ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް، އަންހެން ގައުމީ ޓީމުގެ ކޯޗަކަށް ހުރި އަހްމަދު ނާޝިދު (ނާދު) ހަމަޖައްސައި ކުޅުންތެރިން ހޯދުމަށް ޓަރަޔަލް އަކަށް މިއަދު އިއުލާން ކޮށްފި އެވެ.
އަންޑަ 19 ގައުމީ ޓީމުގެ ކޯޗްގެ މަގާމު ހުސްވީ، އެ ޓީމުގެ ކޯޗަކަށް ހުރި ޝާޒްލީ މުހައްމަދު (ޝާޒް) އެ ޓީމުން އިސްތިއުފާ ދީ، ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު ކަމާ ހަވާލު ވުމުންނެވެ. ގައުމީ ޓީމުން އޭނާ ވަކި ވީ ސާފް ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ މުބާރާތުގެ ލޯ މެޑަލް ރާއްޖެއަށް ހޯދައިދިނުމަށް ފަހު އެވެ.
ނާދުގެ ކޯޗް ކަމުގެ ދަށުން ގައުމީ އަންހެން ޓީމުން ވަނީ މިފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދާފަ އެވެ. އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު، ވިދާޅުވީ ނާދު އަކީ އެފްއޭއެމްގެ ޓެކްނިކަލް ސްޓާފެއް ކަމަށާއި އެގޮތުގެ މަތިން އެފްއޭއެމުން ހަވާލު ކުރާ ކޮންމެ ޓީމެއްގައި އޭނާ އަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.
ގައުމީ އަންހެން ޓީމަށް ކޯޗަކު ހޯދަން އެފްއޭއެމުން ވަނީ ދާދި ފަހުން އިއުލާން ކޮށްފަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.
އަންޑަ 19 ޓީމުން ތައްޔާރު ވަމުން ދަނީ ޖަނަވަރީ ފަހު ކޮޅު ފެށުމަށް ހަމަޖެހިފައިވާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން 19 އަހަރުން ދަށުގެ ޓީމު އިތުރަށް ވަރުގަދަ ކުރަން ކުޅުންތެރިން ހޯދުމުގެ ގޮތުން ޓްރެއަލް އަކަށް މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. ޓާފް ދަނޑުގައި ބާއްވާ ޓްރެއަލް އަށް މިރޭ 7:00 ފެށިގެން 8:30 ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އެފްއޭއެމުން ހަމަޖައްސާފައި ވަނީ 16 އަހަރުން ދަށުގެ ގައުމީ ޓީމު، މިއަދު އިއުލާން ކުރި ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރި ކުރުމަށެވެ. ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެފްއޭއެމުން މިއަދު ވަނީ ހުޅުވާލާފަ އެވެ.
"މައިގަނޑު ފޯކަސްއަކީ ޓީމުތައް އެކުގައި އަބަދުވެސް ފަރިތަކުރާނެ ބަޔަކަށް ވުން، ވަރުގަދަ މެޗުތަކެއް ކުޅޭނެ ބަޔަކަށް ވުން." 19 އަހަރުން ދަށުގެ ގައުމީ ޓީމާއި 16 އަހަރުން ދަށުގެ ޓީމު، ދެ ޑިވިޝަންގައި ބައިވެރި ކުރާނެ ކަމަށް އިއުލާން ކުރަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވެފައި ވެއެވެ.